ކުޅިވަރު

މާޒިޔާއިން ސްޓެވާޓްގެ އެއްބަސްވުން އާކޮށްފި

މިދިޔަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފެނިގެންދިޔަ ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޯނެލިއަސް ސްޓެވާޓް (ކޯނޭ) ގެ އެއްބަސްވުން އެޓީމުން އާކޮށްފިއެވެ.

މާޒިޔާއިން ސްޓެވާޓްގެ އެއްބަސްވުން އާކުރި ނަމަވެސް، އެޓީމަށް މިދިޔަ ސީޒަންތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ މެސެޑޯނިއާގެ ކޯޗު މަރްޖާން ސެލުކޮސްލީގެ ހަދާފައިވާ އެއްބަސްވުން އާކޮށްފައި ނުވާތީ އޭނާ ވަނީ އެނބުރި ގައުމަށް ގޮސްފައެވެ.

މި ދަނޑިވަޅުގައި ސެކުލޮސްކީގެ އެއްބަސްވުން އާ ނުކުރަން މާޒިޔާއިން ނިންމީ ކޮވިޑް 19 އާ ގުޅިގެން ކްލަބަކަށް ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެންކަމަށް އެޓީމުން ވަނީ ބުނެފައެވެ. އެހެންކަމުން ބެލެވޭގޮތުގައި މިސީޒަނުގައި އެޓީމަށް އިރުޝާދު ދޭނީ ރާއްޖޭގެ ކޯޗެކެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އެޓީމުން އަންނަނީ ދިވެހި ދެކޯޗަކާ ވާހަކަ ދައްކަމުންނެވެ.

2017 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށްވެސް ކުޅުނު ސްޓެވާޓް ވަނީ މޮޅު ކުޅުމެއް ދައްކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން ހޮވި 2018 ވަނަ އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

މާޒިޔާއާ 2018 ވަނަ އަހަރު ގުޅުނު ސްޓެވާޓް ވަނީ މާޒިޔާއިން މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދިއިރު، ކޮލިފައިން ބުރުގައި މާޒިޔާއިން ކުޅުނު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. އަދި މިދިޔަ ސީޒަނުގައި ވެސް އެޓީމަށް އޭނާ ވަނީ މޮޅު ކުޅުމެއް ކުޅެދީފައެވެ.

މާޒިޔާ އަކީ ރާއްޖޭގައި މިހާރު އެންމެ ވަރުގަދަ ސްކޮޑަކާއި އެކު ރާއްޖޭގެ ފުޓުބޯޅަ ލީޑް ކުރަމުން އަންނަ ޓީމެވެ.