ރިޕޯޓް

މިނިވަންކަމަށް 55 އަހަރު: ދިވެހީން ހަގީގަތުގައި ވެސް މިނިވަންތަ؟

އީމާ މުހައްމަދު ވަހީދު

އަޅުގަނޑުމެން މިއަދު ފާހަގަ މިކުރަނީ މިކުޑަކުޑަ ޖަޒީރާ ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވެހެވެ. ފަހުރުވެރި ދިވެހިންގެ ފަހުރުވެރި މިނިވަން ދުވަހެވެ. އަޅުގަނޑުމެންގެ މިގައުމު ބޭރުގެ އިސްތިއުމާރީ ބާރެއްގެ އަޅުވެތިކަމަށް ދިޔަ ކޮންމެ ފަހަރަކު، އެކަމުގެ އަޑީގައި ދިވެހި ލޭ ހިނގާ ދިވެހި ދަރިޔަކު ހުއްޓެވެ. މި ފަސްގަނޑަށް އެތައް ދިވެހިންނެއްގެ ލޭ އޮހުރުނު ކޮންމެ ފަހަރަކުވެސް އެހެންވީ، އަމިއްލަ ފައިދާއަށް ދަހިވެތިވި ދިވެހިންގެ ސަބަބުންނެވެ. ފައިސާގެ ބޭނުމުގައި މިގައުމު ބޭރުގެ ގައްދާރުންނަށް ދިނީއެވެ. އެހެންނަމަވެސް ﷲގެ އިރާދަފުޅުން ދިވެހިންގެ މިނިވަންކަމަށް ބޭރުގެ އަތްތައް ފޯރުވި ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރިންތަކެއް ނިކުމެ ވަނީ މިގައުމު ސަލާމަތް ކޮށްދީފައެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިނިވަން ދުވަސް ފާހަގަކުރަމުން އަންނަ މިދަނޑިވަޅުގައި އަޅުގަނޑުމެން ދިވެހިންނަކީ ހަމަ ހަގީގަތުގައިވެސް މިނިވަން ބައެއްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލަމާތޯއެވެ. ގައުމެއްގެ މިނިވަންކަން ނިގުޅައިގެނެވޭނީ ހަމައެކަނި އެގައުމަކަށް ބޭރު ބަޔަކު އަރައި އަޅުވެތިކޮށްގެނެއް ނޫނެވެ. އަޅުގަނޑުމެންގެ މި ރާއްޖޭގެ ހާލަތު މިއަދު އޮތް ގޮތުން ބޭރުގެ ބަޔަކު އަރައި ދިވެހިންގެ މިނިވަން ކަން ނިގުޅައިގަންނަން ޖެހިދާނެހެން ހިޔެއް ނުވެއެވެ. މިއަދު ވަކި ވަކި ފަރުދުން ދަނީ އަނެކާގެ މިނިވަން ކަމަށް އަރައިގަންނަމުންނެވެ. ބައެއް ދިވެހިންނަށް މިނިވަންކަން މާނަ ކުރެވެނީ އެންމެ ގޮތަކަށެވެ. އެއީ ތިބާގެ މިނިވަން ކަން ފެށޭ ހިސާބަކީ ބާކީ އެންމެންގެ މިނިވަން ކަން ނިމޭ ހިސާބުގެ ގޮތުގައެވެ. މިއަދު މާލޭގެ މަގުމައްޗަށް ފިހާރައަކަށް ނުކުންނަ މީހާއަށް ސަލާމަތުން ގެޔަށް ވަދެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އަތުގައި ހުރި ފައިސާކޮޅު ފޭރިގަންނާނީ ކޮން ހިސާބަކުން ކަމެއް ބުނާކަށް ނޭނގޭނެއެވެ. ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލައެއް ނުދޭނެ ކަމުގެ ޔަގީން ކަމެއް ނޯވެއެވެ. މިއަދު އަޅުގަނޑުމެންގެ މިނިވަންކަމަށް އަރައިގަންނަ ބަޔަކީ ހުދު އަޅުގަނޑުމެންގެ އަހުންނެވެ. އެހެންނަމަވެސް ތިބާގެ މިނިވަންކަން ފެށޭ ހިސާބަކީ އަނެކާގެ މިނިވަންކަން ނިމޭ ހިސާބެއް ނޫނެވެ.

ޒަމާން މިވަނީ ބަދަލުވެފައެވެ. މިއަދު ގައުމެއްގެ މިނިވަންކަން ފޭރިގަންނަން ބޭރު ގައުމަކުން އަރާނީ ހަތިޔާރު ހިފައިގެންނެއް ނޫނެވެ. ހަތިޔާރާއެކު ފާޅުގައި ހަނގުރާމަ ކުރަން ގައުމުތަކަށް އެރި ދުވަސް މިއަދު މިވަނީ މާޒީވެގެން ގޮސްފައެވެ. މިޒަމާނުގައި ގައުމެއްގެ މިނިވަންކަން ނިގުޅައިގަންނަން ބޭނުންވާ ބަޔަކު އެންމެ ފުރަތަމަ ކޮންޓްރޯލް ކުރަން ފަށާނީ އެގައުމެއްގައި ދިރިއުޅޭ ޒުވާނުންގެ ވިސްނުމާއި ފިކުރެވެ. ދިވެހި ޒުވާނުންގެ ވިސްނުމާއި ފިކުރު މިއަދު ހުރި ހިސާބު އަޅުގަނޑު އަލިފުން ޔާއަށް ތަފުސީލުކޮށް ނުކިޔައިދިން ނަމަވެސް ތިބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެއެވެ. މިއަދު ދިވެހި ޒުވާނުންނަށް އައުރަ ނިވާކޮށްގެން ހެދުން ލުމަކީ ފޫހިކަމެކެވެ. އޭގެ ބަދަލުގައި ކޫލް ކަމަކަށް ވަނީ ޔޫރަޕު މީހުން ހެދުން އަޅައި އުޅޭ ގޮތްތަކެވެ. އަމިއްލަ ގައުމުގެ ސަގާފަތާއި އާދަކާދަ ގިނަ ޒުވާނުންނަށް މިއަދު ވަނީ ބޭކާރު، ކަޓު އެއްޗަކަށެވެ. ކޫލްވެފައި ކަމުދަނީ ބޭރު ގައުމުތަކުގެ އަދާކާދަ އާއި ސަގާފަތެވެ. ފަހަރެއްގައި ބައެއް މީހުންނަށް މިއީ އާދައިގެ ކަންކަމަށް ވެދާނެއެވެ. އެހެންނަމަވެސް ކުރިން ބުނި ގޮތަށް މަޑުމަޑުން ފެނިގެން މިދަނީ ދިވެހި ޒުވާނުންގެ ވިސްނުމާއި ފިކުރު އެހެން ދިމާއަކުން ކޮންޓްރޯލް ކުރާ މަންޒަރެވެ.

ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ގިނަކަމުގެ ވާހަކައަކީ އަބަދުވެސް އިވޭ ވާހަކަތަކެވެ. ހާއްސަކޮށް ބަންގްލަދޭޝަށް ނިސްބަތްވާ މަސައްކަތްތެރިން އޮތީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތޮއްޖެހިފައެވެ. މިގައުމުގައި އުޅޭ ޒުވާނުންގެ އަދަދަށްވުރެ އެވެރިންގެ އަދަދު ގިނައެވެ. މިވޭތުވެދިޔަ ދައުރުތަކުގައި ރާއްޖޭގެ ރައީސްކަމަށް އިސްވާ ކޮންމެ ރައީސްއަކު ވަނީ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އެހެންނަމަވެސް އަދާއި ޖެހެންދެން މިމައްސަލައަށް ހައްލެއް ނުލިބެއެވެ. މީގެ ދެތިން ހަފްތާވަރު ކުރިން ބޮޑު ފިނޮޅުގައި 200 ބިދޭސީން ވެގެން އެތަނުގައި މަސައްކަތް ކުރަމުންދިޔަ ދިވެހިންތަކެއް ރަހީނު ކުރުމަކީ ދިވެހިން ނިދިން ހޭލެއްވުމަަށް ޖެހި ނުރައްކަލުގެ ރަނގަބީލެކެވެ. ހުޅުމާލޭގައި ހަދަމުންދިޔަ ސިފައިން ފްލެޓްތަކުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް ފުލުހުންނަށް ހަމަލާދިން ހާދިސާވެސް ހިނގީ ވަރަށް ފަހުންނެވެ. ދިވެހިންގެ މިނިވަންކަމަށް ނުރައްކާ ކުރިމަތިވާކަން އަންގައިދިނުމަށް ޖަހަމުންދާ ރަނގަބީލުތަކުގެ އަަޑު ދަނީ ގަދަވަމުންނެވެ. ވަގުތު ފާއިތުނުވަނީސް ދިވެހިން ހުޝިޔާރު ނުވެއްޖެނަމަ އަނެއްކާވެސް އަޅުވެތިކަމުގެ ފެން ބޯން ޖެހޭ ދުވަސް އޮތީ މާދުރަކު ނޫނެވެ.

