(23 ޖުލައި ގެ އަދަދާ ގުޅޭ)

ރުސްތުމަށް އެއްދުވަހަކު ލިބިވަޑައިގެންނެވި ޚަބަރަކީ ކިސްރާއާ މަޝްވަރާކުރަންވަން މުސްލިމުންގެ ވަފުދެއް މަދާއިނަށް މިސުރާބު ޖެއްސެވި ޚަބަރެވެ. ރުސްތުމަށް ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމުގެ މާނޭވާފުޅެއް ލެއްވުނެވެ. އޭނާއަށް ހީފުޅުވީ އޭނާގެ އެތައް ދުޢާތަކެއް އަހަރުމުޒުދު ގަބޫލުކުރެއްވީ ކަމުގައެވެ. އޭނާގެ ރަޙުމަތްތެރީން އިރުކޮޅެއްގެފަހުން އޭނާއަށް މަޝްވަރާ ދެއްވިއެވެ. ޒުވާން، ކޯފާގަދަ ރަސްކަލެއްގެ މޮޔަފުޅުކަމުގެ ނަތީޖާއިން އީރާން ސަލާމަތްކުރެއްވުމަށްޓަކައި މަނިކުފާނު މަދާއިނަށް ވަޑައިގެންނެވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޔަޒުދުގިރުދު އޭނާގެ ދަރުބާރުން އެ ދެކެވަޑައިގަންނަވަނީ އެބޭކަލުންގެ ހިތްޕުޅުތަކުގައި އެބޭކަލުންގެ ވެރި اللّـه ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބިރުފުޅުގެ ކަންފުޅެއްވެސް ނުހުންނަ ހިތްވަރުފުޅުގަދަ، ކެރިވަޑައިގަންނަވާ، ޣީރަތްތެރި ޖަމާޢަތުގެ މަންދޫބުންނެވެ. އެބޭކަލުންގެ އިސްތަށިފުޅަކު ޖަވާހިރުން އަތްކަން އަޅައިފައިވާ ކޯރުކޮޅުތަކެއް ނެތެވެ. އެބޭކަލުން ތުރުކުރައްވައިގެން ތިއްބެވީ ރަންކަސަބުން ކަސީދާކޮށްފައިވާ ފަށުވިފޮތްޗާއި އަތުލަސް ފޮތީގެ އަބާކޮޅުތަކެއް ނޫނެވެ. ނަމަވެސް އީރާނުގެ މާސިންގާ އަފޫރުއްބަ ރަސްކަމުގެ ޝަހެންޝާހަށް އެބޭކަލުންގެ މޫނުފުޅުތަކުން ފެނިވަޑައިގަންނަވަނީ ހިތްޕުޅުގެ މުއްސަނދިފުޅުކަމެވެ. ފުދިވަޑައިގެންފައި ތިއްބެވިކަމުގެ އަސަރުތަކެވެ. އެއީ އެރަސްގެފާނު އޭގެކުރީން ދުވަހަކުވެސް ބަޔެއްގެ މޫނުމަތީން ދެކެވަޑައިގެންނެވި އަސަރުތަކެއް ނޫނެވެ. އެބޭކަލުން ބޮޑާފުޅެއް ނޫނެވެ. އެކަމަކު ނުހަނު ސަހަލު ހެދުންކޮޅުން ފޮރުއްވައިފައިވާ ހަށިކޮޅުތަކާއި މުލައްދަނޑިފުޅުތަކުގެ އުރައްޕާމެދު އެބޭކަލުންގެ ހިތްޕުޅުތަކުގައި ފުރިހަމަ އިތުބާރު އޮތެވެ. އެބޭކަލުންގެ ބިރުފުޅުގެ ކަންފުޅެއްވެސް ނެތް ބެއްލެވުމަކީ މާތް اللّـه ގެ ބިންމަތީގައި އިންސާނުންގެ ޝަހެންޝާހިއްޔަތު ގަބޫލު ނުކުރާ މިއްލަތުގެ ޢަޒުމާއި ހިތްވަރާއި ފަންވަރުގެ ތަރުޖަމާނެއް ކަމުގައިވާ ބެއްލެވުމެކެވެ. އިސްލާމްދީނުގެ ދާއީންގެ މިވަފުދު އެކުލެވިގެންވަނީ ސާދަ މެމްބަރުންގެ މައްޗަށެވެ. އޭގެތެރެއިން ހަތްބޭކަލުންނަކީ1 ޖިސްމާނީގޮތުން ބަލާއިރު ގުނަވަންތަކަމާއި، ތޫނުފިލިކަމާއި، ހައިބަވަންތަކަމާއި، ސަހަރާވީ ޢަރަބީންގެ ކަސްރަތީ ހަށިކޮޅުގެ ގޮތުން މުޅި ޢަރަބިކަރައިންވެސް ހޮވައިލެވޭފަދަ ހަތް ބޭކަލުންނެވެ. ދެން ތިއްބެވި ހަތްބޭކަލުންނަކީ2 އެބޭކަލުންގެ މޫނުފުޅުމަތީން ޢަރަބި ޤަބީލާތަކުގެ ވިސްނުން ތޫނުކަމާއި، ސިޔާސީ ރޯފިލުމުގެ އަސަރު ފާޅުވޭވެ ހުންނަ ބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލުންނެވެ.

1.އެންމެ ފުރަތަމަ ބަޔާންކުރި ހަތް ބޭކަލުންނަކީ:

عـاصم بن عمـرو، معـنّـى بــن حــارثـــة، عطاء بــن حاجب، أشعس بــن قيس، حارث بــن حسان، مغيـرة بــن شعبـة، عمـروبـن معـدى كـرب މި ހަތް ބޭކަލުންނެވެ.

2.ސަފީރުންގެ ވަފުދުގައި ދެން ތިއްބެވި ހަތްބޭކަލުންނަކީ:

نعمـان بــن مقـرن، فـرات بــن حيّـان العجـلى، بسـر بــن أبى رهـم، حنـظله بــن الرّبـيع، عـدى بــن سهـل، مغيـرة بــن زرارة، قيس بــن زرارة މިބޭބޭކަލުންނެވެ.

ޔަޒުދުގިރުދު ހައިރާންފުޅުކަމާއި ކަންބޮޑުވެވަޑައިގަތުމާއެކު އިރުކޮޅެއްވަންދެން އެބޭކަލުންގެ މޫނުފުޅުތަކަށް ބައްލަވާން އިންނެވިއެވެ. ތަރުޖަމާނު މެދުވެރިކުރައްވައި އިރުކޮޅަކުން ސުވާލު ކުރެއްވިއެވެ. ތިޔަބައިމީހުން އަހަރެންގެ ޤައުމަށް ތިޔަ އައީ ކީއްކުރަން ހެއްޔެވެ؟

نعمـان بــن مقـرن رضى اللّـه عنــه ޔަޒުދުގިރުދުގެ ސުވާލުގެ ޖަވާބުގައި ކުރު އެކަމަކު ވަރަށް ފުރިހަމަ ތަޤުރީރެއް ކުރެއްވިއެވެ. އެ ތަޤުރީރު ނިންމައިލައްވަމުން رسـول اللّـه صلّى اللّـه عليه وسلّم ގެ ބިއުޘަތުގެ މަޤްޞަދާއި އިސްލާމްދީނުގެ އުނގަންނައިދިނުންތައް ޚުލާޞާ ކުރައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑުމެންނަކީ މިމާތް ދީނުގެ ދަޢުވަތާއިގެން ތެދުވި މީހުންނީމުއެވެ. އެދީން ވަނީ ޖާހިލުކަމާއި މަގުފުރެދުމުގެ އަނދިރީގެ ތެރެއިން ޢިލްމާއި އަލިކަމުގެ ތެރެޔަށް އަޅުގަނޑުމެން ނެރެފައެވެ. ތެދުމަގު ދައްކައިފައެވެ. އަޅުގަނޑުމެން މިމާތް ދީނަށް މަނިކުފާނަށް ދަޢުވަތު އަރުވަމުއެވެ. މަނިކުފާނު އަޅުގަނޑުމެންގެ ދަޢުވަތު ގަބޫލުކުރައްވައިފިނަމަ އެނބުރި ހިނގައިދާނޫއެވެ. މަނިކުފާނު ރަނގަޅު މަގު ހޯއްދެވުމަށްޓަކައި މާތް اللّـه ގެ ފޮތް މަނިކުފާނާ ހަވާލުކުރާނޫއެވެ. އެފޮތަށް ޢަމަލުކުރައްވާހައި ހިނދަކު މަނިކުފާނުގެ ރަސްކަމާމެދަކު އިޢުތިރާޟެއް ނުކުރާނޫއެވެ. ހުރަހޮޅިޔެއް ނުގަންނާނޫއެވެ. މަނިކުފާނު އިސްލާމްދީން ގަބޫލު ނުކުރައްވާނަމަ އަޅުގަނޑުމެންނަށް ޖިޒީ ދެއްވާށެވެ. އެހެންނޫންނަމަ މަނިކުފާނާއި އަޅުގަނޑުމެންނާ ދެމެދުގައި ނިޔާކަނޑައަޅާނީ އަޅުގަނޑުމެންގެ ކަނޑިތަކެވެ."

ޔަޒުދުގުރުދުގެ މޫނުފުޅު ކޯފާގެ ސަބަބުން ރަތްވެއްޖެއެވެ. އޭނާ ގުގުރީގެ އަޑުފަދަ އަޑުފުޅަކުން ވިދާޅުވިއެވެ. "ތިޔަބައިމީހުންނަށްވުރެ ހަސްފަސްނެތް ނަސީބުދެރަ އެއްވެސް ޤައުމެއް ދުނިޔެމައްޗަކު ނޯންނާނެއެވެ. ތިޔަބައިމީހުން ނުކިއްސަރުކަމެއް ދައްކައިލާއިރަށް މިތަނުން އަމުރު ފޮނުވަނީ ސަރަޙައްދުގެ ބިންވެރީންނަށެވެ. އެމީހުން ތިޔަބައިމީހުންގެ ސިނގު ރުޅިއާއި ވިއަރިގަނޑު ފިލުވައިލާނެއެވެ. ހޭއަރުވާނެއެވެ. އީރާނުގައި ޢަރަބީން ފާހަގަކުރެވެނީ ދެނަމަކުންނެވެ. އެއްނަމަކީ ދަމައިކަނޑާ މީހުންނެވެ. އަނެއް ނަމަކީ ސަލާންޖަހާ މީހުންނެވެ. ތިޔަބައިމީހުންގެ ކާނާއަކީ އަނަރޫފަ ޖަމަލެވެ. ފެންބޮނީ ވެލިވަޅުތަކުންނެވެ. ތިޔަބައިމީހުންގެ ހެދުމަކީ ޖަމަލުގެ ފަލަ ކެހެރިއެވެ. އެކަމަކު މިހާރު ތިޔަބައިމީހުން އީރާނުގެ ކޯރުތަކުގެ މީރުފެން ބޮއިފީމުއެވެ. މިތާނގެ ކާއެއްޗެއްސަށް ދަހިލަވައިފީމުއެވެ. ތިޔަބައިމީހުން ތިޔަ އައީ ތަދުމަޑުކަމާއި ހައިހޫނުކަމުގެ ސަބަބުން މަޖުބޫރުވެގެން ކަމުގައިވާނަމަ އަހަރެމެން ތިޔަބައިމީހުންނަށް ހަމައެކަނި މާފުކުރާނީކީ ނޫނެވެ. ތިޔަބައިމީހުންގެ ޖަމަލުތަކަށް ގޮވާމާއި ކަދުރު އަރުވައި ބަރުކޮށްދޭނޫއެވެ. ތިޔަބައިމީހުންގެ ސަރުދާރުންނަށް ކަމޭހިތާނޫއެވެ. ކާނާއާއި ފޭރާން ދޭނޫއެވެ. ތިޔަބައިމީހުންނާމެދު ކުލުނު ބަހައްޓައި މުރުއްވަތާއެކު ކަންތައްކުރާނެ ރަސްކަލަކު އިސްކޮށްދޭނޫއެވެ. އެކަމަކު ހަނދާންކުރާށެވެ. ތިޔަބައިމީހުން އަހަރެންގެ ދީލަތިކަމަށް ޤަދަރު ނުކޮށްފިނަމަ އަހަރެންގެ ރުޅިވެރިކަމާއި ބަދަލުހިފުމުން ތިޔަބައިމީހުން ސަލާމަތްކޮށްދެވޭނެ އެއްވެސް ބާރެއް ނޯންނާނެއެވެ."

އިރުކޮޅެއްވަންދެން ދަރުބާރަށް އޮތީ ހަނުހިމޭންކަން ވެރިވެފައެވެ. ޔަޒްދުގިރުދު ސާބަސް ލިބިވަޑައިގަތުން އެދިވަޑައިގަންނަވާ ނަޒަރަކުން އޭނާގެ އަމީރުންނާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. مغيـرة بــن شعبـة رضـى اللّـه عنـــه ކުއްލިޔަކަށް ތެދުވެވަޑައިގެން ވިދާޅުވިއެވެ.

"އޭ ރަސްގެފާނެވެ! މިތިއްބެވީ ޢަރަބީންގެ މާތް ބޮޑުންނެވެ. އެބޭކަލުން ތިޔަކަހަލަ ވާހަކަފުޅުތަކަށް ޖަވާބު ދެއްވާކަށެއް ބޭނުންފުޅެއް ނުވާނެއެވެ. އެކަމަކު އަޅުގަނޑު މަނިކުފާނުގެ ކޮންމެ ވާހަކަފުޅަކަށް ޖަވާބު އަރުވާނަމެވެ. އެބޭކަލުން އަޅުގަނޑުގެ ވާހަކަޔާ އެއްބަސްވެވަޑައިގަންނަވާނެއެވެ. އަޅުގަނޑުމެންގެ މާޒީޔާ ބެހޭގޮތުން ތިޔަ ދެއްކެވީ ހަމަ ހެޔޮވާހަކަފުޅެވެ. ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނަކަށް ހެޔޮނުބައި ވަކިކުރާކަށެއް ނޭނގެއެވެ. އަޅުގަނޑުމެން އެކަކު އަނެކެއްގެ ލޭ ބޮއިއުޅުނީމުއެވެ. އަންހެންދަރީން ދިރިތިއްބައި ވަޅުލީމުއެވެ. އަރަހުށި މާތް اللّـه سبحانه وتعالى އަޅުގަނޑުމެންގެ ނިކަމެތިކަމުގެ މައްޗަށް އޯގާވަންތަވެވޮޑިގެން އަޅުގަނޑުމެންނަށް ތެދުމަގު ދައްކަވާން ނަބީބޭކަލަކު ފޮނުއްވިއެވެ. އެމާތް ސާހިބާ އަޅުގަނޑުމެންނަށް ޙައްޤު ދީން އުނގަންނައިދެއްވިއެވެ. އެމާތް ސާހިބާ ކޮންމެ ކަމެއްވެސް ކުރައްވަނީ އަދި ކޮންމެ ވާހަކަފުޅެއްވެސް ދައްކަވަނީ މަތިވެރިވަންތަ މާތް اللّـه ގެ ވަޙީބަސްފުޅާ އެއްގޮތަށެވެ. އެކަލާނގެ ޙުކުމްފުޅަށެވެ. އެމާތް ސާހިބާ އަޅުގަނޑުމެންނަށް އަމުރުކުރެއްވީ މާތް اللّـه ގެ ދީން މުޅިދުނިޔޭގެ ކުރިމައްޗަށް ހުށަހެޅުމަށެވެ. އެމާތް ސާހިބާ އިރުޝާދު ދެއްވިއެވެ. އެދީން ގަބޫލުކޮށްފި މީހަކީ ތިޔަބައިމީހުންގެ އަޚެކެވެ. އޭނާގެ ޙައްޤުތައް ތިޔަބައިމީހުންގެ ޙައްޤުތަކާ އެއްވަރެވެ. އިސްލާމްވުމަށް އިންކާރުކޮށް ޖިޒީދޭން އެއްބަސްވެއްޖެ މީހަކު ހުންނާނީ ތިޔަބައިމީހުންގެ ޙިމާޔަތުގެ ދަށުގައެވެ. މިދެކަންތަކަށް އިންކާރުކޮށްފި ބަޔަކަށްޓަކައި ވަނީ ތިޔަބައިމީހުންގެ ކަނޑިތަކެވެ."

ޔަޒުދުގުރުދު ކޯފާއިސްވެ ތުރުތުރުއަޅައިވަޑައިގަންނަވަމުން ވިދާޅުވިއެވެ. "ސަފީރުން ޤަތުލު ކުރުމަކީ ހުއްދަކަމެއްނަމަ ތިޔަބައިމީހުންކުރެ އެއަކުވެސް ދިރިހުއްޓައެއް ދުލެއް ނުކުރީމުހެވެ."

مغيـرة رضـى اللّـه عنـــه ޖަވާބު ދެއްވިއެވެ. "އަޅުގަނޑުމެން މަރުދެކެ ބިރުގަންނަނަމަކަ މިތަނަކަށް ނައީމުހެވެ."

ދަރުބާރުގައި ތިއްބެވި ހުރިހައި ބޮޑުން ހައިރާންފުޅުކަމާއެކު ބައްލަވަން ތިއްބެވީ ޔަޒުދުގިރުދުގެ މޫނުފުޅު މައްޗަށް އަރައި ފައިބަމުންދިޔަ ކުލަވަރަށެވެ. އޭނާ ތަޚުތުގެ ކައިރީގައިތިބި ހަތިޔާރުއެޅި ވަރުގަދަ ފާރަވެރީންގެ ތެރެއިން އެކަކަށް އަތްޕުޅުން އިޝާރަތްކުރައްވައި އަރިހަށް ގެންނަވައިފިއެވެ. އެމީހާގެ ގާތުގައި ސިއްރުސިއްރުން އެއްޗެކޭ ވިދާޅުވުމުން އޭނާ ވަރަށް ބާރަށް ހިނގައިފައި ބޭރަށް ނުކުމެއްޖެއެވެ. ޔަޒުދުގިރުދު އިރުކޮޅަކު ހަނުއިންނަވައިފައި މުސްލިމުންގެ ވަފުދުގެ މެންބަރުންނާ ދިމާޔަށް ކުރިމަތިލައްވައި ވިދާޅުވިއެވެ. "ތިޔަބައިމީހުންނަކީ ވަރަށް އަދަބުކުޑަ ބަޔަކީމުއެވެ. އެކަމަކު ތިޔަބައިމީހުންގެ ނިކަމެތިކަމާއި ފަގީރުކަމުގެ މައްޗަށް އަހަރެން ސަހަރޯ ހީވެއެވެ. އެހެންކަމުން ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދަރަޖަޔާ އެކަށީގެންވާވަރުގެ ހަދިޔާއެއްދޭން ގަސްދު ކޮށްފީމެވެ."

سعـد بـن أبى وقّـاص رضـى اللّـه عنـــه ގެ ސަފީރުން ހައިރާންފުޅުކަމާއެކު އެއްބޭކަލަކު އަނެއްބޭކަލެއްގެ މޫނުފުޅު ބައްލަވާން ފައްޓަވައިފިއެވެ. ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި އަޅުންގެ ދެމީހެއް ވެލިޓުކުރިޔެއް ގެނެސް އެބޭކަލުންގެ ކުރިފުޅުމަތީގައި ބަހައްޓައިފިއެވެ.

ޔަޒުދުގިރުދު އަމުރުކުރެއްވިއެވެ. "މިބައިމީހުންކުރެ އެންމެ ޢިއްޒަތްތެރިޔަކީ ތިމާކަމުގައި ދެކޭމީހެއްގެ ބޮލަށް މި ވެލިޓުކުރި އަރުވާށެވެ. އެއަށްފަހު އެންމެން ފައްސައި މަދާއިނުން ބޭރުކޮށްފައި އަންނާށެވެ." ދަރުބާރުގައި ތިއްބެވި ފާރިސީ ބޮޑުންގެ މޫނުފުޅުތަކުން ހިނިތުންވެވަޑައިގެންނެވުމުގެ އަސަރު ފާޅުވާން ފަށައިފިއެވެ. عـاصم بن عمـرو رضـى اللّـه عنـــه ކުއްލިޔަކަށް ކުރިޔަށް ޖެހިވަޑައިގެން ވެލިޓުކުރި ނަންގަވައި ކޮނޑުފުޅަށް ލައްވަމުން ވިދާޅުވިއެވެ. "މީގެތެރޭގައިހުރި އެންމެ ޢިއްޒަތްތެރިޔަކީ އަޅުގަނޑެވެ."

ދަރުބާރުގައި ތިއްބެވި ބޮޑުންގެ ހިނިތުންކުރެއްވުން ކަކަކަކައަޅުއްވައި ހިނިފުޅު ވެޑުވުމަކަށް ބަދަލުވެއްޖެއެވެ. عـاصم بن عمـرو رضـى اللّـه عنـــه ވަރަށް ބާރަށް ވަޑައިގެން ބޭރަށް ނުކުމެވަޑައިގެންފިއެވެ. ދެކޭންތިބި މީހުންނަށް ހީވީ އެބޭބޭކަލުންނަށް ވެއްޔަކީ މާތަކެއް ކަމުގައި ހީފުޅުވީހެންނެވެ. ކިސްރާގެ ދަރުބާރުން ބޭރަށް ނުކުމެވަޑައިގެންނެވުމަށްފަހު އެބޭކަލުން ހިންގަވައިފައި ވަޑައިގެންނެވުމުގެ ބަދަލުގައި ދުވެވަޑައިގެންފައި ވަޑައިގެން ދޮރޯށިކޮޅުން ބޭރަށް ނުކުމެވަޑައިގެންފިއެވެ. عـاصم އެ ވެލިޓުކުރި އެކަލޭގެފާނުގެ އަސްމައްޗަށް ލައްވައިފައި ނުހަނު ހަލުވިފުޅުކަމާއެކު އަހަށް ސަވާރުވެވަޑައިގެންފިއެވެ. އެކަލޭގެފާނު އަސްމައްޗަށް ސަވާރުވެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނުގެ އެކުވެރީންނަށް ވިދާޅުވިއެވެ. "އީރާނުގެ މަޖޫސީންނަކީ ކޮންމެ ކަމަކުންވެސް ފާލުބަލާ ބައެކެވެ. އެބައިމީހުން އަޅުގަނޑުމެންނަށް މިދިނީ އީރާނުގެ ބިމެވެ. سعـد ގެފާނުގެ އަރިހަށް ގެންދާކަށެއް މިޔަށްވުރެ ރަނގަޅު ވެދުމެއް ނެތެވެ. އަވަހަށް މިރަށުން ނިކުންނަމާ ހިންގަވާށެވެ." އިރުކޮޅެއްގެ ތެރޭގައި މަދާއިނުގެ މަގުމަތީން އިވެމުންދިޔައީ އެބޭކަލުންގެ އަސްތައް ކަޑަބޮއްޖަހައިފައި ވަޔާ ވާދަކުރަމުން ދުވެފައިދާ އަޑެވެ.

ޔަޒުދުގިރުދު ގަޑިޔެއްހައިއިރު ފަހުން އިންނެވީ އޭނާގެ ކޮއިލުގެ އެހެން ކޮޓަރިކޮޅެއްގައެވެ. އޭނާގެ އެންމެ އަރިސް ބޮޑުންގެ ތެރޭގައެވެ. އެބޭފުޅުންނަކީ ޝަހެންޝާހުން ކުރައްވާ ކޮންމެ ކަމަކަށް ތާއީދުކުރެއްވުމުގައި އުޑާއި ބިން އެއްކޮށްލައްވާ ބޭފުޅުންނެވެ. ދުވަހުގެ މައުޟޫޢަކީވެސް ޝަހެންޝާހުގެ ބުއްދިފުޅު ތަނަވަސްކަމެވެ. ކަންކަން ނިންމަވައިލައްވާ ފުރިހަމަކަމެވެ. سعـد بـن أبى وقّـاص ގެ ސަފީރުން ޝަހެންޝާހުގެ ދަރުބާރުން ނިކުމެވަޑައިގެންނެވީ ވެލިޓުކުރިޔެއް އިސްތަށިފުޅުމައްޗަށް ލައްވައިގެންކަމެވެ. ރުސްތުމު ކުއްލިޔަކަށް އެކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ. ޚުޝާމަދު ކުރައްވައި "އާދެ މަސާހިބާ" ދަންނަވާ ބޭފުޅުންގެ ކަކަކަކަ އަޅުއްވައި ހިނިފުޅު ވެޑުވުން ކުއްލިޔަކަށް ހުއްޓިއްޖެއެވެ. އެކޮޓަރިކޮޅަށް ހިމޭންކަން ވެރިވެއްޖެއެވެ."

ރުސްތުމު ތިންފަހަރަށް ފަރުޝީ ކުރުނީސްކުރައްވައިފައި ވިދާޅުވިއެވެ. "ޢާލަމުތަކަށް ފުރަސިތުރަ ސާހިބާއެވެ. މަނިކުފާނުގެ ހުއްދަ ވިދާޅުބަސްފުޅު ހޯދުމަކާ ނުލައި އަރިހަށް ހާޒިރުވީތީ މާފުކުރައްވާށެވެ. އަޅުގަނޑު މިއައީ މުސްލިމުންގެ ވަފުދެއް މަނިކުފާނުގެ ހިރިޔާފާތުރާގެ ދަށަށް ހާޒިރުވި ޚަބަރު އިވިގެންނެވެ. ވަގުތަށް ހާޒިރު ނުވެވުނީތީ ވަރަށްބޮޑަށް ހިތާމަކުރަމެވެ."

ޔަޒުދުގިރުދު ޖަވާބު ދެއްވިއެވެ. "ކަލާ ވަޑައިގެންނެވުމުގެ ބޭނުމެއް ނެތެވެ."

"ފުރަސިތުރަ ސާހިބާއެވެ. އަޅުގަނޑު ހަމަ މިއަދު އެނބުރި ހިނގައިދާނަމެވެ."

"އެ ސަލާންޖަހާ މީހުންނާމެދު އަޅުގަނޑު ކަންތައްކުރިގޮތް އެނގިވަޑައިގެންފިތޯއެވެ؟"

"ނޫނެކެވެ! ސާހިބާއެވެ. އެބައިމީހުން މާއަވަހަށް އެނބުރިދިޔުމުން އަޅުގަނޑު މިހުރީ ހައިރާންވެފައެވެ."

"ކަލާ ތިޔައަށްވުރެ މާބޮޑަށް ހައިރާންވެވަޑައިގަންނަވާނޫއެވެ. އަޅުގަނޑުގެ ދަރުބާރުން އެބައިމީހުން ނުކުތްއިރު އެބައިމީހުންގެ އެންމެ ޢިއްޒަތްތެރި ބައިވެރިޔާގެ ބޯމަތީގައިހުރީ ވެލިޓުކުރިޔެކެވެ."

"ވެލިޓުކުރިޔެކޭތޯއެވެ؟"

(ނުނިމޭ)