ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކެންޔާ މީހާގެ މައުލޫމާތުތައް ހުއްދަނެތި ޝާއިއުކުރާ މީޑިއާތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާ ނުވަތަ ރޭޕްކުރަން އުޅުމުގެ މައްސަލައިގެ އަނިޔާ ލިބުނު ފަރާތް ކަމަށްވާ ޕޯލިން ޑުޓާ ގެޝޮރޯ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އޭނާގެ ހައްގުތައް ތަމްސީލުކުރުމަށްޓަކައި އައްޔަންކޮށްފައިވަނީ ރިޒާ އެންޑް ކޯއެވެ. އެ ފާމްގެ ފަރާތުން ގާނޫނީ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވަނީ ޝާފިއާ ރިޒާ އާއި ނޫރުބާން ފަހުމީއެވެ.
ޕޯލިންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާއާ އެއްވެސް ބާވަތެއްގެ މުއާމަލާތެއް ކުރަންވާނީ ގާނޫނީ ވަކީލުންގެ ހާޒިރުގައި ކަމާއި އެ ވަކީލުންގެ ބައިވެރިވުން ހިމަނައިގެންކަން ފުލުހުންނާއި ޖެންޑާ މިނިސްޓްރީއާއި ރައްޔިތުންގެ މަޖިލީހާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ރަސްމީކޮށް އަންގާފައިވާނެ ކަމަށެވެ.
"މި މައްސަލައާ ގުޅޭގޮތުން އަނިޔާ ލިބިފައިވާ ފަރާތާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެއްވެސް ސިފައެއްގައި ޝާއިއުކުރުމުގެ ކުރިން އަޅުގަނޑުމެންގެ ހުއްދަ ކުރިއާލައި ހޯދުމަށް ބްރޯޑްކާސްޓް މީޑިއާ، އޮންލައިން މީޑިއާ އަދި ޕްރިންޓް މީޑިއާގެ ކިބައިން އަޅުގަނޑުމެން އެދެމެވެ. އަޅުގަނޑުމެންގެ މުވައްކިލާ ބެހޭގޮތުން ހުއްދަނެތި ޝާއިއުކުރާ ކޮންމެ މައުލޫމާތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ..،" އެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޕޯލިންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އޭނާއަށް ކުރިމަތިވެފައިވާ އަނިޔާވެރި ހާލަތަށް ރިއާޔަތްކޮށް، އޭނާއަށް އުނދަގޫވާނެ ފަދަ ނުވަތަ އިތުރަށް އަނިޔާ ލިބިދާނެ ފަދަ އެއްވެސް ބާވަތެއްގެ މުއާމަލާތެއް ސީދާ ނުވަތަ ނުސީދާގޮތުން ވިޔަސް ނުކުރުމަކީ އެ މައްސަލައާ ގުޅިގެން ކަންބޮޑުވާ އަމިއްލަ ފަރާތްތަކާއި އާންމު ރައްޔިތުންގެ ކިބައިން ނިހާޔަތަށް އެދޭ ކަމެއް ކަމަށާއި އޭނާގެ ޒާތީ ދިރިއުޅުމުގެ ހައްގަށް އިހުތިރާމުކުރުމަށް އެދޭ ކަމަށެވެ.
މިމަހުގެ 22 ވަނަ ދުވަހު "މެންދުރު އޮންލައިން"ގައި ޝާއިއުކޮށްފައިވާ ނޫސްބަޔާނުގައި ބަޔާންކޮށްފައިވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރަކީ ޕޯލިން އެއްވެސް ވަރަކަށް ދަންނަ މީހެއް ނޫން ކަމަށާއި އަދި އެއްވެސް އިރެއްގައި އާޒިމާއާ އެއްވެސް ބާވަތެއްގެ މުއާމަލާތެއް ކޮށްފައިނުވާ ކަމަށް ވެސް ގާނޫނީ ޓީމުން ބުންޏެވެ.
"އެހެންކަމުން މެންދުރު އޮންލައިންގައި ޝާއިއުކޮށްފައިވާ ނޫސްބަޔާނުގައި އަޅުގަނޑުމެންގެ މުވައްކިލާ ހަވާލާދީ ޝާއިއުކޮށްފައިވާ މައުލޫމާތަކީ ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތެއް ކަމުގައި ދަންނަވަމެވެ. ވީމާ، ބުނެވިދިޔަ ނޫސްބަޔާން މި ހިނދުން މި ހިނދަށް ވެބްސައިޓުން ނެގުމަށް މެންދުރު އޮންލައިނަށް އަންގަމެވެ..،" ޕޯލިންގެ ގާނޫނީ ޓީމުން ބުންޏެވެ.
މެންދުރު އޮންލައިނުން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނީ ކުރީގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ބޭކަނބަލަކު ބޭރުގެ އަންހެން ކުއްޖެއް ސަފާރީއެއްގައި ރޭޕްކޮށްގެން އުޅޭ ކަމަށާއި އެ ވާހަކަ އެ ނޫހަށް ސީދާ ވިކްޓިމްގެ ފަރާތުން ގެނެސްދޭނެ ކަމަށް ބުނެ ވަރަށް އިތުބާރު ކުރެވޭ ގޮތަކަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
"ވިކްޓިމް ކަމަށް ބުނާ ފަރާތަކުން ފޯނު މެދުވެރިކޮށް ކުޑައިރުކޮޅެއް ވަންދެން ވާހަކަ ދެއްކުމަށްފަހު، ވިކްޓިމްއަށް މިވާހަކަތައް ކިޔައިދޭން ވަރަށް އުނދަނގޫވާނޭ ކަމަށްބުނެ، ކަންހިނގައިދިޔަ ގޮތުގެ ތަފްސީލު މެންދުރު އޮންލައިނަށް ކިޔައިދިނީ ދިވެހި ބަހުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު،" ބަޔާނުގައިވެއެވެ.
ބަޔާނުގައި ވަނީ އެ ނޫހުން ބެލި ބެލުމުން ސަފާރީގައި ހިނގާފައިވަނީ ރޭޕްގެ މައްސަލައެއް ނޫން ކަމަށާއި މި މައްސަލަ "ރޭޕް ކޭސް" ގެ ގޮތުގައި ބޮޑުކޮށްލީ މީގައި ސިޔާސީ ފަރާތްތަކަކާ ގުޅުން ހުރި ބައެއް ތިބުމުން ކަމަށެވެ. އަދި މިކަން ސިޔާސީކޮށްލުމުގެ ނިޔަތުގައިކަން އެ ނޫހަށް މިހާރު ކަށަވަރުވެފައިވާ ކަމަށް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން އާޒިމާ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ސަފާރީގައި ހިންގި ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އެއްވެސް ނޫހަކާ ވާހަކަ ދައްކާފައިނުވާނެ ކަމަށާއި އެ ތުހުމަތުތަކާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
"މެންދުރު އޮންލައިނަށް އަޅުގަނޑު މައުލޫމާތު ދިނިއްޔާ ދިން ގޮތަކާ، ވާހަކަ ދެއްކި މީހަކާ ހުންނަންވާނެ ނޫންތޯ؟،" އާޒިމާ ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ އެ ނޫހަކީ ރެޖިސްޓާކޮށްގެން ހިންގާ ނޫހެއް ނޫން ކަމަށާއި އެ އާޓިކަލްއާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ސަފާރީގައި ހިނގާފައިވާ ޖިންސީ ގޯނާގެ މައްސަލައިގައި މިހާތަނަށް ތުހުމަތުކުރެވެނީ ދެމީހުން ކަމަށާއި އެއީ ކުރިންވެސް ހައްޔަރުކުރި ދެމީހުން ކަމަށެވެ. އަދި ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއް އެ ސަފާރީގައި ހިނގާފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު