އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދެ މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އިތުރު ދެ މައްސަލައެއް ވަރަށް އަވަހަށް ކޯޓަށް ހުށަހަޅާނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި އެސެޓް ރިކަވަރީ ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ، ހިޔާނާތުގެ ފައިސާއެއް ގޮސްފައިވާ މީހެއް ނުވަތަ އެކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ހިސާބުން ތަހުގީގު ހުއްޓާ ނުލާ ކަމަށާއި އޭނާގެ އާއިލާ އާއި ގާތްމީހުންނާއި ބައިވެރިވާ ވިޔަފާރިތައް ވެސް ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެ ކުރިން ނެރުނު ރިޕޯޓެއްގައި 155 މީހެއް ހިމެނޭ ކަމަށް ބުނެފައި އޮތް ނަމަވެސް އެ އަދަދު މިހާރު 300 އެއްހާ މީހުންނަށް އަރާފައިވާ ކަމަށާއި އަދި ބަލައި ހޯދޭ މިންވަރަކުން އެ އަދަދު އިތުރުވަމުން ވެސް ދާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ތަހުގީގުގައި ބަލަނީ ތުހުމަތު ކުރެވޭ މީހަކަށް ހިޔާނާތުގެ ފައިސާ ގޮސްފައި ހުރިތޯ އެކަނި ނޫން ކަމަށާއި އޭގެ އިތުރުން އެދުވަސްވަރު ނުވަތަ ކައިރި މުސްތަގުބަލެއްގައި ތެރޭގައި މުދާތަކެއް ލިބިފައި ހުރިތޯ އާއި ވިޔަފާރިއެއް ކުރާނަމަ ކުއްލި ގޮތަކަށް ފުޅާވެގެން ގޮސްފައިވުން އަދި އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އައިސްފައިވޭތޯ ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެގޮތަށް މަސައްކަތް ކުރަމުން އަންނަ 32 މައްސަލައެއްގެ ތެރެއިން ދެ މީހެއްގެ މައްސަލަ ކޯޓަށް ވެސް ފޮނުވިފައިވާ ކަމަށެވެ.

"32 ކޭސްއެއްގެ މަސައްކަތުގެ ތެރެއިން ދެ ކޭސްއެއް ކޯޓަށް ހުށަހެޅިފައި އެބަވޭ. އޭގެ އިތުރަށް އަންދާޒާ ކުރެވޭ ގޮތުގައި، އުންމީދުކުރެވޭ ގޮތުގައި ކުރިއަށް އޮތް މަދު ހަފުތާކޮޅެއްގެ ތެރޭގައި ފަސް ކޭސް ކޯޓާ ހަމައަށް ފޮނުވޭނެ. ދެން އަޅުގަނޑުމެންނާ ދޭތެރޭ ތިބޭފުޅުންނަށް ޝައްކެއް އޮތީވިއްޔާ އެ ފަސް ކޭސް ދިޔައީމަ ނިންމަވާށޭ މީގައި އެއްވެސް ކަހަލަ ބަޔަސް އެއް އެބަ އުޅޭތޯ ނުވަތަ ނޫންތޯ. އޭގެން ސާފުވެގެންދާނެ ވަކި ފަރާތަކަށް ބެލުމެއް ނެތިކަން މިކަން ކޮށްފައި މިއޮތީ،" އަސްއަދު ވިދާޅުވިއެވެ.

ހިޔާނާތުގެ ތަހުގީގު އަވަސްކުރަން ރައްޔިތުން ބޭނުންވާކަން އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ، ތަހުގީގު އަވަސްކޮށްފައި ނުވަތަ ރަނގަޅަށް ތަހުގީގުނުކޮށް ކޯޓަށް ފޮނުވާލުމަކީ މީހަކު ބަރީއަތް ކޮށްދޭ ކަމެއް ކަމަށާއި އެކަން އެގޮތަށް ހިނގާފައި ވެސް އެބަ ހުރި ކަމަށެވެ.

އެގޮތުން ބައެއް ހާލަތްތަކުގައި މައުލޫމާތު ލިބުނު ނަމަވެސް އެއީ އަދި ހެއްކެއް ނޫން ކަމަށާއި އެ ލިބުނު މައުލޫމާތަށް ހެކި ހޯދައި، މައްސަލަ ސާބިތުކޮށްދޭން ވެސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އަސްއަދު ވިދާޅުވިއެވެ.