ކޯވިޑާއެކު ނިއުނޯމަލްގައި ނޫސްވެރިން މަސައްކަތުގެ މާހައުލުގައި އުޅޭއިރު ރައްކާތެރިކަމުގެ ގޮތުން ސަމާލުކަން ދޭން ޖެހޭ ކަންކަމާއި ކޮވިޑްގެ ކަވަރޭޖް ގެނައުމުގައި ސަމާލުކަން ދޭންވީ ކަންކަން ހިމަނައިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދިވެހި ނޫސްވެރިންނަށް ހާއްސަކޮށް "ކޯވިޑް-19 ނޫސްވެރިންގެ އަތް މަތީ ފޮތް" މިއަދު އޮންލައިންކޮށް ޝާއިއުކޮށްފި އެވެ.
އެމްއެމްސީން ބުނީ ދިވެހި ނޫސްވެރިންނަށް ހާއްސަކޮށް ނެރުނު މި ފޮތަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން އެންޑޯސްކޮށްފައިވާ ފޮތެއް ކަމަށެވެ. މި ފޮތް އިނގިރޭސި ބަހުންވެސް ލިބެން ހުންނާނެ ކަމަށެވެ.
މި ފޮތް ނެރުމުގެ މަގުސަދަކީ ނޫސްވެރިން މަސައްކަތް ކުރަން ޖެހޭ ގޮތުން ކޯވިޑްގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅޭނެ އެއްބަޔަކީ ނޫސްވެރިން ކަމަށް ވާތީ އެ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުން ކަމަށް ވެސް އެމްއެމްސީން ބުންޏެވެ.
"ބަލިމަޑުކަމެއްގެ ކަވަރޭޖްގައި ނޫސްވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ޒިންމާ އާއި ނަފްސާނީ ގޮތުން ކުރިމަތިވާ ކަންކަމުން އަރައިގަންނަން ކުރެވިދާނެ ކަންކަން އަދި ގެންގުޅޭ އިކުއިޕްމަންޓް ސާފުކުރުމުގައި އަމަލު ކުރާނެ ގޮތްތައް ވެސް މި ފޮތުގައި ހިމަނާފައިވާނެ." އެމްއެމްސީން ބުންޏެވެ.
ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ކަންޓްރީ ކޯޑިނޭޓަރު، ޑރ. އަރުވިންދު މާތޫރު މި ފޮތުގައި ޝާއިއު ކުރެއްވި މެސެޖެއްގައި ވިދާޅުވީ މިހާރަށް ވުރެ ބޮޑަށް މީޑިއާތަކުން ބަލީގެ ސައިންޓިފިކް މައުލޫމާތާއި ބަލީގެ ސަބަބުން އަސަރު ކުރާ ފަރާތްތަކުގެ ވާހަކަތައް ގެނެސްދިނުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އަދި މި ބަލިމަޑުކަމުގެ ތެރެއިން ބިރުވެރިކަން އުފެއްދުމާއި ސައްހަ ނޫން ހަބަރުތައް ނުގެނައުމަށް ސަމާލުކަން ދިނުމަށް ވެސް އޭނާ ވަނީ ދިވެހި ނޫސްވެރިންނަށް އިލްތިމާސްކުރައްވައިފަ އެވެ.
ނޫސްވެރިންނާއި އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން އޮތްކަން ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެމްސީން ބުނީ މި ފޮތަކީ އާންމުންނަށް މައުލޫމާތު ގެނެސްދިނުމުގައި ބުރަކޮށް މަސައްކަތް ކުރާ އެންމެހާ ދިވެހި ނޫސްވެރިންނަށް ރަނގަޅު ބޭނުންތެރި ހަދިޔާއަކަށް ވާނެ ކަމަށެވެ. މި ފޮތް ޗާޕްކޮށްގެން ނެރެ، ހިލޭ ނޫސްވެރިންނަށް ބެހުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއެމްސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު