ރާއްޖެއަކީ ޒަމާނުއްސުރެ މިނިވަންކަންމަތީގައި އޮތް ގައުމެއް ކަމަށާއި، އަޅުގަނޑުމެންގެ މި މިނިވަންކަމުގެ ސިއްރަކީ، ކާބަފައިން ގެންގުޅުނު ހިކުމަތު އަމަލީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން އަންނަ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، ކާބަފައިން އަމަލު ކޮށްފައި ވަނީ ވަރަށްވެސް ވިސްނުންތެރިކަމާއެކުގައި ކަމަށެވެ. މި މިނިވަންކަން މި ގޮތުގައި އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ އަޅުގަނޑުމެންގެ ބޮޑު ވާޖިބެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ވާޖިބު އަދާ ކުރުމުގައި އެންމެ އިސްދައުރެއް ކުޅޭ އެއް ބަޔަކީ، ދިވެހި ސިފައިން ކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ދިވެހި ސިފައިން ވެފައިވާ ގުރުބާނީ، "އަދި ވަމުންދާ ގުރުބާނީ އަޅުގަނޑު މިއަދު ފާހަގަކުރަން،" ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެގޮތުގައި ސިފައިން ދެމިތިބޭނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

"ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ދިވެހި ސިފައިން ވެފައިވާ ގުރުބާނީ އަދި ވަމުންދާ ގުރުބާނީ އަޅުގަނޑު މިއަދު ފާހަގަކުރަން. މިގޮތުގައި ސިފައިން ދެމިތިބޭނެކަމުގެ ޔަގީންކަން އަޅުގަނޑު ދިވެހި ރައްޔިތުންނަށް އަރުވަން. އަޅުގަނޑުގެ ދުއާއަކީ މިލޮބުވެތި ވަތަން މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ތާ އަބަދައްމެ ލެހެއްޓެވުން،" މިނިސްޓަރު ވިދާޅުވިއެވެ.