ދަލު ބޭރުން ޖެހުމަކީ އެހާ ހިތްގައިމު ކަމެއް ނޫން ކަމަށް ވިދާޅުވެ އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.

ރޮޒައިނާ މިގޮތަށް ވިދާޅުވެފައިވަނީ ގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިސްކިތްތައް ބަންދުކުރާ ހާލަތެއް އަންނަ ނަމަ، ރައްޔިތުންގެ މަޖިލިސް ވެސް ބަންދުކުރެވޭނެ ކަމަށް ޑރ. އަލީ ނިޔާފް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް އޭނާ ތާއީދުކުރައްވައި ޓުވީޓު ކުރެއްވުމާ ގުޅިގެން އަލީ އާޒިމް އެކަމަށް ފާޑުވިދާޅުވުމުންނެވެ.

އިއްޔެ އިން ފެށިގެން ރޮޒައިނާ އަދި އަލީ އާޒިމް އަންނަނީ ސޯޝަލް މީޑިއާގައި އެކަކު އަނެކަކަށް އެ މައްސަލައިގައި ރައްދު ދެއްވަމުންނެވެ. އާޒިމް ވިދާޅުވީ ރޮޒައިނާ ހިޔާލުފާޅުކޮށް ބަހުސް ކުރަން ވާނީ ސޯޝަލް މީޑިއާގައި ނޫން ކަމަށާއި އެކަމާ މެދު ހިޔާލުފާޅުކޮށް ބަހުސް ކުރަން ޖެހޭނީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި ކަމަށެވެ. އަދި މިއީ މަޝްހޫރުވާން އޮތް މުބާރާތެއް ނޫން ކަމަށާއި އަމިއްލަ އެޖެންޑާއަކަށް އެފަދަ ކަމެއް ކުރެވިގެންނުވާނެ ކަމަށް ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، އެ ހިޔާލު ހުށަހަޅާފައިވަނީ ގަދަރުވެރި ޑޮކްޓަރެއް ކަމަށާއި އެ ހިޔާލަށް ތާއީދުކޮށްފައިވަނީ ގަބޫލުކުރެވޭ ހިޔާލަކަށްވާތީ ކަމަށެވެ.

އެކަމަށް ރައްދުދެއްވައި އާޒިމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މުހައްމަދު ނަޝީދާ ގުޅޭގޮތުން ދޮގު ތުހުމަތުތަކެއް ކުރައްވައި ރޮޒައިނާ ޓުވީޓު ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށް އޭނާ ދެކޭ ކަމަށެވެ. ނަމަވެސް ރޮޒައިނާގެ ހިޔާލަށް އެހެން މީހަކު ރައްދު ދެއްވައިފިނަމަ އެކަމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ދެއްކުމަށް އޭނާ މަސައްކަތްކުރާ ކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.

"ރަނގަޅު ޑޮކްޓަރެއްގެ ހިޔާލަށް އަބަދުވެސް އިހުތިރާމުކުރަން. އެކަމަކު ސިޔާސީ މަންފާއަކަށް ޑޮކްޓަރެއްގެ ހިޔާލު ބޭނުމެއް ނުކުރާނަން،" އާޒިމް ވިދާޅުވިއެވެ.

އެކަމަށް ރައްދުދެއްވައި ރޮޒައިނާ ކުރެއްވި ޓުވީޓުގައި ވަނީ ރައީސް ނަޝީދަށް ދޮގު ތުހުމަތުތަކެއް ކުރެއްވި ކަމަށް އާޒިމް ވިދާޅުވުމާ ގުޅިގެން ސުވާލު އުފައްދަވައިފައެވެ. އޭނާ ވިދާޅުވީ ރޮޒައިނާ ޓެގްކޮށް، އަލީ އާޒިމް ކުރި އެއްވެސް ޓުވީޓެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އެއްވެސް ޓުވީޓެއް ކޮށްފައިނުވާނެ ކަމަށެވެ.

"ދަލުބޭރުން ޖެހުމަކީ އެހާ ހިތްގައިމު ކަމެއް ނޫން. މަޖިލީހުގައިވެސް ކެނޑިނޭޅި ބުލީ ކުރޭ، މިހާރު ޓުވިޓާގައިިވެސް،" ރޮޒައިނާ ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވެސް ވަނީ ރޮޒައިނާއަށް ރައްދުދެއްވައިފައެވެ. އޭނާ ވިދާޅުވީ ސޯޝަލް މީޑިއާގައި އެފަދަ ކަމަކަށް ހިޔާލުފާޅު ކުރެއްވިއިރު ރޮޒައިނާ ރަނގަޅަށް ބިލް ކިޔުއްވާފައި ނުވާ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، އިންތި ވަނީ ޑރ. ނިޔާފް ދެއްކެވި ވާހަކަތައް ރަނގަޅަށް އަޑު ނާއްސަވައި ކަމަށެވެ. އަދި ޑރ. ނިޔާފްގެ ހިޔާލަށް އެއްބަސްވެވުމުން ކުރެވުނީ ފާފައެއްތޯ ވެސް ވަނީ ސުވާލުކުރައްވައިފައެވެ.