ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް އަހުމަދު ސުލެއިމާނު ވަކި ކުރުމާބެހޭގޮތުން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެެވެ.

ސުލެއިމާނު އެންއައިސީން ވަކިކުރަން، ރައީސަށް ލަފާދޭން މަޖިލީހުން ފާސްކުރީ، އެންއައިސީގެ މެންބަރުން، ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމުުގައި އިހުމާލު ވެފައިވާތީ، މެންބަރުކަމުން ވަކިކުރަން ޖެހޭތީ އެކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ޖެހޭ ކަމަށް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މަޖިލީހަށް ހުށަހެޅުމުންނެވެ.

އެންއައިސީގެ މައްސަލަ ބަލައި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މަޖިލިހަށް ފޮނުވި ރިޕޯޓުގައި ކޮމިޝަންގެ ރައީސްގެ އިތުރުން ނައިބު ރައީސް ހައްސާން ހަމީދާއި ކޮމިޝަނު މެމްބަރު އަހްމަދު އަމީން އާއި ހަދީޖާ އަބްދުﷲ ވަކިކުރަންވެސް ހިމަނާފައި ވެއެވެ.

ނަމަވެސް ކޮމިޓީން އެގޮތަށް ފާސް ކުރުމާ ގުޅިގެން ސުލެއިމާނު ފިޔަވައި ދެން ތިއްބެވި ބޭފުޅުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ސުލެއިމާނު ވަކިކުރަން ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ އަރުވަން މަޖިލީހުން ފާސްކުރީ، އެ ކޮމިޝަންގެ މެންބަރުން ވަކި ކުރުމުގެ ބާރު ކޮމިޝަން ގާނޫނުން ރައީސުލް ޖުމްހޫރިއްޔާއަށް ދީފައިވާތީއެވެ.

މަޖިލީހުން އެގޮތަށް ފާސްކުރީ ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މަޖިލީހުން އެގޮތަށް ފާސްކުރުމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެވާހަކަ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ދަންނަވާނެ ކަމަށެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގައި މިހާރު މެންބަރެއްގެ ގޮތުގައި އިންނަވަނީ އެ ކޮމިޝަނަށް މި ސަރުކާރުން އައްޔަން ކުރެއްވި، ކާނަލް ރިޓަޔާޑް އަހްމަދު ޖިހާދެވެ.

އެންއައިސީއަށް މެންބަރުން އައްޔަންކުރެއްވުމާއި ވަކި ކުރެއްވުމުގެ ބާރު އޮންނާނީ ރައީސަށެވެ.