އޭއެފްސީ ކަޕްގެ މެޗުތައް އަންނަ އޮކްޓޯބަރު މަހު ފަށާއިރު ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕުގެ ހުރިހާ މެޗެއް ރާއްޖޭގައި ބާއްވަން ނިންމި ނަމަވެސް ދިވެހި ސަރުކާރުން އެ މުބާރާތް ބޭއްވުމަށް އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ، މުބާރާތުގެ ހުރިހާ ހަރަދެއް ކުރަން ނިންމާފައިވަނީ އެފްއޭއެމް އާއި އޭއެފްސީން ކަމަށެވެ. އެހެންކަމުން މި ފުރުސަތަކީ ކޮވިޑްގެ ފަހުން ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލާފައިވާތީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަން ވެސް ބޭނުން ހިފަން ވަރަށް މުހިންމު ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ހީނަރުވެފައިވާ މިދަނޑިވަޅުގައި ބޮޑު މުބާރާތެއް ބޭއްވުމުގެ މަސައްކަތް ކުރައްވަނީ ކީއްވެގެންތޯ އާޒިމް ވަނީ ސުވާލުކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ މި މުބާރާތުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ވެސް ރާއްޖޭގައި ސޭފް ޓޫރިޒަމް އޮތް ކަމުގެ އިތުބާރެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖެ އިން މި ބިޑް ކާމިޔާބު ކުރިކަން އިއުލާނު ކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓުވީޓެއްގައެވެ. ކޮވިޑުގެ ސަބަބުން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޯބަރުގައި ބާއްވަން ބޭނުންވާ ގައުމުތަކަށް ފުރުސަތު ހުޅުވާލުމުން ރާއްޖެއިން ރަސްމީކޮށް ބިޑު ކުރީ މިދިޔަ ހުކުރު ދުވަހުއެވެ.

ރާއްޖެއިން ބިޑް ކާމިޔާބު ކުރިކަން އިއުލާނުކޮށް ކުރެއްވި ޓުވީޓެއްގައި ބައްސާމް ވިދާޅުވީ އޭއެފްސީ ކަޕު 2020ގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑު ފުރިހަމައަށް ކާމިޔާބުވެފައިވާ ކަމަށާއި އެ މެޗުތައް ވީހާވެސް ކާމިޔާބުކަމާއެކު ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ބައްސާމް ވިދާޅުވީ އެ މުބާރާތުގެ ދެވަނަ ބުރަށް ރާއްޖޭގެ ކުލަބެއް ދަތުރު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ބައްސާމް "ވަން" އަށް ވިދާޅުވީ މި މުބާރާތުގެ މެޗުތައް މާލޭގެ އިތުރުން އައްޑޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ އޮޕްޝަނަކަށް ކުޅުދުއްފުށި ދަނޑުވެސް ޕްރޮޕޯސަލްގައި ހިމަނާފައިވާނެ ކަމަށެވެ.

އަންނަ އޮކްޓޯބަރު މަހު 23 އިން ނޮވެމްބަރު ހަތަރެއްގެ ނިޔަލަށް ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭގޮތަށް މިހާރު ނިންމާފައިވާ އިރު، 13 ދުވަހުގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމޭނެ ކަމަށް އޭއެފްސީން ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕުގައި މި ފަހަރު ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން ބަންގުލަދޭޝްގެ ޗެމްޕިއަން ބަޝުންދްރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ ވާދަކުރެއެވެ.

ކޮވިޑާ ގުޅިގެން އޭއެފްސީ ކަޕުގެ ކުޅުން މެދުކަނޑާލި އިރު، ކޮންމެ ޓީމަކުން ވެސް ވަނީ މެޗެއް ކުޅެފައެވެ. އެގޮތުން އިންޑިއާގައި ޗެންނާއީ ސިޓީ އާއި މާޒިޔާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އަދި ބަންގުލަދޭޝްގައި ބަޝުންދަރަ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗުން ޓީސީ ބަލިވީ 5-1ގެ ނަތީޖާއަކުންނެވެ.