ފިލްމީ ތަރި މުހައްމަދު ޔުނާންގެ ދަރިފުޅު ޔޫން މުހައްމަދު ޔުނާން ބޭސްފަރުވާއަށް ފޮނުވާލުމަށްޓަކައި އާސަންދަ ހަމަޖެހިފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް އިންޑިއާއަށް ފޮނުވާލުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

ދަރިފުޅުގެ ބޭސްފަރުވާގެ އިންތިޒާމު ލަސްވަމުންދާތީ ޔުނާން އާއި އޭނަގެ އަންހެނުން ފާތިމަތު ރިހުލާ (ރިހޫ) އަދި އެމީހުންގެ އާއިލާއިން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅު، މުލިއާގެ ކުރިމަތީ ތިބެގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މުލިއާގެ ކުރިމަތީގައި ޔޫނާން، އޭނާގެ ދަރިފުޅު ޔޫން އުރައިގެންހުރެ ރެކޯޑްކޮށް ފޭސްބުކްގައި ޕޯސްޓުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ، ވަރަށް ގިނަ ތަންތަނުގައި އާދޭސް ކުރެވިއްޖެ ކަމަށާއި އެންމެ ފަހުން އާސަންދައިން ކޭސް ރިޖެކްޓް ކުރުމުން މުލިއާގެއަށް އަންނަން ޖެހުނީ ކަމަށެވެ. ނަމަވެސް މުލިއާގޭގައި އެއްވެސް ބޭފުޅަކު އެވަގުތު ނޫޅުއްވާތީ، ބައްދަލުކުރެވޭނެ ގޮތެއް ނުވި ކަމަށް އޭނާ ބުނެފައިވެ އެވެ.

ޔޫނާން ބުނީ، އަމިއްލަ ދަރިއަށްޓަކައި ކުރެވެން ހުރި ގޮތަކަށް މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް ސަރުކާރުން ލިބެންޖެހޭ އެހީ އެންމެ ރަނގަޅު ގޮތުގައި ލިބިގެންނުދާ ކަމަށެވެ.

އެކަމާ ގުޅިގެން އާސަންދައިގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް ވިދާޅުވީ ޔޫންގެ ކޭސް ރިޖެކްޓް ކޮށްފައިނުވާ ކަމަށާއި އެކުއްޖާއަށް އާސަންދަ ހަމަޖެހިފައިވާ ކަމަށެވެ. އަދި ޔޫންގެ ބެލެނިވެރިން ފަރުވާއަށް ދާން ބޭނުންވަނީ އަމްރިތާ ހޮސްޕިޓަލަށް ކަމުގައިވީ ނަމަވެސް މިވަގުތު އެ ހޮސްޕިޓަލުގައި ޖާގައިގެ ދަތިކަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ފަރުވާއަށް އިންޑިއާގެ އަމްރީތާއަށް ގޮސްތިބި ބަލި މީހުންނާއި އެހީތެރިންގެ ތެރެއިން ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެމީހުން ވަކިން ކަރަންޓީނުކޮށް ބައެއް މީހުން ވަކިން އައިސޮލޭޓް ކުރަން ޖެހުމާ ގުޅިގެން މިވަގުތު އަމްރީތާގައި އިތުރަށް ކަރަންޓީނު ކޮށްގެން ފަރުވާދެވޭނެ ޖާގަ ނެތުމުން، ބުދަ ދުވަހު ފަރުވާއަށް ފުރާ ބެޗް ފޮނުވުމަށް ހަމަޖެހިފައިވަނީ ކިމްސް ހޮސްޕިޓަލަށް،" އާޝިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކިމްސް ހޮސްޕިޓަލަށް ދާން ޔޫންގެ ބެލެނިވެރިން ބޭނުން ނުވުމުން، ދެން އަމްރިތާއަށް ފޮނުވާ ބެޗެއްގައި އެ ކުއްޖާ ވެސް ފޮނުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވަކިންވެސް ކުއްޖާ އަމްރީތާއަށް ފޮނުވޭނެ ގޮތެއް ހަމަޖެހޭތޯ އާސަންދައިން މަސައްކަތް ކުރަމުން އަންނަ ކަމަށް އާޝިޔާ ވިދާޅުވި އެވެ.