އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މީހެއްގެ އާއިލާއިން ހޮސްޕިޓަލަށް ގެއްލުންދީ އެމްބިއުލާންސް ރޯކޮށްލައިފިއެވެ.

އިންޑިއާގެ ކަރުނާޓަކާގެ އެ ޕްރައިވެޓް ހޮސްޕިޓަލު ތެރެއަށް ވަދެ މަރުވި މީހާގެ އާއިލާއިންވަނީ ޑޮކްޓަރުންނަށްވެސް ހަމަލާ ދީފައެވެ. ކަރުނާޓަކާގެ ފުލުހުންވަނީ ކޮވިޑް ބަލީގައި އެމީހާ މަރުވުމުން އާއިލާއިން ރުޅިގަދަވެގެން ހޮސްޕިޓަލަށް ގާއުކައި ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

އެމީހުންވަނީ ހޮސްޕިޓަލުގެ ބޭރުގައި ޕާކުކޮށްފައި އޮތް އެމްބިއުލާންސްގައި ހުޅު ޖަހައި ބޭނުން ނުކުރެވޭ ވަރަށް އަންދައިލައިފައެވެ.

މިހާދިސާ ހިނގިއިރު ކަރްނާޓަކާގެ ސީނިއާ ޕޮލިސް އޮފިސަރުންގެ އިތުރުން ޕޮލިސް ކޮމިޝަނަރު ވެސް އެސަރަހައްދުގައި ހުންނެވިކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ހޮސްޕިޓަލަށާއި މުދަލަށް ދިން ގެއްލުން ފުލުހުން މިހާރު ތަހުގީގު ކުރަން ފަށާފައިވާއިރު އަދި އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ހާމަކޮށްފައެއް ނުވެއެވެ.