ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެރަށުން ބޭލުމަށް އާރުއައިއެކްސް (ރިޒް) ކުންފުނީގެ މައްޗަށް އަމުރެއް ނެރެފިއެވެ.
ސީލް މޯލްޑިވްސް އިން ރިޒް ކުންފުންޏާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ ސީލް މޯލްޑިވްސް އާއި ރިޒްއާ ދެމެދު، ބޮޑުފިނޮޅު ތަރައްގީކުރުމަށް ވެވުނު އެއްބަސްވުމުގެ 6.2 ވަނަ މާއްދާއާ ރިޒް އިން ހިލާފުވެފައިވާ ކަމަށެވެ. އެގޮތުން ސީލް މޯލްޑިވްސްގެ މުދަލަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާތީ، ރިޒް ކުންފުނީގެ މުވައްޒަފުން އެރަށުން ވަގުތުން ބޭލުމަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް ވަނީ އެދިފައެވެ.
ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓާ ހަވާލުވެގެން ހުންނެވި، ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފް ސޮއިކުރައްވައި ނެރުއްވާފައިވާ ވަގުތީ އަމުރުގައި ވަނީ ސީލް މޯލްޑިވްސް އާއި ރިޒް ކުންފުންޏާ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރިޒް ކުންފުނީގެ މުއައްޒަފުން ސީލް އިން މަސައްކަތްކުރުވުމަށް ބޮޑުފިނޮޅަށް އަރުވާފައިވާކަން، ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި މި މުވައްޒަފުން ރަށުން ބޭރުވުމަށް ރިޒް ކުންފުންޏަށް އެންގުމުގެ ބާރު، އެއްބަސްވުމުގެ 6.2 ވަނަ މާއްދާގެ ދަށުން ސީލް މޯލްޑިވްސްއަށް ލބިގެންވާ ކަމަށް އަމުރުގައިވެއެވެ.
އަމުރުގައި ވަނީ މެއި 23ގައި ސީލް މޯލްޑިވްސް އިން ފޮނުވާފައިވާ ސިޓީގައި ރިޒްގެ މުވައްޒަފުން ރަށުން ބޭލުމަށް އަންގާފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި ރިޒްގެ މުވައްޒަފުން 16 މެއިގައި އެރަށުގައި މާރާމާރީ ހިންގައި ސީލްގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށާއި އެފަރާތްތައް އެރަށުގައި އިތުރަށް ބައިތިއްބައިފިނަމަ، ސީލްގެ މުދަލަށާއި ރަށުގައި ތިބި އެހެން ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފާނޭކަމަށް އަންދާޒާކޮށް، އެ އެންމެން 31 މެއިގެ ނިޔަލަށް ރަށުން ބޭލުވުމަށް ރިޒް ކުންފުނިން އަންގާފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.
އަމުރުގައި ވަނީ އެ އެންގުމާ އެއްގޮތަށް އަމަލު ކުރުމަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 6.2 ވަނަ މާއްދާގައި ލާޒިމުކޮށްފައިވާ ކަމެއް ކަަމަށާއި އެ މުވައްޒަފުން ރަށުން ބާލައިފައި ނުވުމުގެ ސަބަބުން، މިމަހުގެ ދެވަނަ ދުވަހު ހިނގައިދިޔަ ހާދިސާގައި ސީލްއަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ސީލް އިން ބުނެފައިވާ ކަމަށެވެ.
"އެކަމަށް ބާރު ލިބޭހެން ހެއްކާއި ގަރީނާ ހުށަހަޅާފައިވާކަން އެނގެން އޮތުމުން، ސީލް މޯލްޑިވްސްއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށްޓަކައި، މި މައްސަލައިގައި ދައުވާ ލިބޭ ރިޒްގެ ފަރާތުން ބޮޑުފިނޮޅަށް އަރުވާފައި ތިބި އެންމެހައި ފަރާތްތަކާ ހަވާލުވުމަށް، އެފަރާތްތައް ވަގުތުން ވަގުތަށް އެރަށުން ބޭރުވުމަށާއި ރިޒް ކުންފުނީގެ މުދާ ނުވަތަ ތަކެތި ހުރިނަމަ، ވަގުތުން ވަގުތަށް އެތަކެތި ބޮޑުފިނޮޅުން ބޭލުމަށް ރިޒް ކުންފުންޏަށް އަންގަން،" އަމުރުގައިވެއެވެ.
މުސާރަ ނުދޭކަމަށް ބުނެ ބޮޑުފިނޮޅުގައި 13 ދިވެހިން ރަހީނުކޮށް، ބިދޭސީން ހިންގި މާރާމާރީގައި ވަނީ އެތަނުގެ ގިނަ ތަކެއްޗަށް ގެއްލުންދީފައެވެ. އަދި އެ ހާދިސާގައި ފުލުހުންނަށްވެސް ވަނީ އަނިޔާވެފައެވެ. އެ މައްސަލައިގައި 19 ބިދޭސީއަކު ހައްޔަރުކޮށްފައިވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު