މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ހަކަތަ އިގްތިސާދު ކުރުމަށްޓަކައި މެލޭޝިޔާގެ ސިވިލް ސާވިސް މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރޭ ވިދާޅުވީ މިމަހު 15 އިން ފެށިގެން މިނިސްޓްރީތަކާއި އެޖެންސީތަކާއި ގާނޫނީ އިދާރާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖެއްސީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ކުރާ އަސަރު އެ ގައުމަށް އިހުސާސް ކުރެވެން ފެށުމާ ގުޅިގެންނެވެ.

"ކެބިނެޓުން ވަނީ ގޭގައި ތިބެގެން މަސައްކަތްކުރާ ސިޔާސަތަށް އެއްބަސްވެފައި. މީގެ ބޭނުމަކީ ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް، ހަކަތަ ލިބުމުގައި ހުރަހެއް ނެތްކަން ކަށަވަރު ކުރުން،" ހާއްސަ ބްރީފިންއެއްގައި އަންވަރު ވިދާޅުވިއެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވި ނަމަވެސް، ވަރަށް އަވަހަށް އިތުރު މައުލޫމާތު ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މެލޭޝިއާއަކީ ތެލަށް ބޮޑު ސަބްސިޑީއެއް ދޭ ގައުމެކެވެ. އެގޮތުން ޝަރުތު ހަމަވާ ރައްޔިތުންނަށް އަންލެޑެޑް ޕެޓްރޯލް ލިޓަރެއް ލިބެނީ އެންމެ 1.99 ރިންގިޓް (0.49 އެމެރިކާ ޑޮލަރު) އަށެވެ.

ނަމަވެސް ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެލުގެ އަގު އުފުލި، އީރާނުން މުހިންމު ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުން، ސަބްސިޑީ ދޭ ތެލުގެ ކޯޓާ މަހަކު 300 ލިޓަރުން 200 ލިޓަރަށް މަދުކުރާނެ ކަމަށް އަންވަރު ވިދާޅުވިއެވެ.

ސަބްސިޑީ ނުލިބޭ ތެލުގެ އަގުތައް ހުންނާނީ ދުނިޔޭގެ ބާޒާރުގެ އަގުތަކާ އެއްގޮތަށެވެ.

އެގައުމުގެ ފޮރިން މިނިސްޓަރު މުހައްމަދު ހަސަން މިދިޔަ ހަފުތާގައި ވިދާޅުވީ ޕެޓްރޯނަސް، ސަޕޫރާ އެނާޖީ އަދި މެރިޓައިމް ކުންފުނި އެމްއައިއެސްސީގެ ތެޔޮ ޓޭންކަރުތައް ކަނޑުއޮޅިން ރައްކާތެރިކަމާ އެކު ދަތުރުކުރުމުގެ ހުއްދައަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ.

އަދި އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް އިތުރަށް ވިދާޅުވީ، އީރާނުން ނަގާފާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ އެއްވެސް ޓޯލް ފީއަކުން މި އުޅަނދުތައް އިސްތިސްނާވާނެ ކަމަށެވެ.

"އަހަރެމެންނަކީ އެކުވެރި ބައެއް. އީރާނު ސަރުކާރާއެކު އަހަރެމެންގެ އޮތީ ރަނގަޅު ހާރިޖީ ގުޅުމެއް،" އީރާނުން އުޅަނދުތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭނެ ކަމުގެ ޔަގީންކަން ފާޅުކުރައްވަމުން އޭނާ ވިދާޅުވިއެވެ.