މެދުފަންތީގެ މީހުންނަށް ހުޅުމާލޭގައި އެޕާޓްމަންޓުތަކެއް ހެދުމަށް ކަމަށް ބުނެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލި ފުރުސަތަކީ ރިއަލްސްޓޭޓްގެ އުސޫލުން ހުޅުމާލޭގެ ބިންތައް ބިދޭސީންނަށް ވިއްކުމުގެ ހަރަކާތެއް ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

އެޗްޑީސީން އިއްޔެ އިއުލާން ކުރީ، "މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް"ގެ ގޮތުގައި ހަތަރު އެޕާޓްމަންޓް ބިލްޑިންގް އިމާރާތްކޮށް، ވިއްކާނެ ބަޔަކު ހޯދުމަށެވެ. މެދުފަންތީގެ މީހުންނަށް އަމާޒުކޮށް ހަދާ މި އެޕާޓްމަންޓުތައް ހެދުމަށް ބޭނުންވާ މީހުންގެ ޕްރޮޕޯސަލްް އަންނަ ސެޕްޓެމްބަރު 24 ގެ ކުރިން ހުށަހަޅަންޖެހެއެވެ.

އިއުލާނުގައި ބުނީ އިމާރާތްތައް ހަދަން ޝައުގުވެރިވާ ދިވެހި ޕާޓީތަކުން ސެކިއުރިޓީގެ ގޮތުގައި 500،000ރ. ހުށަހަޅަންޖެހޭނެ ކަމަށާއި ބޭރު ޕާޓީއެއް ނަމަ ބިޑް ސެކިއުރިޓީގެ އަގަކީ އެއްލައްކަ ޑޮލަރެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މެންބަރު ބޮންޑާ ވިދާޅުވީ، އެޗްޑީސީ އިއުލާނުގައި ބުނާގޮތުން ބިދޭސީ ޕާޓީއެއްނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި އެއް ލައްކަ ޑޮލަރު ބަހައްޓަން ޖެހޭ ކަމަށާއި މި ވިޔަފާރިއަކީ ރިއަލެސްޓޭޓްގެ އުސޫލުން ހުޅުމާލޭގެ ބިންތައް ބިދޭސީންނަށް ވިއްކުމުގެ ހަރަކާތެއް ކަމަށެވެ.

"އެޗްޑީސީ އިއުލާނުގައި ބުނާގޮތުން ބިދޭސީ ޕާޓީއެއްނަމަ ބިޑްސެކިއުރިޓީ ގޮތުގައި 1 ލައްކަ ޑޮލަރު ބަހައްޓަން ޖެހޭ. މި ވިޔަފާރިއަކީ ރިއަލެސްޓޭޓްގެ އުސޫލުން ހުޅުމާލޭގެ ބިންތައް ބިދޭސީންނަށް ވިއްކުމުގެ ހަރަކާތެއް. ހުއްޓުވަން ޖެހޭކަމެއް،" ބޮންޑާ ވިދާޅުވިއެވެ.

ހުޅުމާލޭގެ ޕްލެޓިނަމް ބިލްޑިން ކައިރި އާއި ރެނާޓަސް ފްލެޓުތައް ހުރި ސަރަހައްދުގައި އަލަށް ހަދަނީ 14 ބުރީގެ ތިން އިމާރާތާއި 10 ބުރީގެ އެއް އިމާރާތެކެވެ. މީގެ ތެރެއިން ތިން އިމާރާތް ހަދަނީ ޕްލެޓިނަމް ފްލެޓުތައް ހުރި ސަރަހައްދުގައެވެ. އަދި ހަތަރު އިމާރާތުގެ ތެރެއިން 10 ބުރީގެ އިމާރާތުގެ ބޮޑުމިނަކީ 12،294.10 އަކަފޫޓެވެ. ބާކީ ތިން އިމާރާތުގެ ބޮޑުމިނުގައި އުޅެނީ ގާތްގަނޑަކަށް 24،000 އަކަފޫޓާއި 30،000 އަކަފޫޓު އަދި 26،000 އަކަފޫޓެވެ.