ކުޅިވަރު

އީދު ބަންދާ ދިމާކޮށް ހުޅުމާލޭ ބެޑްމިންޓަން ކޯޓު ބަންދުކުރުމުން ކުޅުންތެރީން ރަތަށް!

އައިދާ އަބްދުލް ހަކީމް

ތޮއްޖެހިފައި މިވާ ގްރޭޓާ މާލެ އަކީ ޒުވާނުން ކުޅިވަރު ކުޅޭނެ މާގިނަ ވަސީލަތްތަކެއް އޮތް ތަނެއް ނޫނެވެ. ކިރިޔާވެސް މިސަރަހައްދުގައި ދިރިއުޅޭ ޒުވާނުންނަށް ކުޅެވޭ ފަދަ ވަސީލަތަކަށް އޮތީ ފުޓުބޯޅަ އަދި ފުޓްސަލް ދަނޑުތަކެވެ. ކޮންމެ ސަރުކާރަކުންވެސް ފުޓުސަލް ދަނޑުތަކަށް ހާއްސަ ސަމާލުކަމެއް ދީފައިވާކަން ގިނަ ފަރާތްތަކުން ފާހަގަ ކުރެއެވެ.

އޭގެ ސަބަބުން އެހެން ކުޅިވަރުތައް ކުޅޭ ޒުވާނުން ވަނީ ވަރަށް ބޮޑަށް ބާކީވެފައެވެ. އެގޮތުން ބެޑްމިންޓަން އަކީ މާލެ، ހުޅުމާލޭގައި ކުޅެވޭނެ ގޮތެއް ނެތް ކުޅިވަރެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ސަބަބަކީ ބެޑްމިންޓަން ކުޅެން މާލެ އަދި ހުޅުމާލޭގައި އޮންނަނީ އެންމެ ދެ ކޯޓެކެވެ. އެއީ އެންމެ ކުރިއްސުރެ ހިންގަމުން އަންނަ އެކުވެނި ބެޑްމިންޓަން ކޯޓުގެ އިތުރުން ހުޅުމާލޭގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ފަރާތުން ހިންގާ ބެޑް މިންޓަން ކޯޓެކެވެ.

އެކުވެނި ކޯޓަކީ ގައުމީ ބެޑްމިންޓަން ޓީމްގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަނުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގާ ތަނެކެވެ. ގައުމީޓީމްތައް ޕްރެކްޓިސްކުރާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ބެޑްމިންޓަން އެސޯސިއޭޝަންގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށް ޝެޑިއުލް ކުރެވިގެން އެތަން ކޮންމެވެސް ވަރެއްގެ ޗަންދާއެއް ނެގުމަށްފަހު ދޫކުރެއެވެ. ބައިނަލް އަގުވާމީ މުބާރާތްތަކުން ގައުމީ ބެޑްމިންޓަން ޓީމްތައް ރަން ވަނަތައް ހޯދަމުން ދިއުމާ އެކު އެކުޅުންތެރިން ތަމްރީން ކުރުމަށްޓަކައި ފުދޭވަރަށް ގިނަ ވަގުތު އެސޯސިއޭޝަނުން އޮންނަނީ ނަގައިފައެވެ. އެކުވެނީގައި އޮންނަ ކޯޓުތަކުން ވެސް އާންމުންނަށް ޖާގައެއް ހޯދުން އެއީ ފަސޭހަކަމެއް ނޫނެވެ.

ދެން އޮތީ ސަރުކާރުގެ ކުންފުނި އެޗްޑީސީ އިން ހުޅުމާލޭގައި ހިންގާ ކޯޓެވެ. އެތަނުގައި ދެކޯޓު އޮވެއެވެ. މިކޯޓަކީ ހުޅުމާލޭގެ ޒުވާނުންގެ އިތުރުން މާލޭގައި ދިރިއުޅޭ ބެޑްމިންޓަނަށް ލޯބިކުރާ ޒުވާނުން ވެސް ބެޑް މިންޓަން ކުޅެންދާ ތަނެކެވެ. ދެކޯޓު އޮންނަ އިރު ކޮންމެ ކޯޓަކަށް އެއްގަޑިއިރަށް 50 ރުފިޔާގެ ރޭޓުން ފީއެއް ނަގައެވެ. ނަމަވެސް މި ފެށުނު ބަންދާ ދިމާކޮށް އެޗްޑީސީ ބެޑްމިންޓަން ކޯޓުތައް ބަންދުކުރާތީ ޒުވާނުން ވަނީ މީސް މީޑިއާގައި ޝަކުވާ ކުރަން ފަށައިފަ އެވެ.

އެޗްޑީސީން ކުރި ޓުވީޓެއްގައި ބުނީ ކުރިޔަށް މިއޮތް މިނިވަންދުވަހާއި އަޟްހާ އީދުގައި އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮންނަ ބެޑްމިންޓަން ކޯޓުތައް ބަންދުވާނެ ކަމަށެވެ. އެތަންތަން ދެން ހުޅުވޭނެ ކަމަށް އެކޯޕަރޭޝަނުން ބުނެފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެވެ.

ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ޒުވާނުންގެ ތެރެއިން އެތަން ކުއްޔަށް ނަގައިގެން ކުޅެން އަންނަ ޒުވާނުން މިކަމާ ހިތްހަމަނުޖެހިގެން، ކަންބޮޑުވުން ފާޅުކުރަމުންދާތީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލް އަށް "ވަން" އިން ގުޅައިލުމުން ވިދާޅުވީ ބަންދު ދުވަސްތަކުގައި ކޯޓު ބަންދުކުރަން ނިންމާފައިވަނީ އެތަނުގައި މުވައްޒަފުންނަށް ވެސް ޗުއްޓީ ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ޒުވާނުންގެ ކަންބޮޑުވުމަކީ އީދު ޗުއްޓީ ލިބި ކުޅެލަން ފުރުސަތު ލިބުނު ވަގުތު ހުޅުމާލެ ބެޑްމިންޓަން ކޯޓު ބަންދު ކުރުމުންނެވެ. ބަންދާ ގުޅިގެން އެޗްޑީސީގެ ބެޑްމިންޓަން ކޯޓުތައް ބަންދުކުރި ނަމަވެސް މާލޭގެ އެކުވެނި ކޯޓުތައް ބަންދުކޮށްފައެއް ނުވެއެވެ. އަދި ކުޅިވަރު ކުޅޭ އެހެން އެއްވެސް ދަނޑުތަކެއްވެސް ބަންދުކޮށްފައެއް ނުވެ އެވެ. އީދަކީ ކުޅިވަރުކުޅެން ލިބޭ އުފާ ކުރުމުގެ ފުރުސަތެކެވެ. އެހެންކަމުން އީދުގައި ކުޅިވަރު ކުޅޭނެ ފުރުސަތު ތަކާއި ވަސީލަތްތައް ތަނަވަސްވުން މުހިންމު ކަމަށް ގިނަ ޒުވާނުން ދެކެއެވެ.

މިކަމާއި ގުޅިގެން އެތަން އާންމުކޮށް ކުއްޔަށް ނަގައިގެން ކުޅެންދާ ޒުވާނުންގެ ގްރޫޕަކުން "ވަން" އާ ވާހަކަ ދައްކަމުން ބުނީ އެތަނަކީ ވަރަށް ގިނަ ވަގުތުތަކުގައި ފުލްކޮށް އޮން ތަނެއް ކަމަށެވެ. އެތަން ކުއްޔަން ހިފަން ބޭނުންވެގެން ހެނދުނު ގުޅަން ފަށައިގެން ވެސް ރޭގަނޑަށް ގިނަ ފަހަރު ކުޅެން ޖާގަ ނުލިބޭ ކަމަށެވެ.

"ދުވާލަކަށް 10 ވަރަކަށް ގަޑިއިރަށް ބެއްޔަސް ދެ ކޯޓުން މަހަކު 30000 ރުފިޔާ އެޗްޑީސީއަށް ލިބޭނެ. އެހެން ކަމުން އެތަނުގައި ދެ ޑިއުޓީއަށް ދެ މުވައްޒަފުން ބޭތިއްބިޔަސް އެޗްޑީސީއަށް ވާނީ ފައިދާ. އީދަކީ ކުޅިވަރު ކުޅެ އުފާކުރުމުގެ ވަގުތު. ސަރުކާރުން މިފަދަ ކަންކަން ކުރީމަ ދެރަ." ޒުވާނަކު އޭނާގެ ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

އެތަނަށް ކުޅެންދާ ޒުވާނުންގެ ޝަކުވާ އަކީ މި ޗުއްޓީގައި އޮފީސްތައް ބަންދުކުރާއިރު، މާލެއިން ބޭރަށް ހިތްހަމަ ޖައްސައިލުމަށް ދެވޭނެ ގޮތެއްވެސް ނެތް އިރު އެތަން ބަންދުކުރުމުގެ ޝަކުވާއެވެ. އެމީހުން ގަބޫލު ކުރާގޮތުގައި އެތާނގެ ޑިއުޓީގައި ތިބޭ ސްޓާފުންނަށް އޯޓީ ދީގެން ހިންގޭނެ ވަރަށް ވެސް އެތަނަށް ފައިސާ ވަންނައިރު، މިފަދަ ދަނޑިވަޅެއްގައި އެތަން މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ނަމުގައި ބަންދުކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. މިއީ ސަރުކާރުގެ ކުޅިވަރު ސިޔާސަތާ ވެސް ފުށުއަރާ ކަމެއް ކަމަށެވެ.