މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ތިއްބަވާ ޑިޕްލޮމެޓުންނާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރިސެޕްޝަނެއް ބާއްްވަން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މާދަމާ ރޭ ޑިޕްލޮމެޓުންނާއެކު ބާއްވަ ހާއްސަ ރިސެޕްޝަން އޮންނާނީ ވާޗުއަލްކޮށް ކަމަށާއި މި ރިސެޕްޝަންގައި 100 އަށްވުރެ ގިނަ ގައުމުތަކުގެ ސަފީރުންނާއި މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ މިގޮތަށް ބޭރުގެ ގިނަ އަދަދެއްގެ މަންދޫބުންނާއެކު ރާއްޖޭގެ ހާރިޖިއްޔާ އިން ބާއްވާ ފުރަތަމަ ބައްދަލުވުން ކަމަށެވެ.
ބައްދަލުވުމުގައި ކޮވިޑުގެ ސަބަބުން ރާއްޖެ މިވަގުތު އޮތް ހާލަތާއި ރާއްޖޭގެ އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އިތުރުން ފަތުރުވެރިންގެ ރައްކާތެރިކަމަށް ރާއްޖޭގައި އެޅިފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ސަފީރުންނާ ހިއްސާ ކުރެވިގެންދާނެ ކަމަށެވެ އަދި ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ބޭރު ގައުމުތަކުން ހޯދަން ބޭނުންވާ މައުލޫމާތު ހޯދުމަށްވެސް މި ބައްދަލުވުމުގައި ފުރުސަތު ދެވިގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.