ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، އެ މިނިސްޓްރީގެ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އޭނާ މިހާރު ބަނޑޮސް އައިލެންޑުގައި ހުންނަ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފައިވާ އިރު، އޭނާއާ ޑައިރެކްޓް ކޮންޓެކްޓުވި 12 މީހަކު ގޭގައި އެކަހެރިކޮށްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ، މި ކޭސްއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ ޑިސްއިންފެކްޓުކޮށް، އިއްޔެ އޮފީސް ހުޅުވާފައިވާ ކަމަށެވެ.

މިމަހުގެ އެކަކުން ފެށިގެން އަމަލު ކުރަމުން އަންނަ ލޮކްޑައުންއަށް ލުއި ދިނުމުގެ ތިންވަނަ މަރުހަލާގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ދަނީ އިތުރުވަމުންނެވެ.

އެކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވަނީ، މި ހާލަތުގައި 30 މީހުންނަށްވުރެ ގިނައިން އާންމު ތަންތަނަށް އެއް ނުވުމަށް އެޗްޕީއޭ އިން ވަނީ އަންގައިފައެވެ. އަދި ކޮންމެހެން މީހުން ހާޒިރުވެގެން ބާއްވަންޖެހޭ ބައްދަލުވުންތައް ފިޔަވައި، އޮފީސް މަސައްކަތާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށާއި 30 މީހުންނަށްވުރެ މަދުން މީހުން ބައިވެރިވާ ބައްދަލުވުންތައް ވެސް ކޮންމެހެން ބާއްވަންޖެހޭ ހާލަތުގައި މެނުވީ ނުބޭއްވުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.