ލ. މާބައިދޫ އާ ނެރު ހެދުމުގެ މަސައްކަތުގެ 79 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ޖުމުލަ 16.4 މިލިއަން ރުފިޔާއަށް ހަވާލުކުރި އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ.
އެމްޓީސީސީން ބުނީ، ކުރީން ކަނޑާފައި އޮތް ނެރު ބަންދު ކުރުމުގެ މަސައްކަތާއި އާ ނެރެއް ކެނޑުމުގެ މަސައްކަތް މި މަޝްރޫއުުގެ ތެރެއިން ނިމިފައިވާ ކަމަށެވެ. ބްރޭކްވޯޓާ ހެދުމުގެ މަސައްކަތުގެ 63 ޕަސެންޓް ނިންމައި އެއްގަމު ތޮށިން ބޭރު ތޮއްޓަށް އަރާ ފާލަމުގެ ސްލެބް އެޅުމުގެ ތައްޔާރީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން 17،503.96 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 253 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ލުމާއި 19 މީޓަރުގެ ސަރަހައްދެއްގައި ސަބް މާޖް ބްރޭކްވޯޓާ ލުމުގެ އިތުރުން 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ފާލަން އެޅުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއު ނިމޭނެ ކަމަށް ލަފާ ކުރެވެނީ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ކަމަށެވެ.