ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ރާއްޖެއިން ބޭރުގައި ގާއިމްކޮށްފައިވާ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ރާއްޖެއިން ބޭރު 16 ގައުމެއްގައި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް ގާއިމްކޮށްފައިވާއިރު އެންމެ ފުރަތަމަ ދިދަ ނަގާފައިވަނީ އެންމެ އިރުމަތިން ޖަޕާނުގެ ޓޯކިޔޯގައި ހުންނަ ރާއްޖޭގެ އެމްބަސީގަ އެވެ.

މި ރަސްމިއްޔާތުތަކުގައި ރާއްޖޭގެ ގައުމީ ދިދަ ނަންގަވައިދެއްވީ އެގައުމުތަކުގައި ތިއްބަވާ ދިވެހި ސަފީރުން ނުވަތަ ޑިޕްލޮމެޓިކް މިޝަން ހިންގެވުމާ ވަގުތީ ގޮތުން އެންމެ އިސްކޮށް ހަވާލުވެވަޑައިގަންނަވާ ބޭފުޅެކެވެ. އޭގެ އިތުރުން ރާއްޖޭގެ އެމްބަސީ، ހައިކޮމިޝަން އަދި ޕާމަނަންޓް މިޝަންތަކުގެ ވެރިންނާއި މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކުން ބައިވެރިވެވަފައި ވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ރަސްމިއްޔާތުތައް ބާއްވައިފައިވަނީ ކޮވިޑާ ގުޅިގެން ޑިޕްލޮމެޓިކް މިޝަންތައް ހުރި ގައުމުތަކުން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މިއަހަރު ފާހަގަކުރާ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާ ގުޅިގެން ދިދަ ނެގުމުގެ އިހްތިފާލު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވަނީ ބާއްވައިފަ އެވެ. މި އިހުތިފާލު ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވީ މިއަދު ހެނދުނު 6:00 ގައެވެ. މާލޭގައި ބޭއްވި އިހުތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންނެވިއެވެ.