Close
ޚަބަރު

ރާއްޖޭގެ ކުއާޓާލީ ޖީޑީޕީ 5.9 ޕަސެންޓް ދަށްވެއްޖެ

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ކުއާޓަލީ ޖީޑީޕީ 5.9 ޕަސެންޓް ދަށްވެފައިވާ ކަމަށް ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކޮށްފައިވާ ކުއާޓަލީ ނެޝަނަލް އެކައުންޓްސް އިން ދައްކައިފި އެވެ.

އެ އިދާރާއިން އިއްޔެ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިިޔަ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިއަލް ކުއާޓާލީ ޖީޑީޕީ ހުރީ މާކެޓް ޕްރައިޒް 19778 މިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިއަހަރު އެ އަދަދު ވަނީ 18602 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ.

މި ދަށްވުން އައި ސަބަބެއް ކަމަށް ބުނެފައިވަނީ، ޓޫރިޒަމާއި ކޮންސްޓްރަކްޝަންގެ އިތުރުން ހޯލް ސޭލް އަދި ރީޓެއިލް ސިނާއަތަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ޓޫރިޒަމް ސިނާއަތް 2.7 ޕަސެންޓް ދަށްވެފައިވާއިރު ކޮންސްޓްރަކްޝަން ސިނާއަތް 1.4 ޕަސެންޓް ދަށްވެފައިވެ އެވެ. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ ސިނާއަތް ދަށްވެފައިވާ ކަމަށް ދައްކަނީ 1.0 ޕަސެންޓަށެވެ.

ރާއްޖޭގެ އިގްތިސޯދުގެ ބޮޑުބަޔެއް ޓޫރިޒަމް ސިނާއަތު ކޮންޓްރޯލު ކުރާއިރު ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ކުއާޓަރާއި ފަހު ކުއާޓަރުގައި ޓޫރިޒަމް ސިނާއަތަށް ކުރިއެރުން އާދެ އެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާގެ ގްރޮސް ވެލިއު އެޑެޑް (ޖީވީއޭ) ހުރީ 4.93 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު 10.3 ޕަސެންޓްގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައިބަލާއިރު އެއީ 6.5 ޕަސެންޓްގެ ދަށްވުމެކެވެ.

މީގެ ސަބަބެއް ކަމަށް އެންބީއެސް އިން ބުނެފައިވަނީ ޓޫރިސްޓް ބެޑް ނައިޓްސްގެ އަދަދު ދަށްވުމެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖީޑީޕީ ސަމަރީއަށް ބަލާއިރު ޖީޑީޕީގެ 26.5 ޕަސެންޓް ހިއްސާ ކުރީ ޓޫރިޒަމް ސިނާއަތެވެ. ދެވަނަ އަށް އެންމެ ބޮޮޑު ހިއްސާއެއް އަދާކުރީ ދަތުރުފަތުރާއި މުއާސަލާތީ ދާއިރާ އެވެ. އެއީ ޖީޑީޕީގެ 13.4 ޕަސެންޓެވެ. ތިން ވަނައަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ޖީޑީޕީގެ 8.7 ޕަސެންޓް ހިއްސާކޮށްފައިވާ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާ އެވެ.

އެންބީއެސް އިން ބުނާ ގޮތުގައި، ވޭތުވެދިޔަ އަހަރު ރިސޯޓް ކޮންސްޓްރަކްޝަން އަދި ހައުސިން ޕްރޮޖެކްޓުތައް ހިނގަމުން އަންނާތީ ކޮންސްޓްރަކްޝަން އަދި ރިއެލް އެސްޓޭޓް ދާއިރާ ފުޅާވެ، ޖީޑީޕީގައި ހިއްސާ ކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަތަރު ވަނައަށް އެންމެ ބޮޑު ހިއްސާއެއް އަދާކުރީ ރިއެލް އެސްޓޭޓް ސިނާއަތެވެ. އެއީ ޖީޑީޕީގެ 6.6 ޕަސެންޓެވެ. އަދި ޖީޑީޕީގެ 4.9 ޕަސެންޓް ހިއްސާ ކުރީ ކޮންސްޓްރަކްޝަން ސިނާއަތެވެ.

ރާއްޖޭގެ ޖީޑީޕީ ކުއާޓާއިން ކުއާޓާއަށް ބަލާނަމަ، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައިބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީޑީޕީ ގްރޯތު ރޭޓު ވަނީ 6.4 އަށް ވެއްޓިފަ އެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީޑީޕީ ގްރޯތް ރޭޓު ހުރީ މައިނަސް 5.9 ޕަސެންޓުގަ އެވެ.