ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މީޑިއާ ކޯޑިނޭޓަރަކަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ހަމަޖައްސައިފިއެވެ.
އިންތި މި މަގާމަށް ހަމަޖައްސައި އެކަމުގެ ލިޔުން ހަވާލުކުރެއްވީ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ނައިބު ލީޑަރުންނަކީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމްއެވެ. ޕީޖީ ގްރޫޕްގެ އަމީންއާންމުގެ މަގާމުގައި ހުންނަވަނީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. އަމީންއާންމުގެ ނައިބުގެ މަގާމުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ހުންނަވާ އިރު، ޗީފް ވިޕްއަކީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ.
އެމްޑީޕީ ޕީޖީ ގްރޫޕްގެ ވިޕުންގެ ގޮތުގައި ތިއްބަވަނީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި ފެދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމާއި ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފްގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ އާއި ހެންވޭރު އުތުރުދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒެވެ.