އދ. މަންދޫއަށް ދޯނި ލެފުމުގެ 25 ވަރަކަށް މިނެޓް ކުރިން ވެސް އެ ދޯނިން ގެއްލުނު އެރަށު/ ރަންވިލާ އަލީ ޝާހު ދޯނި ތެރެއިން ފެނުނު ކަމަށް ދޯނީގެ ކެޕްޓަން ބުނެފިއެވެ.

މާލެއިން ފުރައިގެން މަންދޫއަށް ދަތުރުކުރި "ރަންތަރި" ދޯނިން ގެއްލުނު އުމުރުން 27 އަހަރު ޝާހު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑުންނާއި މަންދޫ ރައްޔިތުންނާ އެ އަތޮޅު މަހިބަދޫ ޕޮލިސް ސްޓޭޝަނުން ވެސް އަންނަނީ ކުރަމުންނެވެ.

އެ ދޯނީގެ ކެޕްޓަން އަބްދުއްރަހްމާން އިބްރާހިމް "ވަން" އަށް މިއަދު ބުނީ، ރޭ 7:00 ޖެހި ފަހުން ދޯނި މަންދޫއަށް ދިއުމަށް ފުރީ ހުޅުލެއިން ކަމަށެވެ. އަދި އޭގެން ގެއްލުނު ޒުވާނާއާއެކު ތިން ފިރިހެނުންނާއި ދެ އަންހެނުން އަދި ތިން ކުޑަކުދިން ދަތުރު ކުރި ކަމަށާއި އޭގެ ތެރެއިން ރަށަށް ހޯމް ކަރަންޓީނަށް ދިޔައީ ގެއްލުނު ޒުވާނާ އެކަނި ކަމަށެވެ.

ކައްޕި ބުނި ގޮތުގައި، ދޯނި މަންދޫއަށް ލެފީ ރޭ ދަންވަރު 1:20 އެހާކަންހާއިރު އެވެ. ނަމަވެސް ގެއްލުނު ޒުވާނާ ދޯނީގައި ނެތްކަން އެނގުނީ ރަށަށް ލަފައި، ދޯނިން މީހުންނާއި މުދާ ބާލައި ދޯނި ދޮންނަން އުޅުމުގެ ތެރޭގައި ކަމަށް ބުންޏެވެ.

"ލެފުމުގެ ގާތްގަނޑަކަށް 20 ނޫނީ 25 ވަރަކަށް މިނެޓް ކުރިން ދޯނި ތެރެއިން އޭނާ ފެނުނު. ދޯނީގެ މީހަކު އޭނައާ ވާހަކަ ވެސް ދެއްކި. އެކަމަކު ކަރަންޓީނަށް ގެންދާތީ އޭނާ ބަހައްޓާފައި ހުރީ އެކަހެރިކޮށްފަ... އެންމެ ފަހުން ފެނުނީ ދޯނީގެ އިންޖީނު ކޮށި ކައިރިން. އެއީ ދޯނީގެ އެންމެ ފަހަތްކޮޅާ ގާތްގަނޑާކަށް 10 ވަރަކަށް ފޫޓު ދުރު،" ކައްޕި ބުންޏެވެ.

އެމްއެންޑީއެފުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި، އެ ހާދިސާ ރިޕޯޓް ކޮށްފައިވަނީ މެންދަމު 2:10 ހާއިރުއެވެ.

ކައްޕި ބުނި ގޮތުގައި، މާލޭގައި ދިރިއުޅުނަސް ދޭތެރެ ދޭތެރެއިން ރަށަށް ގޮސް އުޅޭ އެ ޒުވާނާ ދޯނިން ވެއްޓުނީ ކަމެއް ނޫނީ ފުންމާލީ ކަމެއް ނޭނގެ އެވެ. ނަމަވެސް ދޯނި ދަތުރުކުރަމުން އައިއިރު ގަޔާއި ކަނޑުވެސް ގަދަ ނޫން ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން ބުނާ ގޮތުގައި، ޝާހު ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖިންސެކެެވެ. އަދި އޭނާއާބެހޭ އެއްވެސް ހަބަރެއް ވޭތޯ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށް ތަކުން ބަލައިދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.