ރިޕޯޓް

ދަރިފުޅުގެ އުޅުމުން މި 4 ކަންތައް ފެންނަ ނަމަ އަޅައިނުލައި ދޫކޮށް ނުލާތި!

އީމާ މުހައްމަދު ވަހީދު

ޅައުމުރަކީ ކޮންމެ ކުއްޖެއްގެ ހަޔާތުގައިވެސް އަންނަ ވަރަށް ނާޒުކު ދުވަސްކޮޅެކެވެ. އެގޮތުން ކުޑައިރު، ދަރިފުޅު ދިރިއުޅޭ މާހައުލުންނާއި އެކީ އުޅޭ މީހުން ގާތުންވެސް ގިނަ އާދަތަކެއް ދަސްކުރާނެއެވެ. އެގޮތުން ބައެއް ފަހަރު އެ އާދަތަކަކީ ރަނގަޅު އަދާތަކަކަށް ނުވެދާނެއެވެ. އެހެންކަމުން ކުއްޖާގެ ޅައުމުރުގައި މައިންބަފައިން ދަރިފުޅުގެ އުޅުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ. އެގޮތުން މައިންބަފައިންނަކީ، ދަރިފުޅަށް ދިމާވާ ކޮންމެ ކަމެއް ޖެހިލުމެއްނެތި ކިޔައިދެވޭ ބަޔަކަށް ވާންވާނެއެވެ. އެހެންކަމުން ދަރިފުޅުގެ ކިބައިން ފެންނަ ބައެއް ކަންކަމަކީ އަޅައިނުލައި ދޫކޮށްލުމުން ފަހުން އެކަމުގެ ހިތި ނަތީޖާ ފެނިދާނެ ކަންކަމެވެ.

މައިންބަފައިން މީހުންނާ ވާހަކަދައްކާއިރު ނުވަތަ ބޮޑެތި މީހުން މުހިންމު ވާހަކައެއްގައި ތިބޭއިރު ކަމަކާ ނުލައި ދަރިފުޅު އެވާހަކަތަކަށް ހުރަސް އަަޅާނަމަ އެކަމާ އަޅައިނުލައި ނުހުންނާށެވެ. ސަބަބަކީ އޭރުން ކުއްޖާ ފަހުން އެހެން މީހުންގެ ތެރޭގައި އުޅޭއިރުވެސް ސަމާލުކަން ހޯދުމަށް އެފަދަ ކަންކަން ކުރާނެތީއެވެ. އެހެންކަމުން ދެން ފަހަރަކުން ދަރިފުޅު އެފަދަ ގޮތަކަށް ކަންތައް ކުރާ ނަމަ، އެއްވެސް ކަމަކާ ނުލައި ބޮޑު ދެމީހަކު ވާހަކަ ދައްކަނިކޮށް ހުރަސް ނޭޅުމަަށް ނަސޭހަތް ދޭށެވެ. އެއީ ރަނގަޅު އާދައެއް ނޫންކަން ދަރިފުޅަށް ވިސްނައިދޭށެވެ.

ކުޑަކުދީންނަކީ އެއް އުމުރެއްގެ ކުދިންނާއެކު ނުވަތަ ގޭކައިރީގައި އުޅޭ އެކުވެރިންނާއިއެކު ކުޅުމަށް ވަރަށް ފޯރި ހުންނަ ބައެކެވެ. ދަރިފުޅު ކުޅެ މަޖާކުރުމަކުން މައްސަލައެއްވެސް ނެތެވެ. އެހެންނަމަވެސް ކުޅެން އުޅޭ ގަޑީގައި ދަރިފުޅު ހަރުކަށިވެ އެހެންކުދިންނަށް އަނިޔާ ކުރުމަކީ މައްސަލައެކެވެ. އެކީގައި ކުޅެން އުޅެފައި ދަރިފުޅު ކުއްޖެއްގެ ގައިގައި ދަތް އެޅުމުން ނުވަތަ ޖެހުމުން އެއީ ކުއްޖާ ކުޑަވީމަ ކުރި ކަމެކޭ ބުނެ އެކަން ދޫކޮށް ނުލާށެވެ. ދަރިފުޅުގެ ކިބައިން އެފަދަ އަމަލެއް ފެނިއްޖެނަމަ، އެއީ ގޯސްކަމެއްކަން ކުއްޖާއަށް ވިސްނައިދޭށެވެ. މީހުންނަށް އަނިޔާ ކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫންކަން ދަރިފުޅު ގާތު ބުނާށެވެ.

މައިންބަފައިންނާއި، ކުއްޖާއަށް ވުރެ ބޮޑެތި މީހުން ދައްކާ ވާހަކަ އަޑު ނޭހުމަކީވެސް އަޅައިނުލައި ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ. އެފަދަ ކުދިކުދި ކަންކަން ކުއްޖާ ކުރުމުން އަޅައިނުލައި ދޫކޮށްލުމުން ބޮޑުވާނީވެސް އެ އަދާތަކާ އެކުގައެވެ. އޭރުން ބޮޑުވުމުންވެސް މީހުން ދައްކާ ވާހަކަ އަޑެއް ނާހާނެއެވެ. ބޮޑެތި މީހުންގެ ނަސޭހަތެއް އަޑެއް ނާހާނެ އެވެ. އެހެންކަމުން މިސާލަކަށް ދަރިފުޅު ޓީވީ ބަލަން އިންނަ ގަޑިއަކު، އެކުއްޖާއާ ވާހަކަދެއްކުމުން ދައްކާ ވާހަކަ އަަޑުނާހައި، ސަމާލުކަން ނުދޭ ނަމަ ޓީވީ ނިއްވައިލާށެވެ. އެގޮތަށް ހެދުމުން ކުއްޖާގެ ސަމާލުކަން ލިބޭނެއެވެ.

ދޮގު ހެދުމަކީ ކޮންމެ މީހަކަށްވެސް އެނގޭނެ ފަދައިން ވަރަށް ގޯސް އާދައެކެވެ. ތިބާގެ ދަރިފުޅު މީހުންގެ ތައުރީފާއި ސަމާލުކަން ހޯދަން ތަކުރާރުކޮށް ދޮގު ހަދާނަމަ އެކަން ހުއްޓުވަން ވާނެއެވެ. އޭރުން ކުއްޖާ ބޮޑުވުމުންވެސް މީހުންގެ ތައުރީފު ހޯދުމަށް ދޮގު ހަދާނެއެވެ. އެހެންކަމުން އަބަދު ދޮގު ހަދާނަމަ އެއްވެސް މީހަކު ކުއްޖާ ދައްކާ ވާހަކަ ގަބޫލު ނުކުރާނެކަން ކުއްޖާއަށް ބުނެދޭށެވެ. މީގެ އިތުރުން ދަރިފުޅު ދޮގު ހަދާ ސަބަބު ހޯދައި އެކަން ދެވަނަ ފަހަރު ތަކުރާރު ނުވެ ވޭތޯ ބެލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިން ވަރަށް މުހިންމެވެ.