(އެގާރަވަނަ ބައި)

ދުވަހުގެ ޑިއުޓީ ނިންމުމަށްފަހު 10 ޖަހަން ގާތްވަމުން ދިޔަ ވަގުތު ޒިހާންގެ މިޞްރާބު ހުރީ މާލޭގައި އުޅޭ މަންމަގެ އެކުވެރިއެއްގެ ގެއަކާއި ދިމާލަށެވެ. ހައްވައްތަގެ އަލަތު މާމަ ދަރިފުޅަށް 7 ދުވަސް ފުރުމުގެ މުނާސަބަތުގައި ބާއްވަން ނިންމާފައިވި ކުޑަ ޕާޓީއަށް އޭނައަށް ވެސް ދަޢުވަތު އެރުވިފައިވުމުންނެވެ.

ހައްވައްތަމެން އުޅޭ ޢިމާރާތާއި ގާތްވަމުން ދިޔަދިޔަހެން ޒިހާންގެ ސައިކަލު ހުއްޓުމަކަށް އައީ ކުއްލި ގޮތަކަށެވެ. އެވީ ގޮތުން އޭނައަށް ސައިކަލުގެ ތެޔޮ ހުރި މިންވަރަށް ބަލައިލެވުނެވެ. އެ މީޓަރުގެ ކަށި ވާތްފަރާތަށް ވެއްޓިފައިވި ގޮތުން ޒިހާނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެ ހިސާބާއި ކައިރީގައި ތެޔޮ އަޅާތަނެއް ނެތްކަން ހަނދާންވުމުން އޭނަ ސައިކަލުން ފޭބީ، ތެޔޮ ނޭޅުނު ކަމަށްޓަކައި އަމިއްލަ ނަފްސަށް ނުރުހުންވަމުންނެވެ. އަދި ސައިކަލު މަޑުމަޑުން ދުއްވަމުން ގޮސް ހައްވައްތަމެންގެ ޢިމާރާތުގެ ކައިރީގައި ބެހެއްޓިއެވެ.

އެވަގުތު ކޮޅުގައި މޫޑު ޚަރާބުވެފައިވިއެއްކަމަކު އެ ގޭގެ ތެރެއަށް ވަދެވުމާއެކު ޒިހާން ހިނިތުންވުމަކާއެކީ މޫނުމަތި އުޖާލާކޮށްލިއެވެ. ފުދޭވަރަކަށް ލަސްވެފައިވުމުން އެ ޕާޓީ ނިމި އެއްވެސް މެހުމާނަކު އެގޭގެ ތެރެއިން ފެންނާކަށް ނެތެވެ. އޭނައަށް އާދެވުނީ މާ ލަހުންދޯއޭ ބުނުމުން ހައްވައްތަ އޭނަގެ އަތުގައި ހިފައި ވެއްދީ ނޫނެކޭ ބުނަމުންނެވެ. ޒިހާން ނުފިލާ ހިނިތުންވުމާއެކީ ހައްވައްތައާއި، އަލަށް ދަރިއަކު ލިބުނު އޭނައާއި އެކުވެރި ލިއަމްއަށާއި ލިއަމްގެ އަންހެނުންނަށް މަރުޙަބާ ކިޔުނެވެ.

ލިއަމްގެ އަލަތު އަންހެން ދަރިފުޅު ކުޑަ އެނދެއްގައި ނިދިފައި އޮތް މަންޒަރު ފެނުމުން ޒިހާންގެ ހިނިތުންވުން ފުންވިއެވެ. މިއީ އޭނަގެ މުސްތަޤްބަލުގައި ވެސް ފެނިދާނެ މަންޒަރެއްތާއޭ ހިތް ބުނިތަނާހެން ހަނދާނަށް ވެރިވީ ޔުނާއެވެ.

ޒިހާން އެ ދަރިފުޅަށް ދީގެން ހުރި ފުން ނަޒަރުން ލިއަމް އައިސް އޭނަގެ ކޮނޑަށް އަތް ވައްޓާލިއެވެ.

"ކޮބާ ޒިހާން މިކަހަލަ ކަމެއް ކުރާނީ ކޮން ދުވަހަކު؟" ލިއަމް މަޑު އަޑަކުން ރާގަކަށް ސުވާލުކުރިއެވެ. އެއާއެކު ޒިހާން ލުއި ގޮތަކަށް ހީލިއެވެ. އަދި ސަމާސާވެރި ގޮތަކަށް އޭނަގެ ކޮނޑުމަތިން ލިއަމް އަތް ވައްޓާލަމުން އެ ކޮޓަރިން ނިކުތެވެ.

"ޒިހާން ވެސްވީ ދެން ތިކަން ކުރާށޭ..... މާ ލަސްވެއްޖެ މިހާރުވެސް. 26 އަހަރުވެ މުސްކުޅި ޢުމުރަށް ތި އެޅެނީ. މަ ވެއްޖެ ޝަކީލާއަށް ގުޅާފަ މި ވާހަކަ ދައްކަން. މުޅި ރާއްޖެ އަތް ފުނާ އަޅައިގެން ވެސް ޒިހާންއަށް ރަނގަޅު ކުއްޖަކު ހޯދަދޭން އެބަޖެހޭ...... ބަތް ކާނަންތަ؟" ހައްވައްތަގެ ވާހަކަ އަޑު އަހަމުން ގޮސް ލިއަމްއާއެކީ ޒިހާން ވެސް ސިޓިންގް ރޫމުގެ އެއްފަރާތުގައި ހުރި ކާމޭޒުދޮށުގައި އިށީނުމުން ހައްވައްތަ ސުވާލުކުރިއެވެ.

"ނޫނޭ ދައްތާ ކައިގެން މިހިރީ މިރޭ. ކުޑަ ގޮތެއް ހަދާލާނީ...." ޒިހާން އެތާހުރި ތަށްޓަކުން ކޭކުކޮޅެއް ނަގައިގެން ކަމުން ބުނެލިއެވެ. އެހެން އިންއިރު އޭނަގެ ޚިޔާލުތަކަށް ބާރު ފޯރުވޭތޯ ޒިހާން ގަދައަށް މަސައްކަތް ކުރަމުން ދިޔައެވެ.

ކުއްޖަކު ހޯދައިދޭ ވާހަކަ ބުނިހާއިރަށް އޭނަ ލޯބިވާ ކުއްޖަކު އެބަހުއްޓޭ ބުނެ ޒިހާންގެ ހިތް ހަޅޭއްލެވިއެވެ. އެ މަޢުޟޫއަށް އޭނަ އިތުރަށް ވާހަކަ ދައްކަން ބޭނުމެއް ނުވީ އެހެންނެވެ. އަދި އަމުދުން ކައިވެނީގެ ވާހަކަ އިވުމުން ވެސް ހަނދާންވަމުން ދިޔައީ އޭނަ އެދުނު އެދުމަށް ޔުނާ ދިން ޖަވާބެވެ.

ޔުނާގެ ނިންމުން ބަދަލުވެފައިވާނެތޯ އޭނަގެ ހިތް ހާސްވަނަ ފަހަރަށް ސުވާލުކުރުމާއެކު ސިކުނޑީގެ ހަމަޖެހުން ނެތެން އުޅުނެވެ. އޭގެ ކުރިން ޒިހާން އޭނަގެ ނަޒަރު އެތާ ފާރުގައި ހަރުކުރެވިފައިވި ޓީވީން ދައްކަމުން ދިޔަ ދިވެހި ޕްރޮގްރާމަކަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރިއެވެ. ހައްވައްތަ އޭނަގެ ކައިވެންޏޭ ކިޔައިގެން އިތުރަށް ކުދި ކިޔަމުން ދިޔައެއްކަމަކު، ޒިހާން ހިނިތުންވުންތައް ދައްކަމުން އެ ވާހަކަތައް އެއްކަންފަތުން ވައްދައި އަނެއް ކަންފަތުން ނެރެމުން ދިޔައެވެ. ދެކެވެމުން ދިޔަ ވާހަކަތަކުގެ ތެރެއިން ސައިކަލުގެ ފަހަތަށް އަރުވާނެ ކުއްޖަކު އޭރުން ހުންނާނެ ނޫންތޯ ބުނުމުން ޒިހާނަށް ވާހަކަ ދެކެވުނެވެ.

"އާނ ތިހެން ބުނީމަ މި ހަނދާންވީ ދައްތާ. މިރޭ މިގެއަށް މި އާދެވުނީ ހަމަ ކިރިޔާ. ސައިކަލުން ތެޔޮ ހުސްވެއްޖެ. އޭތި މިރޭ ޢިމާރާތުގެ ކައިރީގަ ބެހެއްޓިޔަސް މައްސަލައެއްނެތްދޯ؟" ޒިހާން ލިއަމްއަށާއި ހައްވައްތައަށް ބަލަމުން ސުވާލުކުރިއެވެ.

"ދެން ކިހިނެއް ޒިހާން ގެއަށް ދަނީ؟" ލިއަމް އެހިއެވެ.

"ހިނގާލާފަ ދާނީ. ކިތަންމެ ދުރުވިޔަސް އެއީ އަހަންނަށް މާ ބޮޑު ކަމެއް ނޫންކަން އެނގެއެއްނު؟" ޒިހާން އެއްމިޔަކަނުގެ ހިނިތުންވުމަކާއެކީ ބުނެލިއެވެ.

"އެކަމަކު އެހެން ކަމަކު ނުދާނެއެއްނު؟ ލިއަމްގެ ކާރު ގެންދޭ، ދޯ ދަރިފުޅު؟" ހައްވައްތަ ލިއަމްއަށް ދޯދިނެވެ.

"އާނ މަވެސް ބުނަން އުޅުނީ ތިހެން. ޒިހާން ރަށުގަ ދުއްވާ ކާރާއި ބަލާއިރު މަގޭ ކާރަކީ އެއްވެސް އެއްޗެއް ނޫން. އެކަމަކު ދުއްވާލެވޭތޯ ބަލާލާ. ޝުކުރު އަދާ ކުރަން ބޭނުމިއްޔާ ކުރީ ފަހަރުހެން ކާރު ސާފުކުރުވާފަ ޓޭންކް ފުލްކޮށްފަ އަނބުރާ ގެނެސްދީ.... އެ ބޭނުމުގަ އަސްލު ދޭން މިއުޅެނީ. ހެހެ..... އަންނާނަން ތަޅުދަނޑި ހިފައިގެން." ލިއަމް އެހެން ބުނެލަމުން ގޮނޑިން ތެދުވި އިރު ވާހަކަ ދެއްކި ރާގުން ޒިހާނަށް ވެސް ހީލެވުނެވެ.

ލިއަމް ދިޔަތަނާހެން ޒިހާންގެ ނަޒަރު އަނެއްކާވެސް ޓީވީއަށް ހުއްޓިގެން ދިޔައީ ކުއްލި ޚަބަރެއް ގެނެސްދޭ ވާހަކަ ޓީވީގެ ސްކްރީނަށް އަރައިގެން ދިޔުމުންނެވެ. ސިކުންތުކޮޅެއްފަހުން ޚަބަރު ކިޔަން ފެށީ ހުޅުމާލޭގެ 'ގްރޭންޑް ޕާރލް' ނަމަކަށް ކިޔާ ޢިމާރާތުގައި ހުޅުރޯވެ އަނދަމުންދާ ވާހަކައެވެ. އެ ވާހަކައިން ޒިހާންގެ ހިތުގެ ތެޅުމާއެކީ ނޭވާވެސް ހުއްޓުމަކަށް އައެވެ. ޚަބަރުގެ ތެރެއިން އެ ޢިމާރާތް ފެނި އެތާނގެ އެންމެ މަތީ ބައި އަނދަމުން ދިޔަ ގޮތުން ޒިހާނަށް ކޮޅަށް ތެދުވެލެވުނު ވަގުތު އޭނަގެ ހެއަށްވެސް ގޮތެއްވިއެވެ.

އެވަގުތު ތަޅުދަނޑި ހިފައިގެން އައި ލިއަމް ކިހިނެއްވީތޯ ސުވާލުކުރިއެވެ. ޒިހާން އެއަށް ޖަވާބެއްވެސް ދިނުމެއް ނެތި ލިއަމްގެ އަތުގައި އޮތް ތަޅުދަނޑި ޖަހައިގަންނަމުން އެގެއިން ނިކުމެގެން ދާން މިޞްރާބުޖެހިއެވެ. އިސާހިތަކު ޒިހާން ހާސްކަމާއެކީ ނިކުމެގެން ދިޔަ މަންޒަރު ބަލަން ލިއަމްއާއި ހައްވައްތައަށް ތިބެވުނީ ވާނުވާއެއް ނޭނގިފައެވެ. ޒިހާންގެ އެދުވަހުގެ ޑިއުޓީ ނިމިފައިވުމުން އަލިފާނުގެ ޙާދިސާ ހިނގި ހިސާބަށް އޭނަ ވަކި ދާން ނުޖެހޭނެކަން އެނގޭ ޙާލުގައެވެ. އޭރުވެސް ސިފައިންގެ މީހުން އެ އަލިފާންގަނޑު ނިވޭތޯ މަސައްކަތް ކުރަމުން ދިޔަކަން ވެސްމެއެވެ.

އެހެނަސް ލިއަމްގެ ކާރަށް އަރައި ކާރު ސްޓާޓްކޮށްލި ޒިހާނަށް ބާރު ސްޕީޑެއްގައި ދުއްވެން ފެށީ އެ ޞަރަޙައްދަށް ދިޔުމަށެވެ. ހިތުގެ ތެޅުން އަވަސްވެ ނޭވާ ކުރުވަމުން ދިޔަދިޔަހެން އޭނައަށް ކާރުގެ ސްޕީޑްވެސް އިތުރު ކުރެވެމުން ދިޔައެވެ.

އެ ބާރު ސްޕީޑްގެ ސަބަބުން ހުޅުމާލެއަށް ދެވުނުތާ ދެ މިނެޓެއްހާ ތެރޭ ޒިހާނަށް ގްރޭންޑް ޕާރލްގެ ޢިމާރާތަށް ދެވުނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޢިމާރާތާއި ކައިރި ހިސާބެއްގައި ކާރު ޕާކްކޮށްލުމަށްފަހު ކާރުން ފޭބުމާއެކު އޭނައަށް އެ ޢިމާރާތާއި ދިމާލަށް ދުއްވައިގަނެވުނީ ޢިމާރާތުގެ މަތިން އަނދަމުން ދިޔަ ފަންގިފިލާއަށް ބަލަމުންނެވެ.

އެތައް މީހުން އެތަނަކުން ނިކުންނަމުން ދިޔަ ގޭޓުން ޒިހާން ވަދެގެން ދިޔައީ ބިރެއްނެތިއެވެ. ބިރުގަންނަ ވަރަށްވުރެ ނުހަނު ލޯބިވާ މީހަކު އޭނައާއި ވަކިވެދާނެކަމުގެ ހާސްކަން ޒިހާންގެ ހިތް ވަށާލާފައިވިއެވެ. ޔުނާއަށް ގެއްލުމެއް ވެދާނެކަމުގެ ޚިޔާލުން ވެސް އޭނަގެ މޭގައި ރިހުމެއް އުފެދެމުން ދިޔައެވެ. މި ޙާދިސާ ހިނގުމުގެ ކުރިން އޭނައަށް ޔުނާގެ ގާތަށް ނުދެވުނު ކަމަށްޓަކައި އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. އަދި މިހާރު ވެސް އޭނައަށް އާދެވުނުލެއް މާ ލަސް ނޫންކަމަށް ހެއްދެވުމަށް އެތި ހިތާހިތުން ދުޢާކުރެވުނެވެ.

ޢިމާރާތަށް ވަދެގެން ދިޔަ ވަގުތު އެތާ އޮތް ފަޔާރ ޓްރަކްގެ ކައިރީގައި ހުރި ސިފައިންގެ މީހަކާއި ޒިހާން ވާހަކަ ދެއްކިއެވެ.

"ފަންގިފިލާގަ އެއްވެސް މީހަކު ހުރިތަ އަލިފާން ހިފިއިރު؟" ޒިހާން އެ ސުވާލުކޮށްލީ ހިތުގައި ޖެހި އުއްމީދުގެ ވިންދަކާއި އެކީގައެވެ. އެ ސުވާލަށް ނޫނެކޭ އިވޭނެކަމަށް ޒިހާނަށް އުއްމީދުކުރެވުނެވެ. އެހެނަސް.......

"ހުއްޓޭ މިތާ ތިބި މީހުން ބުނަނީ. 26 އަހަރުގެ އަންހެނެކޯ ހުރީ އެތާނގަ. އަހަރުމެން އެބަ މަސައްކަތް ކުރަން އޭނަ ފެނޭތޯ. އަދި މިހާތަނަށް ފެނިފައެއްނެތް." އެ މީހާ ޖަވާބުދިނެވެ.

އެއާއެކު ޒިހާން އަނެއްކާވެސް ކުއްލި ގޮތަކަށް ޢިމާރާތާއި ދިމާލަށް ދުވުމެއްގައި ދިޔައެވެ. ފަހަތުން އެ ސިފައިންގެ މީހާ އޭނައަށް ގޮވާލިއެއްކަމަކު ޒިހާން ފަހަތްވެސް ބެލުމެއްނެތި ޢިމާރާތަށް ވަދެގެން ދިޔައެވެ. އަދި ކުރިމަތިން ފެނިގެން ދިޔަ ސިޑިއާއި ދިމާލަށް މިޞްރާބުޖެހީ ޔަޒްދާންއާއި އޭނައާ ދެމެދު ވާހަކައެއްގެ މަތިން ހަނދާން ކުރަމުންނެވެ.

"އެޕާޓްމެންޓެއް ގަނެގެން މިއުޅެނީ ޒިހާން. ޢިމާރާތެއްގެ އެންމެ މަތީ ބައިން. އިޓްސް ނައިސް އެކަމަކު ކުޑަ ކޮންސާރންއެއް އެބައޮތް. ބޮޑު އަލިފާނުގެ ޙާދިސާއެއް ހިނގާފަ އެޕާޓްމެންޓްގެ މައިދޮރާއި ހަމައަށް ނުދެވުނިއްޔާ ވަރަށް ނުރައްކާތެރިދޯ؟ ޢިމާރާތުގެ ވެރިފަރާތާ ވާހަކަ ދައްކައިގެން ފަޔާރ ރެސްކިއު ލެޑާރއެއް ހަރުކުރަންވީތަ؟" ޔަޒްދާން އެއްދުވަހު އޭނަ ގާތު އެހިއެވެ.

"ލެޑާރއަކަށްވުރެ ފަސޭހަވާނެދޯ ސިޑި ބަރިއާ ދިމާލުން އެގްޒިޓެއް ހެދިއްޔާ؟"

ޒިހާން އެހެން ބުނުމުން ޔަޒްދާން އެ ވާހަކައާއި އެއްބަސްވަމުން ހޫންލައްވާފައިވެއެވެ. ޔަޒްދާން އެދުވަހު އެހެން ބުންޏެއްކަމަކު އެ 'އެގްޒިޓް' ހެދިކަމެއް ޒިހާނަށް ޔަޤީނެއް ނޫނެވެ. އަދި އަމުދުން ޔުނާއަށް އެއާއިމެދު އެނގޭ ކަން ވެސް ޔަޤީނެއްނޫނެވެ. ކޮންމެ ގޮތެއްވިޔަސް ޒިހާން ސިޑިން އަރައިގެން ދިޔައީ އެތަނުން ޔުނާ މިހާރުވެސް ސަލާމަތްވެފައިވާނެ ކަމުގެ އުއްމީދުގައެވެ. އެހެންނޫންނަމަ އެ ދޮރުގައި ތަޅައި ވައްޓައިގެން ވެސް ޔުނާ ސަލާމަތްކުރަން ޢަޒުމް ކަނޑައަޅަމުންނެވެ.

އެންމެ މަތީ ފަންގިފިލާއަށް ދިޔައިރު ފެނިގެން ދިޔައީ ޒިހާން އުއްމީދު ނުކުރާ ފަދަ މަންޒަރެކެވެ. އެ ސިޑިން އެއްކޮށް ނޭރެނީސް ސަލާމަތަށްޓަކައި ނިކުންނަން ހެދިފައިވި ހަނި ދޮރު ހުޅުވިފައިވިތަން ފެނި ޒިހާނަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. ޔުނާ އެ ދޮރުން ނިކުމެފައިވާކަން ޔަޤީނާއި ގާތް ކުރެވުނީ ދޮރުގެ ތަޅުގައި ހުރި ތަޅުދަނޑި ފެނުމުންނެވެ.

ދެންވެސް ޔުނާ ދިޔައީ ކޮންތަނަކަށްތޯ ހިތް ސުވާލުކޮށްލުމާއެކުހެން ޒިހާނަށް އަނެއްކާވެސް ސިޑިން ފޭބެން ފެށިއެވެ. މިނިޓްތަކެއްގެ ތެރޭގައި ޒިހާން އެންމެ ފަހު ފަންގިފިލާއަށް ފޭބުމާއެކު އެތަނުން ދިމާވަމުން ދިޔަ މީހުން ކައިރިން ޔުނާ ފެނުނުތޯ ސުވާލުކުރަން ފެށިއެވެ. އެހެނަސް އޭގެ ތެރެއިން ގިނަ މީހުން އޭނަ ކުރި ސުވާލަށް ޖަވާބު ދިނުމެއްނެތި ކުރިއަށް ދަމުން ދިޔައިރު އަނެއްބައި މީހުން ނޫނެކޭ ބުނަމުން ދިޔަ ގޮތުން އޭނަގެ ހިތް ގެނބެމުން ދިޔައެވެ. އެހެނަސް ޒިހާން އުއްމީދު ކަނޑާލުމެއްނެތި ޢިމާރާތުން ނިކުމެ ޢިމާރާތުގެ ގޯތި ތެރެއިން ދިމާވަމުން ދިޔަ މީހުން ކައިރިން ވެސް ސުވާލުތައް ކުރަމުން ދިޔައެވެ.

އެންމެ ފަހުން ގޭޓުން ނިކުމެވުނު ވަގުތު ކުރިމަތިން ކޮންމެވެސް ބޭބެއަކު ރޯ އަޑަށް ޒިހާނަށް އެދިމާލަށް ބަލައިލެވުނެވެ. އެވަގުތު މަގުގެ އަނެއްފަރާތުގައި ހުއްޓި ހުރީ ޒިހާނަށް އެ ޢިމާރާތުން އެންމެ ފުރަތަމަ ފެނިފައިވި ސެކިއުރިޓީ ބޭބެއެވެ. އެ ބޭބެގެ އަތުގައި އޭނަ އެދުވަހު ޙަވާލުކުރި ކުޑަ އޮތްތަން ފެނިފައި ޒިހާނަށް އެ ބޭބެ ކައިރިއަށް ދެވުނީ އިޚްތިޔާރަކާއި ނުލައެވެ.

"ބޭބޭ..... ބޭބެ ދުށިންތަ ޔުނާ މިތަނުން ނިކުމެގެން ދިޔަތަން؟" ޒިހާނަށް އަވަސްއަވަހަށް އަހާލެވުނެވެ.

"ން......ނޭނގެ. މިތާ ކުރިން ހުރި ބޭބެ ގެއަށް ފޮނުވާފަ ބޭބެ އައި ގަޑީގަ ޢިމާރާތުގެ ތެރެއިން އެއްޗެއް ގޮވި އަޑާއެކީ ހުޅުގަނޑު ބޮޑުވެގެން ދިޔައީ..... އޭރުވެސް އެލާމް އަޅައިގެން ޢިމާރާތުން ވަރަށް ގިނަ މީހުން ނިކުންނަން ފަށައިފި. އެމީހުންގެ ތެރެއިން ވަރަށް ފެނޭތޯ ބެލިން ޔުނާ ކަނބުލޮ. އެކަމަކު ބޭބެއަށް ނުފެނުނު. ކަނބުލޮގެ ކާރު އަދިވެސް މިތާނގަ އޮތީމަ ނުބައިކޮށް ހީކުރެވެނީ. އެކަމަކު ހިނގާފަ ދުރަށް ދިޔައީ ކަމަށްވެސް ވެދާނެދޯ؟ ކަނބުލޮއަށް ވަރަށް އުދަގޫވާނެ ދުންވަސް ޖެހުނީމަ. އެހެންވީމަ ދިޔައީ ކަމަށްވެސް ވެދާނެ...." ބޭބެ ރުއިމުގެ ތެރެއިން ވާހަކަ ދެއްކިއެވެ. ބޭބެގެ އެ ވާހަކަ އިވުމުން ޒިހާންގެ ހިތަށްވެސް ތަސައްލީއެއް ލިބުނެވެ. ބޭބެ އެ ބުނިހެން ވެދާނެކަމަށް ހިތް ބުނުމުންނެވެ. އޭނަ އިތުރު ސުވާލެއް ކުރަން އުޅުނު ވަގުތު ބޭބެ އިތުރަށް ވާހަކަ ދެއްކިއެވެ.

"ވަރަށް ހިތްހެޔޮ ކަނބުލޮއެއް އެއީ. އަހަރުމެން ބޭބެމެންނަށް ވެސް ވަރަށް އެހީވެދޭނެ. ކަނބުލޮގެ ބޭބެވެސް އަހަރުމެންނަށް ވަޞިއްޔަތްކޮށްފަ އޮތީ އެ ކަނބުލޮ ބަލަހައްޓަދޭން..... މި ކުޑަ ވެސް ބޭބެއަށް އަނބުރާ ނުދެވެނީސް މި ޙާދިސާ މިހިނގީ. އެރޭ ފަހުން ކަނބުލޮ އަނބުރާ ނައީތީ. ބޭބެ ބަލިވެގެން އުޅުނީތީ އެރެއަށްފަހު އަދި ކިރިޔާ ޑިއުޓީއަށް މިއައީ. އެރޭ ވާރޭ ވެހުނީތީ ބޭބެ ދިޔައީ މީތި ހިފައިގެން....." ބޭބެ ދެރަވެލާފައި ކިޔައިދިނެވެ. ޒިހާން އެ ވާހަކަތައް އަޑު އެހުމަށްފަހު ވާހަކަ ދެއްކިއެވެ.

"ޔުނާ ހުންނާނީ ޞައްޙަ ސަލާމަތުން ބޭބޭ އިން ޝާ ﷲ! ބޭބެ ބުނިހެން ޔުނާ ދިޔައީ ކަމަށްވާނީ. މަތިން ވެސް ނުފެނޭވިއްޔާ.... ބޭބެ އަހަންނަށް ތި ކުޑަ ދީ. އަހަރެން ތީތި ޔުނާއާ ޙަވާލުކޮށްލަދޭނަން." ޒިހާން ބުނެލިއެވެ. އެއަށްފަހު އެ ބޭބެ އަތުން ކުޑަ ހޯދައިގެން ގޮސް އެތާ ކައިރީގައި އޭނަ ޕާކްކޮށްފައި އޮތް ކާރަށް އަރައި ސްޓާޓް ކޮށްލިއެވެ.

ޒިހާން އެންމެ ފުރަތަމަ މަސައްކަތް ކުރީ އެ ޞަރަޙައްދާއި ކައިރި ހިސާބަކުން ޔުނާ ފެނޭތޯއެވެ. އެހެނަސް ފެންނަ ގޮތެއް ނުވުމުން އޭނަ އެންމެ ފަހުން ޔުނާގެ އެކުވެރިންގެ ގެ ތަކަށް ދިޔައެވެ. ކޮންމެވެސް އެއް އެކުވެރިއެއްގެ ގެއަކަށް ދިޔުމުން ޔުނާ އައި ވާހަކަ އިވުމުން އޭނަގެ ހިތަށް އާ ދިރުމެއް ލިބިގެން ދިޔައެވެ. ޔުނާ ދިޔައީ ޔުނާގެ ބޮޑުބޭބެގެ ގެއަށް ކަންނޭނގެއޭ އެ އެކުވެރިޔާ ބުނުމުން ޒިހާން އެގެއަށް ދާން ދުއްވާލީ ތެޅިތެޅި އޮތް ހިތަކާއި އެކީގައެވެ. ޔަޒްދާންގެ ފަރާތުން އެ ބޮޑުބޭބެގެ ޒާތް އެނގިފައިވާތީވެއެވެ. އެގެއަށް ގޮސް އެ ބޮޑުބޭބެ ކައިރިން ޔުނާއާއި ބެހޭގޮތުން ސުވާލުކުރުމާއެކު އިވުނު ބަސްތަކުން އޭނަގެ ހީ ޔަޤީނަކަށް ބަދަލުވިއެވެ.

"އޭނަ އައި ސަލާން ޖަހަމުން މަ ކައިރިއަށް. މަ ބުނިން މިގޭގަ ނެތޭ އޭނަ ބަހައްޓާނެ ތަނެއް." އެ ބޮޑުބޭބެ ރުންކުރު ރާގަކަށް ބުންޏެވެ.

"ދެން ކޮންތަނަކަށް ޔުނާ ދިޔައީ؟!" ޒިހާނަށް ހަރުއަޑުން އެހެން އަހާލެވުނީ ރުޅިވެރިކަމާއެކީގައެވެ. ދެއަތް ވެސް ގޮށްމުއްކެވިފައިވީ ކުރިމަތީގައި ހުރި މީހާގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލަން ބޭނުންވެފައިވާ ޙާލުގައެވެ.

"މަށަކަށް ނޭނގޭ..... ދެންމެ މިތާ ހުރެހުރެފަ ދިޔަ ތަނަކަށް ދާނެތާ. މަށަށް ކޮން ތުރާލެއް؟!" ބޮޑުބޭބެ އެހެން ބުނެލަމުން ޒިހާންގެ މޫނުމައްޗަށް ދޮރު ލައްޕާލިއެވެ.

ޒިހާން ސިކުންތުކޮޅެއް ވަންދެން ހުއްޓުން އަރާފައި ހުރެފައި އެ އިވުނު ބަސްތައް ސިކުނޑީގައި ގުގުމަމުން ދާ ޙާލު މަގުގެ ދެ ފަރާތަށް ނަޒަރު ހިންގާލުމަށްފަހު ކަނާތް ފަރާތަށް ހިނގައިގަތެވެ. އަދި އެތާ އޮތް ގޯޅިން އަޅާލަން އުޅުނީ ޔުނާ ދާނީ އެ މިޞްރާބުންކަމަށް ހިތް ބުނުމުންނެވެ.

ޒިހާނަށް އެ ގޯޅިއަށް އަޅާނުލެވެނީސް ވާރޭގެ ތިކިތައް ބޮލުގައި ޖެހެން ފެށިހެން ހީވުމުން އޭނައަށް އުޑަށް ނަޒަރެއް ދެވުނެވެ. މަތިން އޮހެން ފެށި ތިކިތައް ގިނަވާން ފެށުމާއެކު އަވަސް ފިޔަވަޅުތަކެއްގައި ކާރާއި ހަމައަށް ގޮސް ކާރުގެ ތެރެއިން ކުޑަ ނަގައި ކުޑައިގެ ހިޔަލުގައި އޭނަ ދެންމެ ދާން އުޅުނު ގޯޅިން އެޅިއެވެ.

އެ ގޯޅިން އަޅައިގެން ކުރިއަށް ދާން ފެށިތާ މާ ގިނައިރެއްނުވެ ޒިހާންގެ ފިޔަވަޅުތައް ލަސްވެގެން ދިޔައީ އޭނަގެ ކުރިމަތިން ކުރިއަށް ހިނގާފައި ދިޔަ އަންހެން ކުއްޖަކު ފެނުމުންނެވެ. ތުނިކޮށް ވެހެމުން ދިޔަ ވާރޭގެ ތެރެއިން ހިނގާފައި ދިޔައިރު ދެންމެ ދެންމެ އެ ފައި އަރި އަޅާލައިގެން ވެއްޓިދާނެހެން ހީވަމުން ދިޔައެވެ. އެކުއްޖާ ލައިގެން ހުރި ދިގު ހެދުމުންނާއި އަޅައިގެން ހުރި ބުރުގާއިން އެއީ ޔުނާކަން ޔަޤީންވީ ހިނދު ޒިހާންގެ ހިތަށް އުދަގޫވިއެވެ.

ޒިހާނަށް ޔުނާ ފެނުނުތާ މާ ގިނައިރެއްނުވެ ވާރޭ ބޯކޮށްލުމުން ފިޔަވަޅުތައް އަވަސްކޮށްލެވުނީ ބޭ އިޚްތިޔާރުގައެވެ. އޭނަ ބަލަބަލާ ހުއްޓާ ޔުނާ އެތާހުރި ޢިމާރާތަކާއި ދިމާލަށް ދާން ފެށުމުން ޒިހާން ހީކުރީ އެތާވެސް ޔުނާ ދަންނަ ބަޔަކު އުޅެނީ ކަމަށެވެ. އެހެނަސް ޔުނާ ނުހަނު ދެރަ ގޮތަކަށް ގޮސް އެ ޢިމާރާތުގެ ފާރަށް ލެނގިލުމަށްފަހު ބިންމައްޗަށް ތިރިވި ގޮތުން ޒިހާންގެ ހިތް ގެނބިގެން ދިޔައެވެ. ހުއްޓުމެއްނެތި އިހުނަށްވުރެ އޭނަގެ ފިޔަވަޅުތައް އަވަސްކޮށްލަމުން ގޮސް އަތުގައި އޮތް ކުޑައިން ޔުނާ ހިޔާ ކޮށްލީ، އަމިއްލަ ނަފްސު ވާރޭގެ ތެރެއަށް ދޫކޮށްލަމުންނެވެ. ކުޑަ ދިއްކޮށްގެން ހުރެވުނު ގޮތުން ޔުނާއަށް އޭނަ ނުފެންނާނެކަން އެނގުންވީ ވަގުތު ޒިހާން އެ ކުޑަ ލަސްލަހުން ހިއްލާލިއެވެ. އެހިނދު ޔުނާގެ ނަޒަރު އޭނައަށް އަމާޒުވެފައިވިތަން ފެނުމުން ހިނދުކޮޅަކަށް ނަމަވެސް އޭނަގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. އެހެނަސް ޙާލަތާއިމެދު ވިސްނާލަމުން އޭނަ ވަގުތުން ވާހަކަ ދެއްކިއެވެ.

"ޔުނާއަށް މިރޭ ހުރެވިދާނެ ތަނެއް އަހަންނަށް އެނގޭ..... ގެންގޮސްދީފާނަން ޔުނާ ބޭނުމިއްޔާ." ވާރޭގައި ތެމެމުން ދިޔަ ޒިހާން ސާބިތުކަން އެކުލެވިފައިވި އަޑަކުން ބުނެލިއެވެ.

ޒިހާން އެހެން ބުނުމުން ޔުނާ އިރުކޮޅެއް ވަންދެން އޭނައަށް ބަލަން އިނެވެ. ޒިހާންގެ މި އެހީ އޭނަ ޤަބޫލުކުރާނީތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. އޭނަ ހުރީ އިހަކަށް ދުވަހު ޒިހާން އޭނަ ގާތުން އެދުނު އެދުމުގައި ކޮޅުފައިން ޖަހަން ނިންމައިގެންނެވެ. އެހެނަސް ޒިހާން އޭނައަށް މި ދިއްކޮށްލަނީ ހާދަ ބޮޑު އިޙްސާންތެރިކަމެއްގެ އަތެކެވެ. އަދި އަމުދުން މިއޮތް ފަދަ ވަގުތެއްގައި ފިރިހެނަކު އެފަދަ ވާހަކައެއް ބުނުމުން އޭނައަށް އިތުބާރު ކުރެވެމުން ދިޔަ ގޮތުން ޔުނާ އަޖާއިބުވިއެވެ. ޒިހާން ނޫން އެހެން މީހަކު އެތާހުރި ނަމަ ޔުނާ ގައިގައި ވަރެއްނެތަސް ރުޅިވެރި ބަސްތަކުން އޭނަ އެމީހަކު ކުދިކުދި ކޮށްލީހެވެ. މިއީ ހައްތަހާވެސް އިސްތިޚާރާގެ ޖަވާބުތޯ ޔުނާއަށް އަމިއްލަ ޒަމީރާއި ސުވާލުކޮށްލެވުނު ވަގުތު ޒިހާން ދެވަނަ ފަހަރަށް އޭނަގެ ނަމުން ގޮވާލިއެވެ. އެއާއެކު ޔުނާއަށް ޒިހާނާއި ދިމާލަށް ބަލައިލަމުން ބޯޖަހައި އެ އެހީ ޤަބޫލުކޮށްލެވުނީ ބޭއިޚްތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ޒިހާން ޔުނާ ގޮވައިގެން ކާރާއި ހަމައަށް ދިޔަ ގޮތުން ވެސް ޒިހާނަކީ އޭނަގެ ހަށިފާރަވެރިޔާހެން ބަލާ މީހަކަށް ހީވެދާނެއެވެ. ޔުނާއާއި ދިމާލަށް ކުޑަ ދިއްކޮށްގެން ހުރިއިރު ޒިހާން މުޅިންހެން ތެމެމުން ދިޔައެވެ. އެ ވާހަކަ ބުނަން އުޅުނެއްކަމަކު ބުނާކަށް ނުކެރުނެވެ. އެހެންނޫނީ ބުނާނެހާ ހަކަތައެއް އެވަގުތު އޭނަގެ ކިބައިގައި ނެތީއެވެ.

ކާރާއި ހަމައަށް ދެވުމުން ޒިހާން ޔުނާއަށްޓަކައި ކާރުގެ ފަހަތު ދޮރުވެސް ހުޅުވައި ދިން ގޮތުން އޭނައަކީ ނުހަނު ޝާހީ އަންހެނެއްހެން އެވަގުތު ޔުނާއަށް ހީވިއެވެ. އަދި އަމުދުން ޒިހާން ކާރަށް އަރައި ކާރުގެ ފަހަތް ފެންނަ ލޯގަނޑަށް ބަލައިލުމުން ޔުނާ ފެނުމާއެކު ބެލުން ތިރި ކޮށްލަމުން އެ ލޯގަނޑު ކުޑަކޮށް މައްޗަށް ހިއްލާލިއެވެ.

ކާރު ތެރޭގައި އެދެމެދަށް ވެރިވެފައިވީ މަރު ހިމޭންކަމެވެ. ކާރު މަތީގައި ޖެހެމުން ދިޔަ ވާރޭ ތިކިތަކުގެ އަޑާއި ކާރުގެ ކުރިމަތީ ބިއްލޫރިގަނޑުން ވާރޭ ތިކިތައް ކަހަމުން ދިޔަ ވައިޕަރުގެ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް ނުއިވެއެވެ. އެހެނަސް ޔުނާގެ ސިކުނޑި އެކިއެކި ޝައްކުތަކުން ފުރެމުން ދިޔައެވެ.

ޒިހާން އޭނައަށްޓަކައި މި ކަންތައް ކޮށްދެނީ ޒިހާންގެ އެދުން އޭނަ ޤަބޫލުކުރާނެ ގޮތެއް މެދުވެރިކުރުވަންތޯ ހިތަށްއެރިއެވެ. ޒިހާންގެ އިޙްސާންތެރިކަމުގެ ބަދަލެއްގެ ގޮތުން އޭނަ ޖެހޭނީ ޒިހާނާއި އިންނަންތޯ ހިތާހިތުން ސުވާލުކުރެވެމުން ދިޔައެވެ.

އޭނަ ކުރިން އުޅުނު ގުޅުމުގައި ޖިނާހު އަބަދުވެސް އޭނައަށްޓަކައި ކަމެއްކޮށްދީފައި ވަނީ ބަދަލުގައި އޭނަ ކަމެއް ކޮށްދޭނެކަމުގެ އުއްމީދުގައެވެ. އެކަން އޭނައަށް އަބަދުވެސް އިޙްސާސް ކުރެވެއެވެ. ޖިނާހު ކޮށްދޭ ކަމެއްގެ ބަދަލުގައި އޭނަ ކަމެއް ކޮށްނުދީފިނަމަ ޖިނާހު ރުޅިވެސް އިސްކުރާ ތަން އާދެއެވެ. ތިމަންނަ މިވެނި ހަދިޔާއެއް ގަނެދިނުމުން ވެސް އިމްތިޙާނަކަށްޓަކައި 'ޑޭޓް'އެއް ކެންސަލް ކުރަނީތޯ ބުނަމުންނެވެ. އެހެންނޫނީ ތިމަންނަ މިވެނި ތަނަކަށް ޔުނާ އެހާވަރުން ގެންދިޔުމުން ވެސް އޭނައާއި ކައިރިވާން ދެ ބަސް ވާ ވާހަކައަށް އަލިއަޅުވަމުންނެވެ.

ޒިހާނާއިމެދު އެފަދަ ހީކުރުންތައް ޔުނާއަށް ހީކުރެވެމުން ދިޔައީ އެހެންވެއެވެ. ޒިހާން އޭނަ ގެންދާ ތަނަކަށް ގެންދިޔުމާއެކު އޭނަގެ ހިތުގައި ޒިހާނަށްޓަކައި އޮތް މަޤާމަކީ ކޮބައިކަން ސާފުކޮށް އޭނަ އަންގާލަދޭން ބޭނުންވިއެވެ. ޖިނާހާއިއެކީ އުޅުނުއިރު އޭނަ ކުރަން ޖެހުނު ފަދަ ޖަދަލުތަކާއި ކުރިމަތިލާނެހާ ހިތްވަރެއް އޭނަގެ ކިބައިގައި ދެން ނެތެވެ. އޭނަ ދެން އެއްވެސް ގުޅުމަކަށް ނުދާން ނިންމައިގެން ހުރި ސަބަބަކީ ވެސް އެއީއެވެ.

މިނެޓްތަކެއްގެ ތެރޭގައި ޒިހާން ކާރު ޕާކްކޮށްލީ މާލޭގެ ހައިބަތު ހުރި 10 ފަންގިފިލާގެ ޢިމާރާތުގެ ކުރިމައްޗަށެވެ. ޒިހާން ކާރު ޕާކްކުރުމަށްފަހު ކާރުގެ އިގްނިޝަން އޮފްކޮށްލުމުން ޔުނާއަށް ޒިހާންގެ ނަމުން ގޮވާލެވުނެވެ. އެއާއެކު ޒިހާންގެ ޙަރަކާތްތައް މަޑުވެގެން ދިޔައެވެ.

"އަހަރެން މި އެހީ ޤަބޫލުކުރިޔަސް އަދި އެއީ ޒިހާން ކައިވެންޏަށް އެދުނު އެދުން ޤަބޫލުކުރުމެއްނޫން. ހޯޕް ޔޫ އަންޑަސްޓޭންޑް." ޔުނާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. އޭނަ އެހެން ބުނެލިތާ މާ ގިނައިރެއްނުވެ ޒިހާން ލުއި ގޮތަކަށް ހީލި އަޑަށް ޔުނާއަށް އިސްއުފުލާލެވުނެވެ.

"އެހީވަނީ ޔުނާގެ ފަރާތުން އެއްވެސް އެއްޗެއް އަދި އެއްވެސް ކަމެއް ލިބިގަންނާކަށް ނޫން. އެހީވެވެނީ ލޯބިވާތީ. ޔުނާ ދަތި ޙާލެއްގައި ވާތަން ދެކެން ބޭނުމެއްނުވާތީ. ޔުނާ އަހަންނާ އެކުގައި ވިޔަސް އަދި އެކުގައި ނުވިޔަސް ޔުނާ ސަލާމަތުން އުފަލުގައި ހުރުން އަހަރެންގެ އެދުމަކީ....." ޒިހާން ވެސް އިންގޮތަށް އިނދެ ފަހަތް ބެލުމެއްނެތި ބުނެލިއެވެ. އެ ބަސްތަކުން އަނެއްކާވެސް ޔުނާގެ އިޙްސާސްތަކަށް އިންޤިލާބެއްއައެވެ.

(ނުނިމޭ)