މުޖުތަމައުގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައި އާއިލީ ގުޅުންތައް ވަރުގަދަކުރުން މުހިންމު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބިު ރައީސް މިގޮތަށް ވިދާޅުވީ ސަރުކާރުގެ ސްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި ހިމެނޭ "ފަހުރުވެރި އާއިލާ" މި ދާއިރާގެ ދަށުން ކުރިއަށްގެންދާ ބައެއް ކަންކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

ނައިބު ރައީސް ވިދާޅުވީ މުޖުތަމައުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރުމުގައި ކަމާބެހޭ އިދާރާތަކާއި މަދަނީ ޖަމިއްޔާ އަދި ޖަމާއަތްތައް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

މި ބައްދަލުވުމުގައި ފަހުރުވެރި އާއިލާގެ ދާއިރާގައި ހިމެނޭ ކަންކަމުގެ ތެރެއިން ތަފާތުކުރުންތައް ނައްތާލުމާއި ހަވާސާވެފައިވާ އާބާދީތަކާ ގުޅިގެން އިސްކަންދޭ ގިނަ ކަންތައްތަކަށް އަލިއަޅުވާލާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އާއިލީ ދުޅަހެޔޮކަމާއި މުޅި މުޖަތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތަކާއި އާއިލާ ރޭވުމާއި ދަރިންނަށް ލިއްބައިދޭންޖެހޭ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް، މަޝްވަރާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އާއިލީ ގުޅުންތައް ބަދަހިކޮށް އާއިލީ ދުޅަހެޔޮކަން އިތުރުކުރުމާއި އާއިލާތައް ރޫޅުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް މަދުކުރުމުގެ ގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމުގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު އިތުރަށް ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާ މެދު ވެސް މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.