ޚަބަރު

އެމްޑީއެން އާއި އުތެމާގެ މުއައްސިސުންނަށް ގާނޫނީ ފިޔަވަޅު އަޅައި ދައުވާކުރުމަށް ރައްޔިތުންގެ އިއްތިހާދުން ގޮވާލައިފި

އިބްރާހިމް ޒަކީ

އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަވާ ފަދަ ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ޝާއިއުކުރި، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި އުތެމަ ޖަމިއްޔާގެ މުއައްސިސުންނަށް ގާނޫނީ ފިޔަވަޅު އަޅައި، އެފަރާތްތަކުގެ މައްޗަށް ކުރެވެން ހުރި ދައުވާތައް މިހާރުން މިހާރަށްކޮށް ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށް، ދީނާ ހިލާފު ޝިއާރު ފާޅުކުރާ ފަރާތްތަކާ ދެކޮޅަށް މަސައްކަތްކުރަން އެކުލަވައިލި ރައްޔިތުންގެ އިއްތިހާދުން ގޮވާލައިފިއެވެ.

މި އިއްތިހާދަކީ ދީނީ ގޮތުންނާއި، އެކި ގޮތްގޮތުން މުޖުތަމައަށް ހިދުމަތް ކުރުމަށް އުފައްދާފައިވާ ބައެއް ޖަމިއްޔާތައް ގުޅިގެން އެކުލަވާލާފައިވާ އިއްތިހާދެކެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މައުލޫމާތުދެއްވަމުން ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އެމްޑީއެން އުވާލައި، މުއައްސިސުންނަށް ފިޔަވަޅު ނޭޅި އުޅެނިކޮށް އުތެމަ ނަމަކަށް ކިޔާ ޖަމްއިއްޔާއަކުން އެ ރިޕޯޓް ދިފާއުކޮށް އޭގައި ހުރި ދީނުގެ އަސްލުތަކާ ހިލާފު މާއްދާތަކަށް ބާރުދީ އެކަންކަން ރާއްޖޭގައި ތަންފީޒު ކުރަން ބާރުއަޅައި އެ ރިޕޯޓް ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ ކަމަށެވެ.

ރާއްޖޭގައި ފައްޅި އެޅުމަށާއި، ޣައިރު ދީންތަކަށް ފުރުސަތު ދިނުމަށާއި، ޒިނޭގެ ހައްދު ގާނޫނުތަކުން އުނިކުރުމަށާއި، ތަފާތު އެކިއެކި ޖިންސީ ގުޅުންތަކަށް އަދަބު ނުދީ، އެކަންކަން އާއްމުކުރުމަށް އެ ހުށަހެޅުމުގައި ގޮވާލާފައިވާ ކަމަށް ވެސް އިބްރާހިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަރާތްތަކަށް ފިޔަވަޅު ނޭޅުމަކީ، ވަގަކު ވައްކަންކުރުމުން، ވަގުމީހާގެ އަތުގައި އޮތް ދަބަސް ސަރުކާރަށް ނަގައިފައި އެމީހާ ދޫކޮށްލުން ފަދަ ކަމެއް ކަމަށެވެ. އެފަދަ މާނައެއް ނެތް ގޮތަށް ގާނޫނަކަށް ޖޯކު ޖެހި، ގާނޫނީ ބާރު ކެނޑިގެން ދިއުމަކީ ރައްޔިތުން އެދޭނެ ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އިބްރާހިމް ވަނީ އިސްލާމިކް މިނިސްޓްރީ އާއި، އިސްލާމްދީނުގެ އަސާސްތަކާ ހިލާފަށް ކަންކަން ހިންގާތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ކޮމިޓީ އާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްވެސް ބައެއް ސުވާލުތައް ކުރިމަތިކުރުއްވައިފައެވެ.

އިސްލާމިކް މިނިސްޓްރީއާއި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަންގެ މަސްއޫލިއްޔަތުތައް އުފުލާފައިވާ މިންވަރާ ބެހޭގޮތުން އިބްރާހިމް ވަނީ ސުވާލުކުރައްވައިފައެވެ. އަދި އެމްޑީއެންގެ މުއައްސިސުންގެ ތެރޭގައި ކޮމިޝަނާ އޮފް ޕޮލިސް ހިމެނޭކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެ ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރާ ކޮމިޓީގައި ސީޕީ މުހައްމަދު ހަމީދާއި ހަމަ އެފަދަ ތުހުމަތުތައް ކުރެވޭ ބޭފުޅަކު ރައީސް އޮފީހުގެ މަތީމަގާމެއް އަދާކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ފިޔަވަޅު ނޭޅޭނީ ކީއްވެތޯ ލީގަލް ކައުންސިލް ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަބުދުﷲ އަފީފަށް އަބްރާހިމް ވަނީ ސުވާލު ކުރިމަތިކުރައްވައިފައެވެ.

އިސްލާމްދީން ހިމާޔަތް ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފަިއވާ ފަރާތްތަކަށް އެ މަސްއޫލިއްޔަތު އަދާކުރަމުން ނުދިއުމާއި، އާއްމު އިޖުތިމާއި މިންގަނޑުތަކާ ހިލާފް ކަންކަން އިތުރުވަމުންދާތީ، ފެއިތު ރިކަވަރީ ކޮމިޝަނެއް އުފެއްދުމަށް އިބްރާހިމް ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

އިބްރާހިމްގެ ވާހަކައިގައި، ޣައިރު ދީންތަކަށް އަޅުކަންކުރާ ތަންތަން ރާއްޖޭގައި މިހާރު ހުރެދާނެކަމަށް އިޝާރާތް ކުރައްވައި ވިދާޅުވީ، އެކަމާބެހޭ ތަހުގީގެއް އެބޭފުޅުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަމާބެހޭ ހޯދުންތައް އެބަހުރި ކަމަށާއި ކަމާބެހޭ ރިޕޯޓް ފުރިހަމަވީހާ އަވަހަކަށް އެކަން ހާމަކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން މާލޭގައި ފައްޅި ފަދަ ޣައިރު ދީންތަކަށް އަޅުކަންކުރާ ތަންތަން ހުރިތޯ ބެލުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ފުލުހުންނަށާއި، ކައުންޓާ ޓެރަރިޒަމް ޔުނިޓަށް އިބްރާހިމް ގޮވައިލެއްވިއެވެ.