ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސްގެ ގޮތުގައި 18.1 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ކޮވިޑް 19ގެ ސަބަބުން ކުރިމަތި ވި އިގްތިސޯދީ ކާރިސާއާ ގުޅިގެން ވަޒީފާ ގެއްލި އަދި ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސަޕޯޓް" ރިޕޯޓުގައިވާ ގޮތުން މި މަހުގެ 16 ވަނަ ދުވަހާ ހަމަޔަށް 4,525 މީހަކަށް 18.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. މި އެހީ ދެނީ ކޮވިޑް 19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ.
އޭޕްރީލް، މެއި އަދި ޖޫން މަހަށް ދޭން ނިންމާފައިވާ "އިންކަމް ސަޕޯޓް އެލަވަންސް" އުސޫލުގައި ބުނެފައިވާ ގޮތުގައި މި އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް 19 ގެ ސަބަބުން ވަޒީފާއިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން)ނެވެ. މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ލިބޭނީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހިންނަށް އެކަންޏެވެ.
މި އުސޫލުގައި ބުނެފައިވާގޮތުގައި ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑް ކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000 ރުފިޔާގެ އެލަވެންސެއް ލިބޭނެއެވެ. މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000 ރުފިޔާއަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000 ރުފިޔާއިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.
މީގެ އިތުރުން ފްރީލާންސަރުންގެ ތެރެއިން 5،000 ރުފިޔާގެ އެލަވެންސެއް ލިބޭނީ އެއްވެސް އާމްދަނީއެއް ނުލިބޭ މީހުންނަށެވެ. ލިބޭ އާމްދަނީ ދަށް ވެފައިވާ މީހުންނަށް 5،000 ރުފިޔާއިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ. ވަޒީފާއެއް އަދާކުރަމުން އަމިއްލަ މަސައްކަތް ކުރާ މީހުން މީގެ ތެރެޔަކު ނުހިމެނޭނެއެވެ.
ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާއަށް އަސަރު ކޮށްފައިވާއިރު، ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ހަދާފައިވާ ދިރާސާއެއްގައިވާ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 45،000 މީހެއްގެ ވަޒީފާ އަށް އެކި ކަހަލަ އަސަރު ކޮށްފައި ވެއެވެ. ޓޫރިޒަމް އެމްޕްލޯއީމަންޓް އެސޯސިއޭޝަން (ޓީމް) އިން ބުނެފައިވާ ގޮތުގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 11،000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ "ނޯޕޭ ލީވް"އަށް ގެޔަށް ފޮނުވާލާފަ އެވެ. ގައުމީ ޔުނިވަސިޓީން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ކޮވިޑުގެ ސަބަބުން ކޮންމެ 10 މީހަކުން ފަސް މީހެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި