ކުޅިވަރު

ލާޒިއޯ އަތުން މޮޅުވެ ޔުވެންޓަސް ލީގު ހޯދުމާ ގާތަށް

އައިދާ އަބްދުލް ހަކީމް

އިޓާލިއަން ލީގުގައި ރޭ ލާޒިއޯ 2-1 އިން ބަލިކޮށް ޔުވެންޓަސް އިން ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފި އެވެ.

ރޭ ހޯދި މޮޅާ އެކު ޔުވެންޓަސް އެއް ވަނައިގައި އޮތީ 80 ޕޮއިންޓާ އެކު އެވެ. އެޓީމާ އެންމެ ގާތުން ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައިވަނީ 72 ޕޮއިންޓެވެ. ބާކީ ހަތަރު މެޗު އޮތްއިރު ޔުވެންޓަސް އަށް ބުރާސްފަތި ދުވަހުގެރޭ އުދިނޭޒީ އަތުން މޮޅުވެގެން ނުވަތަ އާދީއްތަ ދުވަހުގެރޭ ސަމްޕްޑޯރިއާ އަތުން މޮޅުވެގެން ލީގު ކަށަވަރު ކުރެވިގެންދާނެ އެވެ.

ރޭ ލާޒިއޯ ބަލިވުމުން އެޓީމަށް ވަނީ ތިން ވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. މިހާރު އެ ޓީމު އޮތީ 69 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ތާވަލުގެ ތިން ވަނައިގައި އޮތީ 71 ޕޮއިންޓާ އެކު އެޓަލާންޓާ އެވެ.

ޔުވެންޓަސްގެ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ލީޑު ނަގައިދީ އިޓާލިއަން ލީގުގައި 50 ވަނަ ގޯލް ޖަހައި ތިން ލީގުގައި 50 ހޯލް ހަމަކުރި ހަމަ އެކަނި ކުޅުންތެރިޔާގެ މަގާމު ހޯދި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނަލްޑޯ އެގޯލް ޖެހީ 51 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ދެ ވަނަ ގޯލް ޖަހައި ޔުވެންޓަސް އަށް ލީޑް ފުޅާކޮށްދިނެވެ. ލާޒިއޯގެ ހަމައެކަނި ގޯލް މެޗްގެ 83 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކެޕްޓަން ޗިރޯ އިމޮބިލޭ އެވެ.

މި ނަތީޖާ އާ އެކު ޓޭބަލްގެ އެއްވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް ޔުވެންޓަސް އަށް ވަނީ ލިބިފައެވެ. ލީގުގައި ޔުވެންޓަސް އަށް ބާކީ އަދި ހަތަރު މެޗް އޮތް އިރު ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމަށްޓަކައި އެ ޓީމަށް ދެން ބޭނުންވަނީ އެންމެ ހަތަރު ޕޮއިންޓެވެ.