ކަންގަނާ މީގެ ކުރީން ދިން އިންޓަވިއުއެއްގައި ވަނީ، މީގެ އަހަރުތަކެއް ކުރީން އިވެންޓެއްގެ ތެރޭގައި މަހޭޝް ބަޓް އޭނާއާ ދިމާއަށް ފައިވާން ކިބައެއް އެއްލި ކަމަށް ބުނެފައެވެ. ކަންގަނާގެ އެވާހަކައާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ އޭނާއަށް ފާޑުވެސް ކިޔައިފައެވެ.

އެހެންނަމަވެސް ދާދިފަހުން ޓައިމްސް ނައު އަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޮނޫ ނިގަމް މިވަނީ، ކަންގަނާ އެދެއްކި ވާހަކަތަކަކީ ތެދަކަށް ވެދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފައެވެ. އެ އިންޓަވިއުގައި ސޮނޫ ބުނީ، މަހޭޝްގެ ފިލްމަކަށް ސޮއިކުރަން ދެކޮޅު ހެދުމުން ކަންގަނާއާ ދިމާއަށް މަހޭޝް ފައިވާން ކިބައެއް އެއްލިކަމަށް ކަންގަނާ ބުނާ ނަމަ އެއީ ތެދަކަށް ވެދާނެ ކަމަށެވެ.

ސޮނޫ ބުނީ ކަންގަނާ އާއި ދޭތެރޭ ގޯސްކޮށް ކަންތައް ކުރި މީހުން ސޮނޫ އާއި މެދު ރަނގަޅަށް ކަންތައް ކޮށްފައި ހުރެދާނެ ކަމަށެވެ. މަހޭޝް އާއެއެކު 30 ވަރަކަށް އަހަރު މަސައްކަތް ކުރެވިފައި ހުރިއިރު، އޭނާއަށް އެމީހުންގެ ފަރާތުން އެކަހަލަ އަމަލެއް ނުފެންނަ ކަން ސޮނޫ ވަނީ ފާހަގަކޮށްފައެވެ. ސޮނޫ އިތުރަށް ބުނީ އެކަހަލަ ބޮޑު ވާހަކައެއް ހަދަހަދައިގެން ކިޔާހާ ކަންގަނާ މޮޔަކަމަކަށް ގަބޫލު ނުކުރާ ކަމަށެވެ.

ކަންގަނާގެ އެވާހަކަތައް ދޮގު ކޮށް މަހޭޝް ބަޓްގެ އަންހެނުން ސޮނީ ރަޒްދަން ވަނީ، ކަންގަނާ ފިލްމީ ދުނިޔެއަށް ތައާރަފުކުރީ ވެސް އޭނާގެ ފިރިމީހާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ކަންގަނާ ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. އެގޮތުން ކަންގަނާ ބުނީ އޭނާ ބޮލީވުޑަށް ތައާރަރުކުރީ އަނުރާގު ބާސޫ ކަމަށެވެ.