ހާޓް އެޓޭކެއް ޖެހިގެން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ހާޓް އެޓޭކެއް ޖެހި ހާލު ދެރަވެގެން މުސްތަފާ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެގެ ވަގުތެއްގައެވެ. އަދި އޭނާ އެޑްމިޓް ކޮށްފައިވަނީ އައިޖީއެމްއެޗްގައެވެ.

ހާޓް އެޓޭކެއް ޖެހި މުސްތަފާ އެޑްމިޓްކޮށްފައިވާ އިރު، އޭނާގެ މިހާރުގެ ހާލަތު ސާފުވާ ގޮތް އަދި ވަނީ ނުވެފައެވެ.

މުސްތަފާއަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގައި ހުންނަވަނިކޮށް ޕީޕީއެމުން ވަކިވެގެން ކަމަށް ބުނެ ގޮނޑި ގެއްލުވައިލި 12 މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރެކެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމައިފައެވެ.

މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މުސްތަފާ ވާދަކުރެއްވި ނަމަވެސް، އިންތިހާބު ކާމިޔާބުކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ނުކުމެވަޑައިގެންނެވި އަބްދުﷲ ރިޔާޒެވެ.