ޕާސްޕޯޓަށް އެދި ހުށަހެޅުން އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" އަށް ބަދަލުކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ޒަމާނީކޮށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މާދަމާ އިން ފެށިގެން ޕާސްޕޯޓަށް އެދި ހުށަހެޅޭނީ އިމުގާ ޕޯޓަލް މެދުވެރިކޮށް ކަމަށާއި ޕާސްޕޯޓަށް ހުށަހެޅުމަށް އެ ޕޯޓަލްއަށް ލޮގިންވެ ރެޖިސްޓަރީވާން ޖެހޭނެ ކަމަށެވެ. މި ހިދުމަތުގެ ތެރެއިން ބީއެމްއެލް މެދުވެރިކޮށް ޕާސްޕޯޓަށާއި ސްޓޭމްޕަށް ވެސް ފައިސާ ދެއްކޭނެއެވެ.
މީގެ ކުރިން އިމިގްރޭޝަނަށް ގޮސްގެންނާއި އީމެއިލް މެދުވެރިކޮށް ވެސް ޕާސްޕޯޓަށް އެދި ހުށަހެޅެއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމުން، ޕާސްޕޯޓަށް އެދި ހުށަހަޅަން ޖެހުނީ ހަމައެކަނި އީމެއިލް މެދުވެރިކޮށެވެ.
އިމިގްރޭޝަނުން ބުނީ، އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހަޅަން ހުޅުވާލުމާއެކު އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިސަރު މިފްތާހު މުހައްމަދު "ވަން" އަށް ވިދާޅުވީ، އާންމު ހާލަތަކަށް ދިއުމުން އެ އިދާރާއަށް ގޮސް ޕާސްޕޯޓް ހުށަހެޅޭނެ ގޮތަށް އުސޫލު ބަދަލުކުރުމާ މެދު އަދި ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އަދި އާންމު ހާލަތަކަށް ދިޔަ ނަމަވެސް އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އެ ހިދުމަތް ބޭނުންވާ މީހުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިމިގްރޭޝަންގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް އިމުގާ ޕޯޓަލް އިފްތިތާހުކުރީ މިދިޔަ މަހުގެ ތެރޭގައެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި އިރު، ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ ދަތުރުވެރިން "ޓްރެވެލް ހެލްތް ޑިކްލަރޭޝަން ފޯމް" ހުށަހަޅަން ޖެހޭ ގޮތަށް ވެސް ހަމަޖައްސާފައިވަނީ އިމުގާ މެރުވެރިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު