"ނޫނެކެވެ! ސާހިބާއެވެ. އެބައިމީހުން މާއަވަހަށް އެނބުރިދިޔުމުން އަޅުގަނޑު މިހުރީ ހައިރާންވެފައެވެ."
"ކަލާ ތިޔައަށްވުރެ މާބޮޑަށް ހައިރާންވެވަޑައިގަންނަވާނޫއެވެ. އަޅުގަނޑުގެ ދަރުބާރުން އެބައިމީހުން ނުކުތްއިރު އެބައިމީހުންގެ އެންމެ ޢިއްޒަތްތެރި ބައިވެރިޔާގެ ބޯމަތީގައިހުރީ ވެލިޓުކުރިޔެކެވެ."
"ވެލިޓުކުރިޔެކޭތޯއެވެ؟"
"އާދޭހެވެ. އެބަދަވީން އީރާނުގެ ވެއްޔާމެދުވެސް ދެކެނީ އަގުހުރި ހަދިޔާއެއް ކަމުގައެވެ. އަޅުގަނޑުގެ ހިތާމަޔަކީ އެއިން ކޮންމެ މީހަކަށް ވެލިޓުކުރިޔެއް ނުދެވުނުކަމެވެ. ޔަޒުދުގިރުދު ހިނިފުޅުވަޑުވަން މަސައްކަތްޕުޅު ކުރެއްވިއެވެ. އިރުކޮޅެއްވަންދެން އެކޮޓަރިކޮޅު ގުގުމަމުންދިޔައީ ހާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުން ކަކަކަކަ އަޅުއްވައި ހިނިފުޅުވަޑުވާ އަޑުފުޅުންނެވެ. ނަމަވެސް ރުސްތުމުގެ މޫނުފުޅު ކުއްލިޔަކަށް ރީނދޫވެއްޖެއެވެ. އޭނާއަށް ހަޅޭފުޅު ލައްވައިގެންނެވިއްޖެއެވެ." ސާހިބު ރަސްގެފާނު އަޅުގަނޑުމެންގެ ދުޝްމިނުންނަށް އީރާނުގެ ވެލިދެއްވީތޯއެވެ؟"
"ކަލާ ހީފުޅުކުރެއްވީ އަޅުގަނޑު ސަމާސާކުރަނީ ކަމުގައިތޯއެވެ؟"
"މާތްވެގެންވާ ސާހިބާއެވެ! ތިޔައީ ސުންޕާކަމެކެވެ. ނުބައި ފާލެކެވެ!" ރުސްތުމު އެހެން ވިދާޅުވެފައި ފަހަތަށް އެނބުރިވަޑައިގެން ވަރަށް ބާރަށް ދުވެވަޑައިގެންފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ.
އޭނާ ކުޑައިރުކޮޅެއްގެ ތެރޭގައި ހުންނެވީ ގަނޑުވަރުން ބޭރުގައެވެ. އޭނާގެ އަރިހުގައި އައި ހަށިފާރަވެރީންގެ ސަވާރުންނަށް އަމުރު ކުރެއްވިއެވެ. "ދުޝްމިނުންގެ ސަފީރުން މިތަނުން ވެލިޓުކުރިއެއް ގެންގޮސްފިއެވެ. އެބައިމީހުންގެ ފަހަތުން އަވަހަށް ދާށެވެ. އެ ވެލިޓުކުރި އަތުލާށެވެ."
"ވެލިޓުކުރިޔެކޭތޯއެވެ." ފާރަވެރީންގެ ގެމައިގެ އޮފިސަރެއް ހައިރާންކަމާއެކު ސުވާލު ކުރިއެވެ.
ރުސްތުމު ކޯފާވެފައި ވިދާޅުވިއެވެ. "މޮޔަޔާއެވެ! ވަގުތު ނަގައިނުލާށެވެ. އެބައިމީހުންނަކަށް އަދިޔެއް މާކަދުރަކަށެއް ނުދެވޭނެއެވެ. އަތުލެވުނު ގޮތަކަށް އެ ވެލިޓުކުރި އަތުލާށެވެ. އަހަރެން ގޭގައި ތިޔަބައިމީހުންނަށް އިންތިޒާރު ކުރާނަމެވެ."
އަސްވާރުން އެބައިމީހުންގެ އަސްތަކުގައި ހަންމުށި އަޅައިފިއެވެ. އެކަމަކު މެންދުރުން އެނބުރިތަނާ އެބައިމީހުން އެނބުރިއައިސް ދެންނެވީ އެބައިމީހުންނަށް މުސްލިމުންގެ ސަފީރުން އަތުނުވި ވާހަކައެވެ.
+ + + + +
ماه بانو އާއި يـاسمـين އާ ދެބޭފުޅުން ތިއްބެވީ ގޭގެ ބިއްދޮށު ބަގީޗާގެ ތެރޭގައި ހިންގަވަ ހިންގަވައެވެ. ދޮރޯއްޓާ ދިމާއިން ނޯކަރެއް ވަރަށް ބާރަށް ދުވެފައި އައިސް ދެންނެވިއެވެ. ماه بانو އެވެ. ކޮމާންޑަރ އިން ޗީފް ރުސްތުމު އެތެރެޔަށް ވެދެވަޑައިގަންނަވާން ބޭނުންފުޅެވެ. އޭނާގެ ގާޑިޔާކޮޅު ދޮރޯށި ކައިރީގައި އެބައޮތެވެ. އޭނާ ވިދާޅުވީ ޒަރުބަޚުތުގެ ކޮއްކޯފުޅާ ބައްދަލުވެވަޑައިގަންނަވާން ބޭނުންފުޅު ކަމުގައެވެ. އަމުރުފުޅު އޮތްނަމަ ދޮރޯށި ހުޅުވައިލާނަމެވެ."
ماه بانو ގެ މޫނުފުޅު ރީނދޫވެއްޖެއެވެ. އޭނާ ސުވާލު ކުރެއްވިއެވެ. "އަހަރެން ގޭގައި އުޅޭ ވާހަކަ ދެންނެވީމުހެއްޔެވެ؟"
އޭނާއަށް އެވާހަކަ ދަންނަވާކަށެއް ނުޖެހެއެވެ. ކަމަނާ އުޅުއްވަނީ މިގޭގައިކަން އޭނާޔަށް އެނގިވަޑައިގަންނަވައެވެ. އޭނާގެ އަރިހުގައި އައިމީހުންކުރެ އެކަކު ދޮރޯށީގައި ޓަކިޖަހައިލައިފައި ބުންޏެވެ. ޒަރުބަޚުތުގެ ކޮއްކޯފުޅަށް ދަންނަވާށެވެ. ސިފައިންގެ އެންމެ އިސްވެރިޔާ އެކަމަނާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅެވެ. އަޅުގަނޑު އޭނާއާ ވާހަކަ ދެއްކުމުގެ ބަދަލުގައި އަވަހަށް ދުވެފައި މިއައީއެވެ. ކަމަނާ ހުއްދަ ދެއްވައިފިނަމަ ދޮރޯށި ހުޅުވައިދޭންވެގެންނެވެ."
"ޚުދު އޭނާ ކަލެޔާ އެއްވެސް ވާހަކަފުޅެއް ދެއްކެވި ހެއްޔެވެ؟"
"ނޫނެކެވެ. އޭނާގެ ގާޑިޔާކޮޅު ދޮރޯށީގެ ކުރިމަތީގައި ތަންކޮޅެއް ދުރުގައި މަޑުކޮށްފައި އެބައޮތެވެ. ދޮރޯށީގެ ބާކޮޅުން އަޅުގަނޑަށް ރީތިކޮށް ފެނެއެވެ."
"އެއީ ރުސްތުމުކަން ކަލެޔަށް ޔަގީންހެއްޔެވެ؟"
"އާދޭހެވެ. އަޅުގަނޑު އޭނާ ދަންނަމެވެ."
ماه بانو ސުވާލު ކުރެއްވިއެވެ. އޭނާގެ އަރިހުގައި އައީ ކިތައް މީހުންހެއްޔެވެ؟"
"އޭނާގެ އަރިހުގައި އައީ ސަވާރުންގެ ދެމީހުންނެވެ."
ماه بانو يـاسمـين އާ ދިމާޔަށް ބައްލަވައިލައްވައިފައި އާދޭހުގެ ރާގެއްގައި ވިދާޅުވިއެވެ. "يـاسمـين އެވެ. އަޅުގަނޑު އޭނާއަކާ ވާހަކައެއް ނުދައްކާނަމެވެ."
"އެކަމަކު އޭނާއަކީ އީރާނުގެ ސިފައިންގެ ވެރިޔާއެވެ."
"އޭނާގެ އަރިހުގައި ވިދާޅުވާށެވެ. އަޅުގަނޑު އުޅެނީ ބަލިވެއެވެ..... ނޫނެކެވެ. އަޅުގަނޑު ތިމާގެ މީހެއްގެ ގެޔަށް ހިނގައްޖެއޭ ވިދާޅުވާށެވެ. ކަލާއާމެދު ބޭއަދަބީކޮށެއް އޭނާ ކަންތައްތަކެއް ނުކުރައްވާނެއެވެ. ކަލާގެ ބައްޕާފުޅާއި މާފާފުޅު އޭނާއަށް އެނގިވަޑައިގަންނަވާނެއެވެ."
يـاسمـين ވިދާޅުވިއެވެ. އޭނާ އެވަޑައިގެންނެވީ ކަލާގެ ބޭބޭފުޅާ ބެހޭ ވާހަކަފުޅެއް ވިދާޅުވާންކަމުގައިވެސް ވެދާނެއެވެ."
"މިހައިދުވަސްފަހުންވެސް އޭނާގެ ހިތްޕުޅުގައި އަޅުގަނޑާމެދު އޯގާވެރިކަމެއް އުފެދުނު ކަމުގައިވާނަމަ އަޅުގަނޑުގެ ބޭބެ އޭނާގެ އަރިހުގައި ހުންނަވާން ޖެހޭނެއެވެ. ކޮންމެއަކަސް އަޅުގަނޑު ރަހުމާއި އޯގާވެރިކަމާއި އިންސާފަށް އެދި އޭނާގެ ކުރިފުޅުމައްޗަކަށް ދެވަނަފަހަރަކަށް އަތްދިއްކޮށެއް ނުލާނަމެވެ. އަޅުގަނޑު ފިލާނަމެވެ. ކަލާ އޭނާ އެތެރެޔަށް ގެންނަވާށެވެ. "ماه بانو އެހެންވިދާޅުވެފައި ޚާދިމާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. އޭނާ يـاسمـين ގެ އަރިހަށް ގެންނާށެވެ. އަހަންނާ ބެހޭގޮތުން ސުވާލުކޮށްފިނަމަ އަހަރެން މިހާރު މިގެއަކު ނުއުޅެއޭ ދަންނަވާށެވެ."
ޚާދިމު ދިޔުމުން يـاسمـين ވިދާޅުވިއެވެ. "ماه بانو އެވެ. އެއީ އީރާނުގެ ސިފައިންގެ އިސްވެރިޔާއެވެ. އޭނާ މިގެ ފާސްކުރައްވަން އުޅުއްވައިފިނަމަ އަޅުގަނޑަކަށް އެކަން މަނައެއް ނުކުރެވޭނެއެވެ."
އޭނާ ގެ ފާސްކުރައްވާން އުޅުއްވައިފިނަމަ މަނާކުރައްވާނެކަމެއް ނެތެވެ. އަޅުގަނޑު އެތެރެޔަކަށް ނުދާނަމެވެ."
ماه بانو ދުވެވަޑައިގެންފައި ވަޑައިގެން ފާރުކައިރީގައިހުރި އަންނާރުގަސްތަކުގެ ތެރޭގައި ފިލައިވަޑައިގެންފިއެވެ. އިރުކޮޅެއްގެފަހުން ރުސްތުމު ހުންނެވީ يـاسمـين ގެ އަރިހުގައެވެ. "ތިޔައީ ސަރޫޝްގެ ދަރިކަނބަލުންތޯއެވެ؟" ރުސްތުމު ސުވާލު ކުރެއްވިއެވެ.
"އާދޭހެވެ."
"ކަމަނާގެ ނޯކަރުން ވަރަށް އަދަބު ކުޑައެވެ."
يـاسمـين ޖަވާބު ދެއްވިއެވެ. "އީރާނުގެ ސިފައިންގެ ވެރިޔާ މިގެޔަށް ފައިންޕުޅު އަޅުއްވާނެކަން އަޅުގަނޑަށް އެނގިފައި އޮތްނަމަ ތަންކޮޅެއް ރޯފިލާ މީހަކު ދޮރޯށީގައި ބެހެއްޓީމުހެވެ. އަޅުގަނޑުގެ ޚާދިމުންގެ ތެރޭގައި ތިބި ހޭލުންތެރި ދެމީހަކު މިވަގުތުވީ ބާޒާރަށް ގޮހެވެ. އެމީހުން ދަމުން ދޮރުފާރަވެރިޔާ ގާތުގައި ދޮރޯށި ބަންދުކުރާށޭ ބުނީކަމުގައި ވެދާނެއެވެ."
ރުސްތުމު ސުވާލުކުރެއްވިއެވެ. "ޒަރުބަޚުތުގެ ކޮއްކޮ ކޮބައިތޯއެވެ؟"
"ދުވަސްކޮޅެއްގެ ކުރީން އޭނާ ވަނީ މަދާއިނުގައި ހުންނަވާ އޭނާގެ ތިމާގެފުޅު ބޭފުޅެއްގެ ގެޔަށް ބަދަލުވެވަޑައިގެންފައެވެ. އެތެރެޔަށް ވަޑައިގަންނަވާށެވެ."
ރުސްތުމު ކުޑައިކޮށް ވިސްނައިވަޑައިގެންނެވުމަށްފަހު ޖަވާބު ދެއްވިއެވެ. "ނޫނެކެވެ. މިވަގުތު އަޅުގަނޑު މިއުޅެނީ ވަރަށް އަވަދިނެތިއެވެ. އެކަމަކު އޭނާ މިގޭގައި ވަޑައިގެން ނެތްކަން ކަމަނާއަށް ޔަގީންފުޅުތޯއެވެ؟"
"ގަބޫލު ނުކުރެއްވޭނަމަ މަނިކުފާނަށް އަޅުގަނޑުގެ ގެ ފާސްކުރެއްވިދާނެއެވެ."
ރުސްތުމު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު މިއައީކީ ކުށްވެރިޔަކު ހޯދާކަށެއް ނޫނެވެ."
يـاسمـين ވިދާޅުވިއެވެ. "މަނިކުފާނު އޭނާޔަށް ޚަބަރެއް ފޮނުއްވާން ބޭނުންފުޅުނަމަ އަޅުގަނޑު އޭނާ ހޯދޭތޯ ބަލައިފާނަމެވެ. އޭނާ ދުވަސްކޮޅަކުން އެނބުރި މިގެޔަށް ވަޑައިގެންނެވުމަކީވެސް އެކަށީގެންނުވާކަމެއް ނޫނެވެ."
ރުސްތުމު ވިދާޅުވިއެވެ. "ކަމަނާ އޭނާޔަށް ޚަބަރު ފޮނުއްވާށެވެ. އަޅުގަނޑު މިދަނީ ހަނގުރާމަޔަށެވެ. މިދިޔަ ދުވަސްތަކުގައި އަޅުގަނޑަކަށެއް އޭނާގެ ބޭބެއާމެދު ވިސްނާނެ ފުރުސަތެއް ނުލިބުނެވެ. އެކަމަކު ފަތަޙަޔަށްފަހު މަދާއިނަށް އެނބުރިއައިސް އަޅުގަނޑު އެންމެފުރަތަ ކުރާނެކަމަކީ ޤައިދީންކުރެ ބައެއްމީހުން ދޫކޮށްލުންކަމުގައި ވެދާނެއެވެ."
