ހުޅުމާލެ ފޭސް އެކެއްގައި ހަދާފައިވާ ވަގުތީ މަސްމާރުކޭޓް ހިންގާނެ ފަރާތެއް ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފި އެވެ.
އެޗްޑީސީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން، އެތަން ހިންގަން އެދި ފޯމާއި ލިޔެކިޔުުންތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގެ 11:00 ގެ ކުރިންނެވެ. ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރަށެވެ.
އެ ކޯޕަރޭޝަނުން ބުނީ، މަސްމާރުކޭޓު ހިންގުމަށް އެދި އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން ފޯމު ހުށަހަޅައިފިނަމަ މާރުކޭޓު ހިންގާނެ ފަރާތެއް ކަނޑައަޅާނީ ގުރުއަތުން ކަމަށެވެ. އެ ގުރުއަތު ނެގުން ހަމަޖެހިފައިވަނީ ސުންގަޑި ހަމަވުމާ ހަމައަށް ހުށަހެޅި ހުރިހާ ފޯމު ބަލައިގަނެ ނިމޭތާ 15 މިނެޓް ފަހުންނެވެ. ވެއިޓް ލިސްޓުގެ ގޮތުގައި ތިން ފަރާތެއް ގުރުއަތުން ނެގޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
ސަޕްލައި ފެނާއެކު މަސްބަހައްޓާ ހަ އައްޓާއި މަސްކަނޑާ ހަ އަށި އަދި ކުނިއެއްކުރާ ސަރަހައްދެއް ހިމެނޭ ގޮތަށް ހަދާފައިވާ ވަގުތީ މަސްމާރުކޭޓަކީ 2325 އަކަފޫޓުގެ ތަނެކެވެ.
އެޗްޑީސީން ބުނީ، އެތަން ހިންގަން ހަވާލުކުރާނީ ކުއްޔަކާ ނުލައި ކަމަށެވެ. ނަމަވެސް 50،000 ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓެއް ބަހައްޓަން ޖެހެ އެވެ. ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ޖެހެނީ މަސްމާރުކޭޓު ހިންގުމަށް ފުރުސަތު ލިބުނުކަން އަންގާ ސިޓީ ފޮނުވާތާ ހަތް ދުވަސް ތެރޭގަ އެވެ.
އޭގެ އިތުރުން މަސްމާރުކޭޓުގައި މަސްކަނޑައި ދިނުމުގެ ހިދުމަތް ދެވޭނީ އެ ކޯޕަރޭޝަނުން ކަނޑައަޅާ އަގުތަކެއްގައި ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
ވަގުތީ މަސްމާރުކޭޓު ހިންގުމަށް ހުށަހަޅާފައިވާ ފަރާތަކީ 100 ޕަސެންޓް ދިވެހި ވިޔަފާރިއަކަށް ވާންޖެހެ އެވެ. އަދި އެޗްޑީސީއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހި އެ ފައިސާ ނުދައްކާ ކުންފުންޏަކަށް ވެގެން ނުވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