ޚަބަރު

މިސްކިތަށް މީހުން ދިއުން ހުއްޓުވޭނަމަ ރައްޔިތުންގެ މަޖިލިސް ވެސް ހުއްޓުވޭނެ: ޑރ. ނިޔާފް

އަލީ ޔާމިން

1

ގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިސްކިތްތައް ބަންދުކުރާ ހާލަތެއް އަންނަ ނަމަ، ރައްޔިތުންގެ މަޖިލިސް ވެސް ބަންދުކުރެވޭނެ ކަމަށް ޑރ. އަލީ ނިޔާފް ވިދާޅުވެއްޖެއެވެ.

ޑރ. ނިޔާފް މިހެން ވިދާޅުވީ ސިއްހީ ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް އާންމުންގެ މަޝްވަރާ ހޯދުމަށް މިރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައެވެ.

ބިލުގައި ހުރި ބައެއް މާއްދާތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ޑރ. ނިޔާފް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފައި އޮންނަ ހާލަތެއްގައި ވިޔަސް އާންމުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ އުސޫލުން މަޖިލީހުން ބޭނުންވާ ތަނެއްގައި ޖަލްސާ ބޭއްވޭ ގޮތަށް ހިމަނަން އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ބައްޔެއް ފެތުރެމުން ދާއިރު މިސްކިތްތައް ބަންދުކޮށް، ދީނުގެ އެންމެ މުހިންމު އެއް ކަންތައް ހުއްޓުވޭ އިރު، ޒަމާނީ ވަސީލަތް ބޭނުން ނުކޮށް އެއް ތަނެއްގައި، ސެކިއުރިޓީ ނުލިބޭ ހާލަތެއްގައި ބަލި ފެތުރޭނެ ހާލަތަކާ ގުޅޭގޮތުން ސިއްހީ ދާއިރާއިން ކަނޑައަޅާފައި އޮތް މިންގަނޑަކަށް ނުފެތޭ ހާލަތެއްގައި އެއްވެސް ބަޔަކަށް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެގޮތުން މިސްކިތެއް ހުއްޓުވޭ ހާލަތަކަށް ދެވެންޏާ ރައްޔިތުންގެ މަޖިލިސް ވެސް ހުއްޓުވޭނެ ހާލަތަކަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.

"މިސްކިތެއް ހުއްޓުވޭ ހާލަތަކަށް އަޅުގަނޑުމެންނަށް ދެވެންޏާ ރައްޔިތުންގެ މަޖިލިސް ހުއްޓުވޭނެ ހާލަތަކަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް،" ޑރ. ނިޔާފް ވިދާޅުވިއެވެ.

ޑރ. ނިޔާފް ވިދާޅުވީ އެޕިޑެމިކްއެއް ޕެންޑެމިކްއަކަށް ބަދަލުވެ، މުޅި ދުނިޔޭގައި ބަލިމަޑުކަން ފެތުރެމުން ދާއިރު ޑޮކްޓަރުންނާއި އެކަމާ ހަވާލުވެ ތިިބި ސިއްހީ ބޭފުޅުންނަށް ބާރު ނުފޯރާ ވަރުގެ ޕޮއިންޓުތަކެއް ބިލުގައި ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.

މީގެ އިތުރުން ޑރ. ނިޔާފް ވިދާޅުވީ، ގަރާރު ބާތިލުކުރުމުގެ ބާރު މަޖިލީހަށް ދިން ނަމަވެސް، އޭގެ ކުރިއަށް ސިއްހީ މާހިރުންގެ ލަފަޔާއެކު ގަރާރު ބާތިލުކުރުމުގެ ބާރު މަޖިލީހަށް ދިނުމުގައި މައްސަލައެއް ނެތް ކަމަށާއި އެއީ ސިއްހީ ކަންކަމުގައި އެންމެ ރަނގަޅު ގޮތް އެނގޭނެ ބަޔަކީ ސިއްހީ މާހިރުން ކަމުގައި ވުމުން ކަމަށެވެ.

ޑރ. ނިޔާފްގެ ވާހަކަތަކަށް ޖަވާބުދެއްވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ބަންދުވެފައި އޮތުމަށް ގާނޫނުއަސާސީ ތަން ނުދޭ ކަމަށާއި ގާނޫނު އަސާސީގައި ބުނަނީ ދައުލަތުގެ ތިން ބާރު އަބަދުވެސް ދެމިއޮންނަން ޖެހޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ގޮތް ނިންމުމުގެ ބާރުވެސް މަޖިލީހަށް ލިބިގެންވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު އިމްތިޔާޒް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ހައްގާއި، ދަތުރުފަތުރުކުރުމުގެ ހައްގު ފަދަ ގިނަ ހައްގުތަކެއް ހިފެހެއްޓޭ ކަމަށެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ، ބިލުގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެދާނެ ކަމަށް ބަލައި ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ދުރުގައި ތިބެގެން ވެސް މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ވާހަކަ ކަމަށެވެ.