ޗައިނާއާ ރާއްޖޭގެ ގުޅުން ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ނޫހެއް ކަމުގައިވާ، "ޒިންހުއާ"އަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ޗައިނާއާ ރާއްޖޭގެ ގުޅުން ވަރުގަދަ ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމަށެވެ. ޗައިނާއަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ އެކުވެރި ގައުމެއް ކަމުގައި މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

"ކޮވިޑް 19ގެ ހާލަތުގައިވެސް ޗައިނާއިން ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައި. އެގޮތުން ތަރައްގީގެ އެތަކެއް މަޝްރޫއެއް ޗައިނާގެ އެހީގައި ހިންގަމުންދޭ އަދި ހިންގާފައި އެބަހުރި" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަޅާފައިވާ ސިނަމާލެ ބުރިޖަކީވެސް ޗައިނާއާއެކު ރާއްޖެއިން ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވެފައިވާއިރު، ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ރާއްޖެއާ ޗައިނާގެ ގުޅުން ވަނީ ހީނަރުވެފައެވެ. މި ސަރުކާރުން އަންނަނީ ޗައިނާއާ އެންމެ ވާދަވެރި އެއްގައުމު ކަމަށްވާ އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުންނެވެ.