ޚަބަރު

އިންޑިއާއިން ރާއްޖެއަށް މާލީ އެހީގެ އާ ޕެކޭޖެއް ދެނީ

ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން މާލީ އެހީގެ އާ ޕެކޭޖެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާގައި އިންޑިއާގެ ސަފީރު ސަންޖޭ ސުދިރު ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ވިދާޅުވީ ކޮވިޑްގެ ސަބަބުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެގައުމުން މެޑިކަލް ޓީމުތަކާއި ބޭހާއި ކާބޯތަކެތީގެ އިތުރުން މާލީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ލިކުއިޑިޓީގެ ދަތިކަން ހައްލުކޮށްދޭން ރާއްޖެ އާއި އިންޑިއާ ދެމެދު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސުދިރް ވިދާޅުވީ އިންޑިއާއިން ވަރަށް އަަވަހަށް އިއުލާނު ކުރަން ނިންމާފައިވާ މާލީ އެހީގެ އާ ޕެކޭޖަކީ އެކަށީގެންވާ ބޮޑު އަދަދެެއްގެ ޕެކޭޖަަކަށް ވާނެ ކަމަށެވެ. އެ ޕެކޭޖަކީ ރާއްޖޭގެ އިގުތިސާދަށް އެހީވުމަށާއި ކޮވިޑްގެ ފަހުން އިގުތިސާދީ ގެއްލުމުން އަރައިގަންނަން ރާއްޖެއަށް އެހީވާން ކަނޑައަޅާ ޕެކޭޖެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރަހުމަތްތެރިކަމަކީ ހުރިހާ ތާރީހަކާ ގުޅިފައިވާ، މުސްތަގުބަލު އުޖާލާ، ހުރިހާ ހާލަތަކަށް ހެޔޮވަރު ގުޅުމެއް،" މެސެޖްގައި ސުދިރު ވިދާޅުވި އެވެ.

އޭނާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ. މިއަހަރަކީ ރާއްޖެ އާއި އިންޑިއާއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭ އަހަރު ކަމަށް ވެސް ފާހަގަކުރައްވައިފައި ވެއެވެ.

މިނިވަން ދުވަހުގެ މުނާސަބާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި އެގައުމުގެ ރައީސް ރާމްނާތު ކޮވިންދު ވެސް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވއިފަ އެވެ.

މިއަހަރު ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން އިންޑިއަން ހައި ކޮމިޝަނުން ދެ ގައުމުގެ ބަދަހި ގުޅުން ދައްކުވައިދޭ ފޮޓޯ މައުރަޒެއް ހުޅުވައިލަން ވަނީ ރާވާފަ އެވެ.