ޚަބަރު

މިނިވަންކަމަށް ބުރޫއެރިޔަސް އަރާނީ ބާރުހުރި ގައުމުތަކުން ރާއްޖޭގެ ދާހިލީ ކަންކަމަށް ވަނުމުގެ ފުރުސަތު ދޭތީ: ރީކޯ

އަލީ ޔާމިން

3

ރާއްޖޭގެ މިނިވަންކަމަށް ބުރޫއެރިޔަސް އަރާނީ ބާރުހުރި ގައުމުތަކުން ރާއްޖޭގެ ދާހިލީ ކަންކަމަށް ވަނުމުގެ ފުރުސަތު ސިޔާސީ ފަރާތްތަކުން ދިނުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، އެންމެ ގަދައަށް މިހާރު ދެކެވޭ އެއް ވާހަކައަކީ އަވަށްޓެރި އިންޑިއާގެ އިސްތިއުމާރުގެ ދަށަށް ދިވެހި ރާއްޖެ ދާން އުޅޭ ވާހަކައެވެ. އެގައުމުގެ ރައްޔިތުން ރާއްޖޭގައި ވަޒަންވެރިވެ، އެގައުމުގެ ސިފައިން ރާއްޖޭގައި ވަޒަންވެރިވެ ތިބުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ.

މި ވާހަކަތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް ބުރޫއެރިޔަސް އަރާނީ ރާއްޖޭގެ އެތެރޭގެ ކޯޅުން ބޮޑުވެ، ސިޔާސީ މީހުން އެއްބަޔަކު އަނެއްބަޔަކަށް ސަރަހައްދުގެ ބާރުހުރި ގައުމުތަކުން ރާއްޖޭގެ ދާހިލީ ކަންކަމަށް ވަންނަން ޖާގަ ފަހިކޮށްދޭތީ ކަމަށެވެ.

"މިއޯ ތާރީހުގައިވެސް މިކަން ހިނގާފައި އޮތްގޮތަކީ،" މޫސަ ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާފައިވާ ކޮންމެ ފަހަރަކުވެސް އެކަމުގެ އަޑީގައި ދިވެހިންގެ ތެރެއިން ގައްދާރުވި ބައެއް ހިމެނެއެވެ. އެގޮތުން ނޮވެންބަރު 3ގެ އުދުވާނީ ހަމަލާ ރާވައި ހިންގީވެސް ދިވެހިންގެ ތެރެއިން ގައްދާރުންތަކެއް އިސްވެ ތިބެއެވެ.

ޖުލައި 26، 1965 ވަނަ ދުވަހު ރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ލިބުނު އިރު، ރާއްޖޭގެ ތާރީހުން ފެންނަން އޮތީ ފެށުނީއްސުރެ ރާއްޖެއަކީ މިނިވަން ގައުމެއް ކަމުގައެވެ. ރާއްޖޭގެ އަމިއްލަ ވެރިކަމާއި ސިޔާދަތު ގެއްލިގެން ގޮސްފައި އޮތީ، އެންމެ ދެ ފަހަރެވެ. އެއީ މީލާދީން 1558 އިން 1573 އަށް ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް އަތްގަދަކޮށް ވެރިކަން ހިންގި ދުވަސްވަރާއި، އޭގެފަހުން ހިޖުރައިން 1166 ގައި ހޮޅިން ރާއްޖެ ހިފައި އެމީހުން މި ގައުމުގައި ތިބި ދުވަސްކޮޅެވެ.