މުނިފޫހިފިލުވުން

ކަރަން ޖޯހަރު ނަޗްބަލިޔޭ 10 ޕްރޮޑިއުސްކުރަން އުޅެނީތަ؟

އީމާ މުހައްމަދު ވަހީދު

އިންޑިއާގެ ޓެލެވިޒަން އިންޑަސްޓްރީގައި މަސައްކަތްކުރާ މަޝްހޫރު ތަރިންނާއި އެމީހުންގެ ބައިވެރިންނަށް ހާއްސަކޮށްގެން ގެެނެސްދޭ ރިއަލިޓީ ޝޯ ކަމަށްވާ ނަޗް ބަލިޔޭ 10 މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ޕްރޮޑިއުސްކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

މީގެ ކުރިން ނަޗްބަލިއޭ 9 ސަލްމާން ހާންގެ ޕްރޮޑައުކްޝަން ހައުސްއިން ޕްރޮޑިއުސް ކޮށްފައިވާއިރު، މިބުރުގެ ސީޒަން ޕްރޮޑިއުސްކުރާނެ ފަރާތެއް އަންނަނީ ހޯދަމުންނެވެ. އެހެންކަމުން މިފަހަރުގެ ސީޒަން ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން ހައުސް އިން ޕްރޮޑިއުސްކުރާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

އީޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ނަޗް ބަލިޔޭ 10 ޕްރޮޑިއުސްކުރަން ޗެނަލް މީހުންނާއެކު ކަރަން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން، މިއަހަރުގެ ސެޕްޓެމްބަރު މަހު ނަޗްބަލިއޭގެ މަސައްކަތްތައް ފެށޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މިދިޔަ ސީޒަން ސަލްމާން ހާންގެ ޓީވީ ޕްރޮޑަކްޝަން ޔުނިޓުން ޕްރޮޑިއުސްކޮށްފައި ވާއިރު، އެ ސީޒަން ކާމިޔާބު ކުރީ މަޝްހޫރު ޖޯޑެއް ކަމަށްވާ ޕްރިންސް ނަރުލާ އަދި ޔުވިކާ ޗޯދްރީއެވެ. އެ ޖޯޑަކީ އެދެމީހުން ބައިވެރި ވި ހުރިހާ ރިއަލިޓީ ޝޯއެއް މިހާތަނަށް ކާމިޔާބު ކޮށްފައިވާ ދެމީހުންނެވެ.