ކުރިއަށް އޮތީ ބަންދު ދުވަސްތަކެއް ނަމަވެސް އަތޮޅުތެރޭގައި އެއްރަށުން އަނެއް ރަށަށް ދަތުރު ނުކުރުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އިލްތިމާސް ކުރައްވައިފި އެވެ.
މިފަހަރުގެ އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. އަދި މިނިވަން ދުވަހާއި އީދު ދުވަސް ގާތް ގާތުގައި އޮތުމުން ސަރުކާރުން ވަނީ ބަންދު ދުވަސްތައް އިތުރުކޮށް އީދު ނިމެންދެން ސަރުކާރު ބަންދު ކުރުމަށް ނިންމައިފަ އެވެ.
އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ހއ. އިހަވަންދޫގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވުމަށް ވާޗުއަލްކޮށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ އީދަކީ އަހަރުތެރޭގައި އަންނަ ވަރަށް އުފާވެރި މުހިންމު ދުވަސްތަކެއް ކަމަށާއި އަދި އީދު ފާހަގަކުރުމަށްޓަކައި ގިނަ ކުޅިވަރުތަކާއި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ ސަގާފަތުގެ ތެރޭގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ. ނަމަވެސް މިއަހަރުގެ އީދަކީ މިފަދަ ދުވަސްވަރެއް ކަމުގައި ދުށުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އެހެންޔާ ބާއްވާހެން ގިނަބަޔަކު އެއްވެ ކުޅިވަރު ކުޅުމާއި މިކަންކަމާ ވީހާ ވެސް ދުރުވުމަކީ މުހިންމު ކަމެއް، އަދި އަތޮޅު ތެރޭގައި ވެސް އެއްރަށުން އަނެއް ރަށަށް މިދުވަސްވަރު ކޮންމެހެން ދަތުރުކުރަން ޖެހިގެން މެނުވީ ދަތުރު ނުކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން... ހާއްސަކޮށް މާލެއިން އަތޮޅު ތެރެއަށް ދަތުރު ނުކުރެއްވުމަށް އަޅުގަނޑު ވަކިން ހާއްސަ އިލްތިމާސެއް ކުރަން. ކޮންމެހެން އެމީހަކު ދާން ޖެހިގެން ނޫނީ ވަޑައިނުގެންނެވުމަކީ އެއީ ކޮންމެހެން މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ މިއަހަރުގެ އީދު ޗުއްޓީއަކީ ޗުއްޓީއެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެއް ބަޔަކު އަނެއް ބަޔަކު ބަލިން ރައްކާތެރިކުރުމަށްޓަކައި ލިބޭ ފުރުސަތެއް ކަމުގައި ހެދުން މުހިންމު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު