ކޮވިޑްޖެހި އިރާނުން މިހާތަނަށް 140 ޑޮކްޓަރުން މަރުވެއްޖެއެވެ.

އިރާނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވަނީ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށާއި މަރުވެގެން ދިޔަ ޑޮކްޓަރުންނަށް ހާއްސަ މަގާމެއް ދޭން ޖެހޭ ކަމަށް ބުނެފައެވެ.

އިރާނުން ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާ އިރު އެގައުމުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ލުއި ކޮށްފައިވަނީ އޭޕްރީލް މަހުގެ މެދުތެރޭގައެވެ.

މިހާތަނަށް އިރާނުން ދެލައްކައަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވާއިރު 13 ހާހަށްވުރެ ގިނަ މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

ސިއްހީ ފަރާތްތަކުންވަނީ އެގައުމުގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މީހުން ބޯ ނުލަނބާ ކަމަށް ބުނެފައެވެ. އެގައުމުގެ ރައީސް ހަސަން ރޫހާނީ ވެސް ވަނީ ގައުމުގެ ރައްޔިތުން މިހާލަތަށް ހޭނި އުޅުން ބަދަލުކުރުމަށް އެދިވަޑައިގެންފައެވެ. އަދި އާންމު އެއްވުން ތަކުން ދުރުހެލިވުމަށްވެސް އެދިވަޑައިގެންފައެވެ.