އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ މަސްލަހަތު ފުށުއަރާ ކަމަށް ބުނެ ބާ ކައުންސިލަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ.

ބާކައުންސިލުން މިއަދު ބުނީ އެ މައްސަލަ ކައުންސިލަށް ހުށަހެޅީ، އާންމު މީހަކު ކަމަށެވެ. އެކަމަކު، އެ މައްސަލަ ބަލައިގަތުމާ މެދު ބާ ކައުންސިލުން އަދި ގޮތެއް ނިންމައިފައެއް ނުވެއެވެ.

ބާ ކައުންސިލުން ބުނިގޮތުގައި ޕީޖީ ޝަމީމާ ބެހޭގޮތުން ހުށަހެޅި މައްސަލައިގައި އެންމެބޮޑަށް ފާހަގަ ކޮށްފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތު ކުރެވި ހުކުމް ވެސް ކޮށްފައިވާ ބައެއް މީހުންގެ ދިފާއީ ވަކީލުގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ މައްސަލައެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ދިފާއީ ވަކީލަކެއްގެ ގޮތުގައި ޝަމީމު މަސައްކަތް ކުރެއްވި ކަމަށް ވަނީ ހުށަހަޅައިފައިއެވެ.

އެގޮތުން، ޒިޔަތު އެންމެ ފުރަތަމަ ހައްޔަރު ކުރަން، 23 އޮކްޓޫބަރު 2015 ގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި، ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށް، އެ މަރުހަލާގެ ކަންކަން ވެސް ބެލެހެއްޓެވީ ޝަމީމު ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން ސަރުކާރު ބަދަލުވެ ޒިޔަތުގެ މައްޗަށް އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގެއް ފުލުހުން ހިންގަމުންދިޔަ އިރު، 2019 ވަނަ އަހަރުގެ މެއި މަހުން ފެށިގެން، ޕީޖީގެ މަގާމަށް ޝަމީމު އައްޔަން ކުރުމާ ހަމަޔަށް ޒިޔަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށް ފުލުހަށް ހާޒިރުވެ ވަކާލާތުކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އެގޮތުން ފުލުހުންގެ ތަހުގީގަށް ސުވާލު ކުރުމަށް ގެންދިއުމަށްފަހު ޒިޔަތަށް ދޫދީފައިވާ ގާނޫނީ އިންޒާރުގެ އެތައް ފޯމެއްގައި ޝަމީމު ސޮއިކުރައްވާފައިވާ ކަމަށްވެސް ބުނެފައި ވެެއެވެ. އަދި ޅ. މާބިންހުރާގެ މައްސަލައިގައި ހިޔާނާތްތެރިވި ކަމުގެ ދައުވާ ސާބިތުވެގެން ކްރިިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން ޒިޔަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ފޯމުގައި ސޮއިކުރައްވާފައި ވަނީވެސް ޝަމީމު ކަމަށް ވަނި ބުނެފައެވެ.

ބޮޑު ހިޔާނާތުގައި އެންމެ އިސްކޮށް ހުންނެވި ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ، އެންމެ އަރިސް އެކަކު ކަމުގައިވާ، އަހުމަދު ހުސައިން (އޮއިއްޓެ)ގެ ވަކީލެއްގެ ގޮތުގައިވެސް ޝަމީމް މަސައްކަތް ކުރައްވާފައިވާ ކަމަށާއި، ހިޔާނާތް ފަޅާ އެރުމުން އިނގިރޭސި ވިލާތަށް އަރުވާލެވިގެން ހުރި، އޮއިއްޓެގެ މައްޗަށް ދައުވާ ނުކުރާ ގޮތަށް ޕްލީ ބާގެއިނިން އެގްރީމެންޓެއް ހެދިއިރު އެ ބަޔާނުގައި ދިފާއީ ވަކީލެއްގެ ގޮތުގައި ސޮއިކުރައްވާފައި ވަނީ ވެސް މިހާރުގެ ޕީޖީ ޝަމީމް ކަމަށްވެސް ބުނެފައި ވެއެވެ.

އޮއިއްޓެގެ އެ ބަޔާން ނެގުމަށް ޔޫކޭއަށް ދިއުމުގެ ހަރަދާއި، ދެކޮޅު ޓިކެޓާއި، ފައިވް ސްޓާ ހޮޓަލް އެކޮމޮޑޭޝަން، ލަންޑަންގެ ސައިޓް ސީންގެ އިތުރަށް، 20 ހާސް ޕައުންޑް މި މަސައްކަތުގެ އަގުގެ ގޮތުގައި އެސްއޯއެފް މެދުވެރިކޮށް އެމްއެމްޕީއާރުސީގެ ފައިސާ އިން ހުސައިން ޝަމީމަށް އަދާކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަދީބުގެ ވަކީލެއްގެ ގޮތުން ޝަމީމް މަސައްކަތްކުރެއްވި ކަމަށް ޝަމީމު މީޑިއާތަކަށް ދީފައިވާ މައުލޫމާތު ތަކުންނާއި ޕްރެސް ކޮންފަރެންސްތަކުން ފެނިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާގުޅޭ މީހުންގެ ދިފާއީ ވަކީލެއްގެ ގޮތުން ޝަމީމް މަސައްކަތް ކުރެއްވިއިރު، އާދަޔާ ހިލާފު ބޮޑެތި އަދަދުތަކެއްގެ ފައިސާ ނަންގަވާފައިވާ ކަމަށާއި، އެއީ ހިޔާނާތުގެ ފައިސާކަން އޭނާއަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް، ތުހުމަތު ކޮށްފައި ވެއެވެ.