ރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކްޕާމިޓްގައި ރާއްޖެ އަންނަ މީހުން ކަރަންޓީންވުން މަޖުބޫރުކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލު ބަދަލުކޮށްފި އެވެ.
ކޮވިޑްގެ ހާލަތުގައި ރާއްޖެއިން ބޭރުން އަންނަ މީހުންނާއި މާލެއިން ރަށްރަށަށްދާ މީހުން ކަރަންޓީނު ވުމުގައި އަމަލު ކުރަން ޖެހޭ ގޮތުގެ އުސޫލުގައި ކުރިން ބުނެފައިވާ ގޮތުން އަތޮޅުތަކުން މާލެ އަންނަ މީހުން ކަރަންޓީނުވުން މަޖުބޫރެއް ނޫނެވެ. އޭގައި މަޖުބޫރުކޮށްފައި އޮތީ ރާއްޖެއިން ބޭރުން ނުވަތަ މާލެއިން ރަށްރަށަށްދާ މީހުން ކަރަންޓީން ވުމަށެވެ.
ނަމަވެސް އެ އުސޫލަށް އިއްޔެ ގެނައި ބަދަލުގައި ބުނެފައިވަނީ، ރާއްޖެ އަންނަ ދިވެހިންނާއި ވޯކްޕާމިޓްގައި ރާއްޖެ އަންނަ މީހުން ކޮމިއުނިޓީ ސްޕްރެޑް އޮތް ތަނެއްގައި މަޑުކުރާނަމަ ނުވަތަ ކޮމިއުނިޓީ ސްޕްރެޑް ނެތްތަނަކަށް ދާނަމަ އުސޫލާ އެއްގޮތަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން ރާއްޖެއިން ބޭރުން އައިސް މާލޭގައި ތިބޭ ދިވެހިންނާއި ވޯކްޕާމިޓްގައި ރާއްޖެ އަންނަ މީހުންގެ އިތުރުން ވޯކްޕާމިޓް އޮންނަ މީހުންގެ އާއިލާގެ މެންބަރުން ވެސް އިސްލާހު ކުރި އުސޫލުގެ ތެރެއިން ކަރަންޓީނު ވާން ޖެހެ އެވެ.
އުސޫލުގައި ބުނެފައިވަނީ، 14 ދުވަހަށް ކަރަންޓީނު ވާނީ އެމީހަކު އަމިއްލަޔަށް ކަނޑައަޅާ ތަނެއްގައި ކަމަށާއި ކަރަންޓީނުގެ މުއްދަތު ފެށޭނީ މާލެއަށް އަންނަ ތާރީހުން ފެށިގެން ކަމަށެވެ. ކަރަންޓީނުގައި ހުރުމަށްފަހު ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ދޫކޮށްލެވޭނެ ކަމަށް ބުނެފައިވެ އެވެ.
މި އުސޫލުގައި ވެސް ބުނާ ގޮތުން، ކޮވިޑާ ގުޅިގެން ގޭގައި ކަރަންޓީނު ކުރާ މީހާ، ކަރަންޓީނު ކުރާ މުއްދަތުގައި ގެއިން ބޭރަށް ނުކުތުމަކީ މަނާ ކަމެކެވެ. އަދި ކަރަންޓީނުގެ މުއްދަތުގައި ގެއަށް މީހުން ވަނުމާއި ގޭގައި ދިރިއުޅޭ އެއްވެސް މީހަކު ނުކުތުމަކީ ވެސް މަނާ ކަމަކެވެ. ނަމަވެސް ހާއްސަ ހާލަތެއް ދިމާވެގެން ނުކުންނަން ޖެހޭ މީހުންނަށް ނުކުމެވޭނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހާއްސަ ފިޔަވަޅުތަކަކާއެކު އެކަމަށް ހުއްދަ ލިިބިގެން ކަމަށް އުސޫލުގައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު