ސުޝާންތު ސިންގުރާޖުޕުތު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަމިއްލަޔަށް މަރުވެފައިވާ މައްސަލަ ސީބީއައި އާއި ހަވާލުކޮށްގެން ތަހުގީގު ކުރުމުގެ ބޭނުމެއް ނެތް ކަމަށް މަހާރަސްތުރާގެ ހޯމު މިނިސްޓަރު އަނިލް ދޭޝްމުކު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޯމު މިނިސްޓަރު އަނިލް ވިދާޅުވީ، ސުޝާންތުގެ މަރުގެ މައްސަލަ ތަހްގީގު ކުރުމަށް ސީބީއައި ބޭނުން ނުވާ ކަމަށާއި މުމްބާއީ ފުލުހުންގެ ކިބައިގައި އެމައްސަލަ ތަހުގީގުކުރުމުގެ ގާބިލިއްޔަތުކަން އެބަހުރި ކަމަށެވެ. އެގޮތުން މުމްބާއީ ފުލުހުން އަންނަނީ އެ މައްސަލަ ހުރިހާ ދިމާއަކުންވެސް ރަނގަޅަށް ތަހުގީގު ކުރަމުން ކަމަށް ވިދާޅުވިއެވެ.

ހޯމު މިނިސްޓަރު އެހެން ވިދާޅުވެފައިވާއިރު، ސުޝާންތުގެ ލޯބިވެރިޔާ ރިޔާ ވަނީ ސުޝާންތުގެ މަރުގެ މައްސަލަ ސީބީއައި މެދުވެރިކޮށް ތަހުގީގުކޮށްދިނުމަށް އެދިފައެވެ. ރިއާ ވަނީ ސުޝާންތު އެހާ ބޮޑު ފިޔަވަޅެއް ކުއްލިޔަކަށް އަޅަން ނިންމި ސަބަބު އެނގެން ބޭނުންވާ ކަމަށް ބުނެފައެވެ.

ސުޝާންތުގެ މަރުގެ މައްސަލައާ ގުޅިގެން މިހާތަނަށް ވަނީ އޭނާގެ އާއިލީ ބައެއް މެންބަރުންނާއި އެކުވެރިންނާއި އަދި ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީއާ ވެސް ސުވާލުކޮށް ބަޔާން ނަގައިފައެވެ.