ލިބިވަޑައިގެންނެވި އުފާފުޅުން يـاسمـين ގެ މޫނުފުޅު ވިދައި ބަބުޅައިގަތެވެ. އެއާއެކު އޭނާގެ ލޯފުޅުން ކަރުނަފޮދު އަތުވެއްޖެއެވެ. يـاسمـين ވަރަށް އުނދަގޫފުޅުން ވިދާޅުވިއެވެ. "ماه بانو ގެ ބޭބޭފުޅުގެ ކުށެއްނެތެވެ. މަނިކުފާނު ރަނގަޅު ސިފައިންގެ މީހަކު ބޭނުންފުޅުވާނެއެވެ. މަނިކުފާނަށް ހަނގުރާމައިގެ މައިދާނުގައި އޭނާގެ ވަފާތެރިކަން ސާބިތުކޮށްދެއްވުމުގެ ފުރުސަތު ނުދެއްވޭނެތޯއެވެ؟"
ރުސްތުމު ޖަވާބު ދެއްވިއެވެ. "ފަތަޙައިގެ އުފަލުގައި އަޅުގަނޑަށް އޭނާގެ ކުށް ހަނދާން ނައްތައިލެވުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާގެ އަދަބުގެ ބާކީބައި މަޢާފުކޮށްދެވިދާނެއެވެ. އެކަމަކު އޭނާ ޖަލުން ނެރެފައި އޭނާއާ މަސްއޫލިއްޔަތެއް ހަވާލުކުރުމަކީ އަޅުގަނޑަށް ކުރެވޭނެކަމެއް ނޫނެވެ."
يـاسمـين ގެ ހިތްޕުޅު ކުޑައިވެއްޖެއެވެ.
ޒަރުބަޚުތު ދޫކޮށްލެވުނު ކަމުގައިވިޔަސް އޭގެ ސަބަބަކަށްވާނީ އޭނާއަކީ އަޅުގަނޑު އެއަންހެން ބޭފުޅެއްގެ ލޯފުޅުން ކަރުނަފޮދު ދެކޭން ނޭދޭ ބޭފުޅެއްގެ ބޭބެކަމުގައިވުމެވެ. ކަމަނާ އޭނާއަށް ޚަބަރުދެއްވާށެވެ. "އަޅުގަނޑު ހަނގުރާމައިން ނިމިގެން އަންނާނީ ސީދާ އޭނާގެ އަރިހަށެވެ. އަޅުގަނޑުމެން ދެމީހުންގެ ދެމެދުގައިވާ ނަފުރަތުގެ ފާރު ދެމިހުއްޓަނުދޭން އަޅުގަނޑު މަސައްކަތް ކުރާނަމެވެ."
يـاسمـين ގެ ހިތްޕުޅު އުންމީދުން ފުރުމާއެކު ވިދާޅުވިއެވެ. "މަނިކުފާނު ފަތަޙައިގެ އުފާފުޅުގައި އޭނާގެ ބޭބެ ދޫކޮށްލައްވާނެކަމުގެ އުފާވެރި ޚަބަރު އަޅުގަނޑަށް އޭނާޔަށް އެރުވިދާނެތޯއެވެ؟"
"އާދޭހެވެ. ޒަރުބަޚުތު ދޫކޮށްނުލައި އޭނާގެ ނަފުރަތު ފިލުވައިނުލެވިއްޖެނަމަ އަޅުގަނޑުގެ ޙަޔާތުގެ މުހިންމު އުސޫލެއް ބަދަލުކޮށްލަން އަޅުގަނޑު ތައްޔާރުވުމަކީ އެކަށީގެންވާ ކަމެކެވެ. ކަމަނާ ماه بانو ގެ އަރިހުގައި ވިދާޅުވާށެވެ. މުސްތަޤުބަލުގައި ޙާލަތު ކޮންމެގޮތަކަށް އޮތަސް، އޭނާއަށް އަޅުގަނޑަށް ފިލައިވަޑައިގެން އުޅުއްވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެއެވެ. އަޅުގަނޑަކީ ބަންދު ދޮރުތަކުގައި ޓަކިދޭހިތްވާ މީހަކީމެއް ނޫނެވެ. ކަމަނާގެ މޫނުފުޅު ހެކިދެނީ ماه بانو މިގޭގައި އެބައިންނެވި ކަމުގައެވެ." ރުސްތުމު އެހެން ވިދާޅުވެފައި އެނބުރިވަޑައިގަންނަވާން ހިންގަވައިގެންފިއެވެ.
يـاسمـين ކުއްލިޔަކަށް ކުރިޔަށް ވަޑައިގެން ވިދާޅުވިއެވެ. "މަޑުކުރައްވައި ބައްލަވާށެވެ."
ރުސްތުމު ހުއްޓިވަޑައިގެން އެނބުރި ބައްލަވާން ފައްޓަވައިފިއެވެ. يـاسمـين މުޅީންވެސް އާދޭސްކުރައްވާ ރާގުގައި ވިދާޅުވިއެވެ.
"މަނިކުފާނު ماه بانو އަށް މާފުކުރައްވާށެވެ. އޭނާ މަނިކުފާނުގެ އަރިހަށް ވަޑައިގެންނެވި ދުވަހު ހުންނެވި ބޭޤަރާރުކަމަކީ އުޚުތެއްގެ ހާސްކަމާއި ކަންބޮޑުވުމެވެ. މަނިކުފާނު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާފަދަ ޖުމުލައެއް އޭނާއަށް ވިދާޅުވެވިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު މަނިކުފާނު އޭނާގެ ބޭބޭފުޅު ދޫކޮށްލައްވައިފިނަމަ އޭނާޔަކީ ޝުކުރުވެރިވެވަޑައިނުގަންނަވާ ބޭފުޅަކު ކަމުގައެއް ފެނިވަޑައެއް ނުގަންނަވާނެއެވެ."
"ކަމަނާ އޭނާގެ އަރިހުގައި ވިދާޅުވާށެވެ. ހަނގުރާމައިން އެނބުރި އައުމަށްފަހު އަޅުގަނޑު ދެކޭން ބޭނުންވާނީ އޭނާގެ ކަރުނަފޮދުގެ ބަދަލުގައި ހިނިފުޅުވެޑުވުމެވެ. އަޅުގަނޑަށް އާދޭސްކުރެއްވުމުގެ ބަދަލުގައި އޭނާޔަށް އަޅުގަނޑަށް އަމުރުކުރެއްވެވުމަކީވެސް ވެދާނެގޮތެވެ. ކަމަނާގެ ނަންފުޅަކީ ކޮބައިތޯއެވެ؟"
"يـاسمـين" ލޯފުޅުން ކަރުނަފޮދު އޮހޮރުއްވެވުމާއެކު ވިދާޅުވިއެވެ.
"ކަމަނާ ކީރިތިކުރައްވަނީތޯއެވެ. ކަމަނާއަށް ތަސައްލީ ލިބިވަޑައިގެންނެވުމަށްޓަކައި އަޅުގަނޑު މިގެއަށް އައުމެއް ނުފުދޭތޯއެވެ؟ ވަޑައިގެން ماه بانو ގެ އަރިހުގައި ވިދާޅުވާށެވެ. އޭނާގެ ބޭބޭފުޅަށް ހަނގުރާމައިގެ މައިދާނަށްވުރެ ރައްކާތެރީ ޖަލެވެ. އެތާކު އޭނާއަށް އެއްވެސް އުނދަގޫފުޅުކަމެއް ނޯންނާނެއެވެ. އަޅުގަނޑު ވަޢުދުވަމެވެ. ހަނގުރާމަޔަށްފަހު އަޅުގަނޑު މިގެޔަށް އަންނަކަމުގައިވާނަމަ އޭނާ އަޅުގަނޑާއެކުގައި ހުންނަވާނެއެވެ."
"މަނިކުފާނަށް ހަނގުރާމައިގެ މައިދާނަށް ވަޑައިގެންނެވުމުގެ ކުރީންވެސް އޭނާ ދޫކޮށްލަން އަމުރުކުރެއްވިދާނެއެވެ."
"އެހެން ހަދައިފިނަމަ އޭނާ އަލުން ފާޖުގައި ހިމަނަންވެސް އަޅުގަނޑަށް ޖެހިދާނެއެވެ. އަޅުގަނޑާއެކު ގެންދާންވެސް ޖެހިދާނެއެވެ. ކަމަނާ ތިޔަ ކަރުނަފޮދު އޮއްސަވަނީ އޭނާއަށްޓަކައި ކަމުގައިވާނަމަ އަޅުގަނޑަށް ހީވަނީ އޭނާގެ އިންތިޒާރުގައި ހަނގުރާމައިގެ މައިދާނުން މީހުން އެނބުރި އަންނަ މަގު ބެއްލެވުމަށްވުރެ ޤައިދުޚާނާޔާ ދިމާޔަށް ބެއްލެވުން ރަނގަޅުވާނެހެންނެވެ. އަޅުގަނޑަށް ހަމަ މިއަދު ސާބާޠަށް ދާންޖެހެއެވެ. އެތަނުން އަޅުގަނޑާއެކު ޤާދިސިއްޔާއަށްދާ މީހުންކުރެ އެތައްހާސް ބަޔަކީ އެނބުރި ނާދެވޭނެ މީހުންނެވެ. ކަމަނާގެ ނުވަތަ އޭނާގެ ކޮއްކޯފުޅުގެ އެދިވަޑައިގެންނެވުމަކީ އޭނާ ޖަލުން ނިކުމެވަޑައިގެން ހަނގުރާމައިގެ މައިދާނަށް ވަޑައިގަތުން ކަމުގައިވާނަމަ އަޅުގަނޑު އެކަމަށްވެސް ތައްޔާރުވުމަކީ އެކަށީގެންވާ ކަމެކެވެ."
يـاسمـين ފިކުރުފުޅު ބޮޑުވުމާއެކު ވިދާޅުވިއެވެ. "އަޅުގަނޑަކަށް މަނިކުފާނުގެ މަޖުބޫރެއް ނުކުރެވޭނެއެވެ. ހަނގުރާމަޔަށްފަހު އޭނާ ދޫކޮށްލައްވަން މަނިކުފާނު ވަޢުދުވެވަޑައިގަންނަވާނަމަ އަޅުގަނޑުމެންނަށް އެދުވަހަކަށް އިންތިޒާރު ކުރެވިދާނެއެވެ."
ރުސްތުމު ވިދާޅުވިއެވެ. "ސަރޫޝްގެ ދަރިކަނބަލުން، ފުރޭބުރުޒުގެ މާފަ ދަރިކަނބަލުންނަށް ކުޑަވެސް ޒިންމާދާރުކަމެއް ނެތް މީހެއްގެ ދިރިއުޅުން ތިޔަހައި ލޮބުވެތިވި ގޮތަކާމެދު އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެއެވެ."
يـاسمـين އަށް ކުއްލިޔަކަށް އިޙުސާސްވެވަޑައިގެންނެވީ އީރާނުގެ ސިފައިންގެ އެންމެމަތީ ވެރިޔާއާ ވާހަކަ ދެއްކެވުމުގައި ވިސްނައިވަޑައިގަންނަވަން ޖެހޭވަރަށް ވިސްނައިވަޑައިނުގެންނެވުނުކަމެވެ. އޭނާ އިތުރު ވާހަކަފުޅުތަކެއް ވިދާޅުވާން ބޭނުންފުޅުވިއެވެ. ނަމަވެސް ރުސްތުމު ހިނިފުޅުވަޑުވަމުން ދޮރޯއްޓާ ދިމާޔަށް ވަޑައިގެންފިއެވެ. يـاسمـين އިރުކޮޅެއްވަންދެން ހުއްޓުން އަރައިވަޑައިގެންފައި ހުންނެވިއެވެ. ދެން އޭނާ ދުވެވަޑައިގެންފައި ވަޑައިގެންނެވީ އަންނާރުގަސްތަކުގެ ތެރެޔަށެވެ.
"ماه بانو! ماه بانو! ކަލާ ފިލައިވަޑައިގެންނެވުމުގެ ބޭނުމެއް ނެތެވެ. ކަލާ އިންނަވަނީ މިގޭގައިކަން ރުސްތުމަށް އެނގިވަޑައިގަންނަވައެވެ. ރުސްތުމު ވަޢުދުވެވަޑައިގެންފައިވަނީ ހަނގުރާމައިން އެނބުރިވަޑައިގެންނެވުމާއެކު ކަލާގެ ބޭބޭފުޅު ދޫކޮށްލައްވާނެ ކަމުގައެވެ." އެހެން ވިދާޅުވުމާއެކު يـاسمـين ގެ ލޯފުޅުން ކަރުނަފޮދު އޮހޮރިގެންފިއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު