ދިވެއްސަކާ ކައިވެނިކޮށް، ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކުރި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ ސާލިހުގެ ހާލު ސީރިއަސްވެގެން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

"ވަން" އަށް މައުލޫމާތު ދެމުން ޔާސިރާއި ކައިވެނިކޮށްގެން އުޅޭ ދިވެހި އަންހެން މީހާގެ އާއިލާގެ މީހަކު ބުނީ، ޔާސިރުގެ ހާލުދެރަވެ ވެންޓިލޭޓަރަށް ލައިފައިވަނީ މިއަދު އިރުއޮއްސުނު ފަހުން ކަމަށެވެ. ނަމަވެސް ޔާސިރުގެ ސިއްހީ ހާލަތާ ބެހޭ މާބޮޑު ތަފްސީލެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"ކަރެކްޝަންސްއިން މާބޮޑު މައުލޫމާތެއް ނުލިބޭ. އަޅުގަނޑުމެންނަށް ޔާސިރުގެ ހާލެއް މި އެނގެނީވެސް އެހެން ބަލިވެގެން ހޮސްޕިޓަލަށް ގެންނަ ފަހަރުތަކުގައި އެކަނި،" އޭނާ ބުންޏެވެ.

ޔާސިރުގެ ހާލު ސީރިއަސްވެގެން މީގެ ކުރިންވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެއެވެ.

ޔާސިރު ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރު ކޯޓު އަމުރެއްގެ ދަށުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް އަދި އިސްލާމިކް ޔުނިވާސިޓީގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށެވެ.

މިހާތަނަށް ޔާސިރުގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލައިފައެއް ނުވެއެވެ. އަދި އޭނާގެ ތަހުގީގުވެސް މިހާރު ކުރިއަށް ނުދާ ކަމަށް ޔާސިރުގެ އަންހެނުންގެ އާއިލާއިން ބުނެއެވެ.

ޔާސިރު ހައްޔަރުކުރި ފަހުން އޭނާ ވަނީ ބަނޑުހައިހޫނު ކަމުގެ ހަޅުލާތެއްވެސް ކޮށްފައެވެ. ހަރުއެއްޗެއް ނުކައި ގިނަ ދުވަސްތަކެއްވުމުން އޭނާގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްވެސް ކުރިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޔާސިރު ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރީ ޖަލުގައި އޭނާއަށް ދޭ ކާއެއްޗެހީގެ މައްސަލައިގައި، އާއިލާއާއެކު ކަރެކްޝަނުން ހެދި އެއްބަސްވުމަށް ކަރެކްޝަނުން އިހުމާލުވި ހިސާބުންނެވެ.