ޚަބަރު

މިނިވަން ދުވަސް އައިއިރު ރައްޔިތުން ތިބީ އެއްރަށުން އަނެއްރަށަށް ދަތުރު ކުރެވޭނެ ގޮތެއް ނެތިފައި: އެމްއާރުއެމް

އިބްރާހިމް ޒަކީ

1

މިނިވަން ދުވަސް އައިއިރު މިނިވަންކަމާއެކު އެއްރަށުން އަނެއްރަށަށް ދަތުރު ކުރެވޭނެ ގޮތެއް ނެތިފައިވާ ކަމަށް ވެރިކަން ހިންގާ ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދަތުރުކުރުމަށް ދިމާވެފައިވާ މި ހާލަތު ރަނގަޅުކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގައި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާކުރުން މުހިންމު ކަމަށެވެ.

މިނިވަން ދުވަސް މިއަހަރު ބައްދަލު ކުރިއިރު ކޮވިޑުގެ ސަބަބުން އަޅުގަނޑުމެން އާއްމުކޮށް އުޅެމުން އައި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

"ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެން ދެކެން ޖެހެއެވެ. މިއަދު މި ބަލީގެ ސަބަބުން ދިރިއުޅުމުގެ މިނިވަންކަމަށް މިވަނީ ހީނުކުރާވަރުގެ ބޮޑެތި ބަދަލުތަކާ ކުރިމަތިލާން ޖެހިފައެވެ. މިކަމުން ސަލާމަތްވެ ކުރީގައި އުޅުނު މިނިވަން ދިރިއުޅުން އިއާދަކުރެވޭނީ، އަޅުގަނޑުމެން އެންމެން އެކުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެން، ސަރުކާރުގެ އެންގުންތަކާ އެއްގޮތަށް އަމަލުކޮށްގެން. އެހެންކަމުން އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އަދާކުރުމަށް މިއަދު އަޅުގަނޑުމެން އަޒުމު ކަނޑައަޅަންޖެހޭ،" ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވަމުންދިއުމުން ސަރުކާރުން ދީފައިވާ ލުއިތަކަށް ބަދަލުގެނަސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

މިނިވަންކަން ހޯދުމަކީ އެކަމުގައި އެތައް ބައެއްގެ ބޮޑެތި ގުރުބާނީތަކާއި ހައްގު ޝާމިލުވާކަމެއް ކަމަށާއި، މިނިވަންކަން ހޯދުމަށްވުރެ، އެ ލިބުނު މިނިވަންކަން ދެމެހެއްޓުމަކީ މާބޮޑު ގޮންޖެހުމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

"ކިތަންމެ ގޮންޖެހުން ބޮޑު ނަމަވެސް އެކަމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އެޅިފައި އޮންނަނީ އެއިރެއްގެ ސަރުކާރުގެ ކޮނޑުގައި. އެ މިނިވަންކަން ދެމެހެއްޓުމަށް ރައްޔިތުންވެސް މަސައްކަތް ކުރަންޖެހޭ. އެއީ އެކަން ކުރުމަކީ ދިވެހި ރާއްޖޭގައި އަމަލުކުރަމުން އަންނަ ގާނޫނުއަސާސީން ދިވެހި ދައުލަތާއި ރައްޔިތުންނަށް ލާޒިމުކޮށްފައިވާ ކަމެއް،" އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.