ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ފަޒީލަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތަކަކާ ގުޅިގެން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން އެ މައްސަލަ ބަލަން ފަށައިފިއެވެ.
އަހުމަދު ފަޒީލަކީ އެމްއާރްއެމްގެ ސްލޮޓްގައި އެމަގާމަށް އައްޔަން ކޮށްފައިވާ ފަރާތެކެވެ.
އެމްއާރްއެމް އިން ބުނީ އަހުމަދު ފަޒީލަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ކޮމެޓީއެއް އެކުލަވާލައި މައްސަލަ ބަލަމުން އަންނަ ކަމަށާއި އެގޮތުން އޭނާއަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވޭތޯ ބެލުމަށް އެއިދާރާއަށް ސިޓީއެއް ފޮނުވުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެމްއާރްއެމްއިން ބުނީ، އެމައްސަލައިގައި އޭނާއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އެވާހަކަތައް ހިއްސާކޮށްފައިވާ ފަރާތްތަކާ މިހާރު ވާހަކަދައްކަމުން އަންނަ ކަމަށާއި އެކަން ހިނގާފައިވާ ގޮތް ސާފު ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭގޮތުން ވަކި ފިޔަވަޅެއް އަޅަން އަދި ނިންމާފައިނުވާ ކަމަށާއި މައްސަލަ ބެލުމަށްފަހު ގޮތެއް ނިންމާނެ ކަމަށްވެސް އެޕާޓީން ބުންޏެވެ.
ސޯޝަލް މީޑިއާގައި މިއަދު ވަނީ އޭނާއާ ގުޅޭ ގިނަ މައްސަލަތަކެއް ބައެއް ފަރާތްތަކުން ހިއްސާކޮށްފައެވެ. އެގޮތުން އެއް ފަރާތަކުން ވަނީ ފަޒީލް، ކުޑަ އަންހެން ކުއްޖަކު ރޭޕްކުރުމުގެ ސަބަބުން އެ ކުއްޖާ ބަލިވެ އިން ކަމަށްވެސް ތުހުމަތުކޮށްފައެވެ. އަދި އޭނާއާ ގުޅޭ އެ މައްސަލަ ފުލުހަށް ހުށަހެޅި ނަމަވެސް އެމައްސަލަ އޮއްބާލާފައިވާ ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.
މީގެ އިތުރުން އިތުރު އަންހެން ކުއްޖަކަށް ބޭއަދަބީ ފޮޓޯ ފޮނުވާފައިވާ ކަމަށްވެސް ސޯޝަލް މީޑިއާގައި އޭނާއަށް ވަނީ ތުހުމަތުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު