ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ގާނޫނަށް އިސްހާލު ގެނައުން އަވަސްކުރުމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފި އެވެ.

އެމްއާރްއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނެވުނު އިސްލާހަކީ އެޕާޓީން ގަބޫލުކުރާ އުސޫލުތަކާ ހިލާފު އަދި ގާނޫނު އަސާސީ އާއި ތައާރަޒުވާ އިސްލާހެއް ކަމަށާއި އެއީ ގާނޫނު އަސަސާސީން ދީފައިވާ ހައްގެއް އުނި ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

އެމްއާރްއެމް ހިމެނޭހެން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ކުރި އިސްލާހީ މަސައްކަތުގައި ގާނޫނުއަސާސީގެ ރޫހާ ހިލާފަށް އޭރުގެ ސަރުކާރުން ގެނައި ބަދަލުތައް މުރާޖާކޮށް، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގާނޫނުއަސާސީއަށް އޭރު ސަރުކާރުން ގެނައި ބަދަލުތައް އިސްލާހު ކުރުމަށް ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އެގޮތުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވުނު 1 ވަނަ އިސްލާހު އުވާލައި، އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ދިނުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް އެއްބަސްވެފައިވާނެ ކަމުގައި ވެސް އެމްއާރްއެމުން ބަޔާނުގައިވެ އެވެ.

އެމްއާރްއެމުން ބުނީ، ފުލުހުން ލިޔުމުންދޭ ހުއްދައާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ކާނިވާ ސަރަހައްދުގައި ކަމަށް ބުނެ ހޯމް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު އިއުލާނުން ރައްޔިތުންނަށް ލިބިދީފައިވާ ހައްގެއް ހަނިކުރެވިގެންދާ މަންޒަރު ފެނިގެންދާ ކަމަށެވެ.

އެގޮތަށް މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބިގެން މިދަނީ، ގާނޫނު ހެދުމާއި ގާނޫނުތައް އިސްލާހުކުރުމުގެ ޒިންމާ ހަވާލުކުރެވިފައި ތިބޭ ފަރާތްތަކުން ފުރިހަމަ ގޮތުގައި އެޒިންމާ އަދާކުރެވިފައިނުވާތީ ކަމަށް ރައްޔިތުން މިއަދު ގާބޫލުކުރާ ކަމަށް ވެސް އެމްއެމްއާރުއެމުން ބުނެ އެވެ.

"ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުނު ކަމަށް ވާނީ ރައްޔިތުންނާ ގުޅުން ހުރި ގާނޫނުތައް ބަދަލުކުރެވި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރެވި، ގާނޫނުއަސާސީން ރައްޔިތުންނަށް އިންސާފު ލިބުމުންނެވެ. އެހެންކަމުން ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ގާނޫނުތައް އަވަހަށް އިސްލާހުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ގާނޫނުތައް އަވަހަށް އިސްލާހުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް އެމްއާރުއެމް އިން ގޮވާލަމެވެ،" އެޕާޓީގެ ބަޔާނުގައިވެ އެވެ.