ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ މަޖިލީހުގައި އޮތީ ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ މެޖޯރިޓީ ކަމަށާއި އެހެންކަމުން އެ މެންބަރުންނަށް އިތުބާރު ނެތް ކަމަށް ފެނިއްޖެނަމަ ހަމަޖެހިލައިގެން ގެއަށް ވަޑައިގެންނެވީމަ ނިމުނީ ކަމަށެވެ.
މިނިސްޓަރު މަހްލޫފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެފްއޭއެމްގެ މައްސަލަތަކާ ގުޅިގެން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ނަމަވެސް އިތުބާރު ނެތްކަމަށް ނިންމިޔަސް ނިންމާނީ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާނުކުރާނަމަ ކަމަށެވެ.
މަހްލޫފު ވިދާޅުވީ އެއްވެސް ޕާޓީއެއް ތަފާތު ނުކޮށް މަޖިލީހުގައި ތިއްބެވި ހުރިހާ މެންބަރުންނާ ވެސް ގާތް ގުޅުމެއް އޮންނަ ކަމަށާއި އެގޮތުން ރަށްރަށަށް ކޮށްދޭން ޖެހޭ ކަންކަން މިނިސްޓްރީން ތަފާތު ކުރުމެއް ނެތި ކުރައްވަމުން ގެންދަވާ ކަމަށެވެ. ރާއްޖޭގެ ރަށްރަށުގައި 290 ޕީއެސްއައި ޕްރޮޖެކްޓްގެ ތެރެއިން 158 ޕްރޮޖެކްޓްގެ މަސައްކަތް ޔޫތު މިނިސްޓްރީން ކުރަމުން ގެންދާ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.
އެފްއޭއެމް ހިންގަނީ އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދާއި، ކުޅިވަރުގެ ގާނޫނާއި ޖަމިއްޔާތަކުގެ ގަވާއިދާ ހިލާފަށް ކަމަަށް ބުނެ، ސްޕޯޓްސް މިނިސްޓްރީން ފިޔަވަޅު އަޅަން ގޮވާލައި އަދި އެ އެސޯސިއޭޝަންގެ އިންތިހާބު ފަސްކޮށްދިނުމަށް މިމަހުގެ ހަތްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލަ ވަނީ މަޖިލީހަށް ބަލައިގަނެފައެވެ. އަދި މިހާރު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
އެ މައްސަލައާ ގުޅިގެން މިނިސްޓަރު މަހުލޫފާއި ސްޕޯޓްސް ކަމިޝަނަރު އަހްމަދު ސަލީމާއި ސްޕޯޓްސް ކައުންސިލުގެ ރައީސް އިބްރާހިމް އިސްމާއިލްގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މަޖިލީހަށް ހާޒިރުކޮށް އެބޭފުޅުންނާ ސުވާލުކުރައްވައިފައެވެ.
އޭގެ އިތުރުން އެ މައްސަލައިގައި އާޒިމް ވަނީ މިނިސްޓަރު މަހްލޫފަށް ބަހުގެ ހަމަލާތަކެއް ވެސް އަމާޒުކޮށްފައެވެ. އެގޮތުން އާޒިމް ވިދާޅުވެފައިވަނީ މަސްއޫލިއްޔަތު އަދާނުކުރެއްވޭނަމަ މަގާމުގައި ހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް