ތިން މަހަށް ފަހު ލަންކާގެ އެންމެ ބޮޑު ކްލަސްޓާގެ އެންމެން ކޮވިޑުން ރަނގަޅު ވެއްޖެއެވެ.

ލަންކާ އިން ފެނުނު ކޮވިޑްގެ އެންމެ ބޮޑު ކްލަސްޓާ ކަމަށް ވާ ނޭވީ ކްލަސްޓާގެ އެންމެ ފަހު ތިން މީހުން ރަނގަޅުވެ އިއްޔެ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

ލަންކާގެ ނޭވީގެ ތަރުޖަމާނު އިންދިކާ ޑި ސިލްވާ ވަނީ ނޭވީ ކޭމްޕުގައި ތިބި ސިފައިންގެ ތެރެއިން ކޮވިޑް ޖެހުނު އެންމެން ކޮވިޑުން ރަނގަޅުވެފައިވާކަން އިއުލާން ކުރައްވައިފައެވެ. ލަންކާގެ އެލަސަރާގެ ނޭވީ ކޭމްޕެއްގެ ނޭވީ އޮފިސަރުންގެ ތެރެއިން 906 އޮފިސަރުން ވަނީ ކޮވިޑަށް ޕޮސިޓިވް ވެފައެވެ.

22 އޭޕްރީލްގައި ފުރަތަމަ ކޭސް ފެނުމާއެކު އެކޭމްޕް ވަނީ ލޮކްޑައުންކޮށް ދެމަސް ދުވަހުގެ މުއްދަތަކަށް ބަންދު ކޮށްފައެވެ.