މިނިވަން ބައެކޭ ބުނެ ފަހުރުވެރިކަމާ އެކު މޭގައި އަތް ޖަހާލާއިރު ކާން ބޭނުންވާ ކާޑު ވެސް ގެންނަން ޖެހެނީ އެހެން ގައުމުތަކުންނެވެ. އެންމެ އާދައިގެ ޒަރޫރީ ބޭނުންތަކަށް މިއަދު އަޅުގަނޑުމެން މިޖެހެނީ ބޭރުގެ ގައުމުތަކަށް އަތް ދިއްކުރާށެވެ. ނުރައްކާތެރި ކޯވިޑް 19 ވައިރަސް ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން ދާ މިދަނޑިވަޅުގައި، އެ ނުރައްކާތެރި ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރަން ބޭނުންވާ ވަސީލަތްތައްވެސް އަޅުގަނޑުމެންނަށް ޖެހުނީ އެކުވެރި ގައުމުތަކުން ހޯދާށެވެ. ދިވެހިންނަކީ ހިތުން ވަރަށް މިނިވަން ބައެކެވެ. އެހެންނަމަވެސް މާދަމާވެސް ބޭރު ގައުމުތަކުން މުދާ ގެނެވޭނެ މަގުތައް ބަންދު ވެއްޖެނަމަ މިގައުމު ބަނޑަށް ޖެހޭނެއެވެ. ދިވެހިން އަމިއްލަ ފައި މައްޗަށް ތެދުވަން މިހާރު މާ ބޮޑަށްވެސް ލަސްވެއްޖެއެވެ.

މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް މިގައުމުގެ މިނިވަންކަން އޮތީ ކިހާ ހިސާބެއްގައިތޯ ވިސްނައިލާން ޖެހެއެވެ. ހުދާއި ރަތާއި ފެހިން ޒިނާތްކުރެވިފައިވާ މިގައުމުގެ ދިވެހި ދިދަ ދަނީ ގައުމުގެ ރައްކާތެރިކަމަށް އެދި ގޮވަމުންނެވެ. އެގޮވުންތަކަށް ބީރު ކަންފަތެއް ނުދެމާތޯއެވެ. ކޮންމެ ކަމެއްވެސް އެންމެ ފުރަތަމަ ވާނީ އާދައިގެ ކުޑަކުޑަ ކަމަށެވެ. އެހެންނަމަވެސް އެކަން ބޮޑުވެގެން އަޅުގަނޑުމެންގެ ގައުމު ބޮޑު އަނދަވަޅަކަށް ވެއްޓޭނީ ކޮން ހިސާބަކުން ކަމެއް ބުނާކަށް އެކަކަށްވެސް ނޭނގޭނެއެވެ. މިނިވަން ދުވަސް ފާހަގަކުރަމުން އަންނަ މި ދަނޑިވަޅުގައި މިކަމާ ދޭތެރޭ ވިސަނައިލަމާ ހިނގާށެވެ. ދިވެހިންގެ މިނިވަންކަން ރައްކާތެރިކުރުން އޮތީ ދިވެހިން އަތްމަތީގައެވެ.